ރާއްޖޭގައި ސްޕާތައް ހަދަންވީ ތައިލެންޑްގެ ބެންކޮކްގައި ހުންނަ ގޮތަށް ކަމަށް ޕީޕީއެމް އަށް ނިސްބަތްވާ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު ސައީދާ ރަޝާދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި ހަތަރު ވަނަ ދައުރުގެ 182 ވަނަ ރަސްމީ ޖަލްސާގައި ސައީދާ ވިދާޅުވީ ބެންކޮކްގައި ސްޕާތައް ހުންނަ ގޮތަށް ރާއްޖޭގައި ސްޕާތައް ހެދުމުން، ބަލި މީހުންނަށް ވެސް ފަސޭހަތައް ލިބޭނެ ކަމަށެވެ.
"އަޅުގަނޑު ބުނަން ބޭނުންވަނީ ބެންކޮކްގައި ވެސް ހުރެއެއް ނޫންތޯ ސްޕާ. ހަމަ އެގޮތަށް ރާއްޖޭގައި ސްޕާތައް ބަހައްޓަންވީ ނޫންތޯ. އޭރުން ބަލި މީހުންނަށް ވެސް ނުލާހިކު ރަނގަޅުވާނެ ފައި މޮޑެ ދޯ ކަންތައްތައްކޮށް. މިހާރު އޯޕަންކޮށް ބޭއްވީމަ ރަނގަޅުވާނެހެން ހީވަނީ،" އޭނާ ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ދިވެހިން ސްޕާތަކުން ހިދުމަތް ހޯދުމަށް ބެންކޮކަށް ދާކަން ފާހަގަކުރައްވާ ސައީދާ ވިދާޅުވީ އެއަށްވުރެ މާލޭގައި އޯޕަންކޮށް ސްޕާތައް ހެދުން ރަނގަޅު ކަމަށެވެ.
"އެންމެން ދިވެހިން ބެންކޮކަށް ސްޕާއަށް. އެހެންވީމަ އެއަށްވުރެ މާ ރަނގަޅުވާނެ ނޫންތޯ މާލޭގައި އެގޮތަށް އޯޕަންކޮށް ސްޕާތައް ހެދީމަ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މާލެ ސިޓީގައި ސްޕާތައް ހިންގުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ގޮތެއް ނިންމުމަށް އިކޮނޮމިކް މިނިސްޓްރީން އެދިފައިވާތީ، އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު ކައުންސިލުގެ ކޮމިޓީއަކުން އަންނަނީ މަޝްވަރާކޮށް ލަފާ ހޯދަމުންނެވެ.
އެގޮތުން މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ސްޕާތައް ހިންގުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ކައުންސިލުން ގޮތެއް ނިންމަން ގިނަ އަދަދެއްގެ ވިޔަފާރިވެރިން އެދެމުންދާ ކަމަށެވެ.
އާޒިމް ވިދާޅުވީ ގާނޫނު ބުނާ ގޮތުން މާލެ ސިޓީގައި ސްޕާ ހިންގުމުގެ ހުއްދަ ދޭން ޖެހޭނީ މާލެ ސިޓީ ކައުންސިލުން ކަމަށާއި އިތުރު ހުއްދަތައް އެހެން އިދާރާތަކަށް ކައުންސިލުން ހުއްދަ ދިނުމުން ކަމަށެވެ.
މާލެ ސިޓީގައި ސްޕާތައް ހިންގުމާ ގުޅޭގޮތުން ކައުންސިލްގެ ކޮމިޓީގެ ނިންމުން ކައުންސިލްގެ ރަސްމީ ޖަލްސާއަށް އަންނަ ހަފްތާގައި ހުށަހެޅުމަށް މޭޔަރު ވަނީ އެދިފަ އެވެ. އަދި އެ މައްސަލަ އަންނަ ހަފްތާގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.
ރާއްޖޭގައި ސްޕާތައް ހަދަންވީ ބެންކޮކްގައި ހުންނަ ގޮތަށް: ސައީދާ ރާއްޖޭގައި ސްޕާތައް ހަދަންވީ ބެންކޮކްގައި ހުންނަ ގޮތަށް: ސައީދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ