ބޮޑު ޚަރަދުގައި ކިޔަވައިގެން ވަޒީފާ ނުލިބި 200 ޕައިލެޓުން އެބަތިބި: އަމީން
ބޮޑު ޚަރަދު ކޮށްގެން ޕައިލެޓުކަން ކިޔަވައިގެން އައުމުން ވެސް, ވަޒީފާ ނުލިބި 200އަށް ވުރެ ގިނަ ޕައިލެޓުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވަރަށް ގިނަ ދުވަސްވަންދެން، ވަޒީފާ ނުލިބި ސްޓޫޑެންޓް ޕައިލެޓުންގެ ގޮތުގައި ދަރިވަރުން ތިބޭ ކަމަށެވެ. އޭނާ ވިދާޅުވީ ވަޒީރުކަމާ ހަވާލުވުމުގެ ކުރީންވެސް އެކިއެކި ޕްލެޓްފޯމްތަކުގައި މި މައްސަލައިގައި ވާހަކަދައްކަވައިފައި ވާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ ކެޑޭޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ޕައިލެޓް ޓްރެއިނިން ހަދައިގެން އެހެން ގައުމުތަކުން ވަޒީފާ ލިބިފައިނުވާކަމެވެ. އަދި އެއީ ވާނެ ކަމެއް ނޫންކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ޕައިލެޓް ޓްރެއިނިން ހަދައިގެން ތިބޭ ބޮޑު ބެކްލޮގެއް އޮންނަކަމަށާއި، އެ ގައުމުގެ ރައްޔިތަކަށް ނޫނީ ޕައިލެޓެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން: އޭނާ ވިދާޅުވީ ކެޑޭޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ޕައިލެޓް ޓަރެއިނިން ހަދައިގެން އެހެން ގައުމުތަކުން ވަޒީފާ ލިބިފައި ނުވާކަމަށް -- ފޮޓޯ/ ރައީސް އޮފީސް "ޕައިލެޓުންގެ ޑިމާންޑް ކްރިއޭޓްވެގެން ޕައިލެޓުންގެ ވަޒީފާ މި ލިބެނީ ވަކި ވަރަކަށް ތަޖުރިބާ ލިބި ވަކި ވަރަކަށް އެކްޕީރިއަންސް ލިބުނީމަ. އަދި ޕައިލެޓެއްގެ ލައިސެންސް ފްލައިން ސްކޫލަކުން ހިފައިގެން އައީމަ އެއީ ހަމަ ކެޑޭޓް ޕައިލެޓެއް. އެ ޕައިލެޓުން ލައިގެން އެއްވެސް އެއާލައިނެއް ވެސް ނުހިންގޭނެ." އަމީން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު 200 އަށްވުރެ ގިނަ ކުދީން ޕައިލެޓް ލައިސެންސް ހަދައިގެން އައިސް ވަޒީފާ ނުލިބިފައި އެބަތިބި ކަމަށެވެ. ރާއްޖޭގައި ހުރީ ކެޑޭޓް ޕައިލެޓުން ނެގޭ ދެ ކުންފުނި ކަމަށާއި އެ ދެ ކުންފުނިން ނެގޭ ޖުމްލަ އަދަދަށް ބަލާއިރު ވެސް، އަހަރެއްގެ ތެރޭގައި ނެގޭނެ އަދަދާ ދިމާނުވާ ކަމަށް އަމީން ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ޒިންމާއަކީ އޮންނަ ފުރުސަތުތަކާ އެއްގޮތަށް ސަކޮލަޝިޕް ސްކީމް ދިނުން ކަމަށްވާއިރު، މިދިޔަ އަހަރުތަކުގައި އެ ސްކީމް ކުރިއަށްގެންގޮސްފައިވަނީ އެއާ ޚިލާފަށް، ސިޔާސީ ބޭނުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ ޕައިލެޓް ޓްރެއިނިންއަށް ދަނީ އޭލެވެލްއާއި އޯލެވެލްއިން މޮޅެތި ކުދީން ކަމަށާއި މައިންބަފައިންނަށް ވިސްނިފައި އޮންނަނީ ޕައިލެޓްކަން ކިޔެވުމުން ރަނގަޅު ވަޒީފާއާއި ބޮޑު މުސާރައެއް ލިބޭކަން ކަމަށެވެ. ނަމަވެސް ސްކޮލާޝިޕްތަކަށް ހުޅުވާލާއިރު ގައުމަށް އެ ވަޒީފާއެއް ބޭނުންވާ ވަރަށް ފުރުސަތުތަށް ހުޅުވާލުމަކީ ސަރުކާރު ހިންގަން ތިބޭ މީހުންގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދު ދިމާވެފައިމިވާ ހާލަތަކީ ސިޔާސީ ބޭނުމަށް ވިސްނާނުލާ އެކަން ކުރުމުން ކުރިމަތިލާންޖެހިފައިވާ ހާލަތެއް ކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ. މިއީ ދެރަވެ ހިތާމަކުރާ ކަމެއް ކަމަށް ވަޒީރު އަމީން ވަނީ ވިދާޅުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ވަޒީފާ ނުއުފެދޭތީ މިދިޔަ އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރިއިރު ޕައިލެޓުކަން ކިޔަވަން ދޫކޮށްފައި ވަނީ އެންމެ 10 ފުރުސަތެވެ. https://sun.mv/193093 ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އޭރު ބުނެފައި ވަނީ ޕައިލެޓުކަން ކިޔަވަން ބޭނުންވާ ކުދިންނަށް ލޯނުގެ ފުރުސަތު ދޭ މިންވަރު ގިނަ ކަމަށް ބުނެ މިނިސްޓްރީއަށް ވަރަށް ގިނައިން ޝަކުވާ ލިބޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ