ޕެރިސް (މެއި 7) - މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ތާރީހުގައި ލިޔެވޭނެ ކާމިޔާބެއް ހޯދުމަކީ ޓާގެޓް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އާސެނަލްގެ ތާރީހުގައި އެ ޓީމަށް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާއިރު، އެ ޓީމުން މުބާރާތުގެ ސެމީ ފައިނަލުގައި މި ވާދަކުރަނީ ވެސް ތިން ވަނަ ފަހަރަށެވެ. މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ޕީއެސްޖީ އަތުން ބަލިވެފަ އެވެ. ދެ ވަނަ ލެގުގައި މޮޅުވާން މަޖުބޫރު މެޗެއްގައި މިރޭ އާސެނަލުން ޕީއެސްޖީ ދަނޑުގައި ކުޅޭނެ އެެވެ.
"ޗެމްޕިއަންސް ލީގުގެ ފައިނަލަކުން މޮޅުވުމާ ހަމައަށްދާއިރު، އެ މުބާރާތުގެ ތެރޭގައި ވަރަށް އާދަޔާހިލާފު ކަންކަން ހާސިލްކުރަން ޖެހޭނެ. އަހަރެމެން ވެސް މި މުބާރާތުގައި ވަރަށް ގިނަ ކަންކަން ހާސިލްކޮށްފިން، އެ ފަދަ ކަމެއް މާދަމާ (މިރޭ ޕީއެސްޖީ ދަނޑުގައި) ވެސް ކުރަން ޖެހިފައި މި އޮތީ،" މިރޭގެ މެޗުގެ ކުރިން އާޓެޓާ ބުންޏެވެ.
"އަހަރެންގެ އަމާޒަކީ މި ޓީމުގެ ލެވަލް މައްޗަށް ގެންދިއުން. އެ ލެވަލްގެ ކާމިޔާބެއް ހޯދުން. ތާރީހުގައި ލިޔެވޭނެ ފަދަ ކަމެއް ހާސިލްކުރުން. އެ ފުރުސަތު މި މެޗުން މި އޮތީ،"
އޭނާ ބުނީ، އާސެނަލްގެ ސީޒަން ބިނާވެފައި އޮތީ މި މެޗުގައި ކުރާ ކަންތައްތަކެއްގެ މައްޗަށް ކަމަށް ސީދާ ބުނެވެން ނެތް ކަމަށާއި އެކަމަކު، މި ސީޒަނަކީ ކާމިޔާބު އަހަރަކަށް ހެދުމަށް މިއީ ލިބޭނެ ފަހު ފުރުސަތުގެ ގޮތުގަައި ގަބޫލުކުރެވޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
ފުރަތަމަ ލެގުގައި އާސެނަލުން ދެއްކި ކުޅުމަށް ވުރެން އެތައް ގުނައެއް ރަނގަޅަށް މަސައްކަތް ކޮށްގެން ނޫން ގޮތެއްގައި އާސެނަލަށް ޕީއެސްޖީ ދަނޑުގައި ކާމިޔާބު ނުހޯދޭނެ ކަމަށް އާޓެޓާ ބުނެފައިވެ އެވެ. އަދި، ފުރަތަމަ މިނިޓުން ފެށިގެން ފަހު ވަގުތާ ހަމައަށް ފޯކަސް ބަހައްޓައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
ޕީއެސްޖީގެ ދަނޑުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.
އާޓެޓާގެ ޓާގެޓަކީ ތާރީހުގައި ލިޔެވޭނެ ކާމިޔާބެއް ހޯދުން އާޓެޓާގެ ޓާގެޓަކީ ތާރީހުގައި ލިޔެވޭނެ ކާމިޔާބެއް ހޯދުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ