މެންޗެސްޓާ ޔުނައިޓެޑަށް ދިމާވެފައިވާ ދަށް ނަތީޖާތަކުން އަރައިގަތުމަށް އެކުލަބަށް ކުޅުންތެރިން ގެންނަން ވަނީ ޖެހިފަ އެވެ.
ކޯޗު ރުބެން އަމޮރިމް މިހާރު ވެސް ވަނީ 10 ވަރަކަށްވުރެ ގިނަ ކުޅުންތެރިން ވިއްކާލަން ބުނެފަ އެވެ. އެއީ އޭނާ ބޭނުންވާ ކުޅުންތެރިން ގެނައުމަށެވެ. ނަމަވެސް ޖެނުއަރީ ޓްރާންސްފާގައި މާބޮޑު ބަދަލެއް ޓީމަށް ނުގެނުވުނެވެ. ކީއްވެ ހެއްޔެވެ؟ އާއްމުކޮށް އައު މެނޭޖްމަންޓަކުން ޓީމާ ހަވާލުވުމުން އެ ޓީމަކަށް ކުޅުންތެރިން ގެނެސް ވަރުގަދަ ކުރާނެ ކަމަށް ސަޕޯޓަރުން ހުވެފެން ދެކެ އެވެ. އެކަމަކު ޔުނައިޓެޑް ހިންގުމާ އިނގިރޭސި މަހުޖަނު ޖިމް ރަޓްކްލިފޭ ހަވާލުވި ފަހުން އަދި ފެންނަނީ ހަރަދު ކުޑަކުރަން ފިޔަވަޅު އަޅާތަނެވެ. ޓީމަށް ކުޅުންތެރިން ގެނެސް ވަރުގަދަ ޓީމެއް ބިނާކުރާތަނެއް ނުފެނެ އެވެ.
ސުވާލަކީ ޔުނައިޓެޑަށް މިކަން ނުކުރެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ހަގީގަތަކީ ޔުނައިޓެޑްގައި ހަރަދު ކުރާނެ ފައިސާ ނެތުމެވެ. ކީއްވެ ހެޔެވެ؟ ސަބަބަކީ ޕްރެމިއާ ލީގުގެ ޕްރޮފިޓް އެންޑް ސަސްޓެއިނަބްލިޓީ ގަވާއިދުގެ ދަށުން ޔުނައިޓަށް ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައި އެއްވެސް ހަރަދެއް ކުރަން ފުރުސަތު ނެތުމެވެ. ސަބަބަކީ އެންމެ ފަހުގެ ޖޫން ޓްރާންސްފާ މާކެޓުގައި ކުރީގެ ކޯޗު އެރިކް ޓެންހަގް ބޭނުންވި ކުޅުންތެރިން ގަތުމަށް 200 މިލިއަން ޕައުންޑް ހޭދަކޮށްފައިވުމެވެ.
ލީގުގެ ޕީއެސްއާރު ގަވާއިދު ބުނާ ގޮތުން އެއްވެސް ކުލަބަކަށް ތިން އަހަރު ތެރޭގައި 105 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއްގެ ގެއްލުމެއް ވެގެންނުވާނެ އެވެ. ނަމަވެސް ނިމިދިޔަ ސީޒަނުގައި އެކަނި ވެސް ޔުނައިޓެޑަށް ވަނީ 113 މިލިއަންގެ ގެއްލުމެއްވެފަ އެވެ.
މިހެންވެ ޓީމު ވަރުގަދަ ކުރެވެން އޮތް ހަމައެކަނި ގޮތަކީ މިހާރު ތިބި ކުޅުންތެރިންގެ ބައެއް ވިއްކާލުމެވެ. މާކަސް ރަޝްފޯޑާއި ހޯޝުއާ ޒިރްކްޒީ ފަދަ ކުޅުންތެރިން ވިއްކާލަން ޔުނައިޓެޑް މިހާރު މަޖުބޫރުވެފައިވަނީ މިހެންވެ އެވެ. މީގެ ތެރެއިން ރަޝްފޯޑް ވެސް ފޮނުވާލެވުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
ޖެނުއަރީ ޓްރާންސްފާ މާކެޓަކީ ސީޒަނެއްގެ މެދުތެރެ ކަމުން ޔުނައިޓެޑް ބޭނުންވާ އަގެއްގައި މިހާރުތިބި ގިނަ ކުޅުންތެރިން ވިއްކާލަން ދަތިތައް ދިމާވި އެވެ. އޭގެ ސަބަބުތައް ގިނައިރު ގިނަ ކުޅުންތެރިން ތިބީ ފޯމު ކަޓާފައި ތިބުމަކީ ވެސް އިތުރަށް މިކަން ކުރަން އުނދަގޫވި ސަބަބަކަށްވި އެވެ.
ޔުނައިޓެޑް މިހާރު އޮތް ހާލަތުން މަޝްހޫރު މޫނުތަކަށް ޔޫރަޕުގެ މުބާރާތްތައް ކުޅުމުގެ ފުރުސަތު ލިބުން ގާތީ ކުލަބު ބަދަލުކޮށްގެންނެވެ. މިހެންވުމާއެކު ޔުނައިޓެޑަށް މިހާރު ޖެހިފައިވަނީ ގަވާއިދުގެ ތެރެއިން ކުޅުންތެރިން ގަތުމަށް ބޭނުންވާ ޖާގަ ހޯދުމަށް މި ސީޒަން ނިމެންދެން މަޑުކުރާށެވެ. މިއީ ނޮވެމްބަރު މަހު ޓީމާ ހަވާލުވި ކޯޗު އަމޮރިމަށް ޓީމުގެ ނަތީޖާތައް ރަނގަޅު ކުރަން ކުރިމަތިވެފައިވާ އިތުރު މައްސަލައެކެވެ. އޭނާ ބުނަނީ ލިބިފައިވަނީ ޔުނައިޓެޑްގެ މުޅި ތާރީހުގައި ވެސް ފެނުނު އެންމެ ދަށް ޓީމު ކަމަށެވެ.
ޔުނައިޓެޑް ވަރުގަދަ ކުރަން ފައިސާ ނެތީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ