އެއްބަސްވުން ބާތިލުކޮށް ޖާހު އިންވެސްޓްމެންޓުގެ "ދަ ގާޑަންސް" އެޗްޑީސީން އަތުލައިފި އެއްބަސްވުން ބާތިލުކޮށް ޖާހު އިންވެސްޓްމެންޓުގެ "ދަ ގާޑަންސް" އެޗްޑީސީން އަތުލައިފި

ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑެންސް" ގެ މަސައްކަތް ނިންމަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފައިވާ ފައިނަލް ނޯޓިސްއާ ހަމައަށް ތަން ނުނިންމުމުން، ޖާހު އާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފި އެވެ.
ޖާހުއިން "ދަ ގާޑެންސް" ގެ ނަމުގައި އިމާރާތެއް ތަރައްގީ ކުރަން ފެށީ 2017 ގަ އެވެ. އެ އިމާރާތުގެ މަސައްކަތް މިއަދާ ހަމައަށް ވެސް އެ ކުންފުނިން ނިންމާފައި ނުވާއިރު، އެތަނުގެ އެޕާޓުމެންޓުތައް ހުރީ ވިއްކައިފަ އެވެ.
އެޗްޑީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ "ދަ ގާޑެންސް" ގެ އެއްބަސްވުން ބާތިލުކުރީ އެ އިމާރާތުގެ މަސައްކަތް ނިންމުމަށް އެކި ފަހަރު މަތިން އެ ފަރާތަށް އިތުރު ކޮށްދިން މުއްދަތުގައި އެތަނުގެ މަސައްކަތްތައް ނުވުމުގެ ސަބަބުން އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހުގެ މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް މިދިޔަ ޖެނުއަރީ 27 ގައި އެ ކުންފުންޏަށް ދިނުމަށް ފަހު ކަމަށެވެ.
އެޗްޑީސީން ބުނީ އެ ނޯޓިސް ދޭތާ 45 ދުވަހުގެ ތެރޭގައި އެ ތަނުގެ މަސައްކަތްތައް ނިންމަންޖެހޭނެ ކަމަށް ބަޔާން ކޮށްފައި އޮންނާނެ ކަމަށާއި އެ މުއްދަތު ހަމަވާއިރު، ތަނުގެ މަސައްކަތް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކޮށް އެތަން އެޗްޑީސީއަށް ނަގާނެކަން ނޯޓިހުގައި ބަޔާން ކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް އެ މުއްދަތު ހަމަވިއިރު، ވެސް އެ ތަނުގެ މަސައްކަތްތައް ނިންމާފައި ނުވާތީ ތަން ހަވާލު ކުރަން އަންގާފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލު ކުރުމަށްފަހު އެ ތަނުގެ މަސައްކަތްތައް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ތަނުން އެޕާޓްމެންޓު ގަނެފައި ތިބި މީހުންނަށް ހިއްސާ ކުރަމުންދާނެ ކަމަށެވެ.
ޖާހު އިންވެސްޓްމެންޓާއެކު ވެފައި އޮތް އެއްބަސްވުން ބާތިލު ކުރީ "ދަ ގާޑެންސް" އިން އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހައިވެސް އަވަހަކަށް ހަވާލު ކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ