ދަތުރުފުޅު ނިންމަވާލައްވައި، ރައީސް އެނބުރު މާލެ ވަޑައިގެންފި

މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އެނބުރި މާލެއަށް ވަޑައިގެންފިއެވެ. ތިން ދުވަހުގެ ދަތުރުފުޅަކަށް އެގައުމަށް ރައީސް ވަޑައިގަތީ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދައުވަތަކަށެވެ. އެގޮތުން، އެ ދަތުރުފުޅުގައި ރައީސް ވަނީ، މޯލްޑިވްސް - މެލޭޝިއާ ބިޒްނަސް ފޯރަމް 2025ގައި ތަޤުރީރު ކުރައްވާފައެވެ. އެތަގުރީރުގައި ރައީސް ވަނީ، ރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދަޢުވަތު ދެއްވާފައެވެ. އޭގެއިތުރުން، ރައީސް ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، އެ މީހުންގެ ހާލު ބައްލަވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމަށް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން އެ ގައުމުގައި ކިޔަވާ ދަރިވަރުންގެ "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން"އަށް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ. އެ ހަފުލާގައި، އެ މަނިކުފާނު ދިވެހި އައިޑީ ކާޑުގެ ޚިދުމަތާއި ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި، "މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން" އިފްތިތާޙްކޮށްދެއްވިއެވެ. އެއާއެކު، މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ވަނީ ރައީސް މުއިއްޒަށް "އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް" ގެ ދާއިރާއިން ޑޮކްޓާ އޮފް ފިލޯސަފީގެ އޮނޮރަރީކަން އަރުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ