ރިސޯޓް ހަދަން މޯލްޑިވްސް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ދޫކުރިތާ 17 އަހަރުވީއިރު ވެސް ނުނިމިފައިވާ ހދ. ނާގޯށި ނިންމުމަށް ބޮޑު ލޯނެއް ހޯދަން އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ.
އެނގުން މުހިންމު - ނާގޯށީގައި 600 އެނދުގެ ރިސޯޓް ހެދުމުގެ މަޝްރޫއުގެ ޓައިމްލައިން:
2007: ނާގޯށި ރިސޯޓް ހަދަން ރަޝިޔާގެ ތްރީކޭއާ ކުންފުންޏާ އެކު އެމްޓީޑީސީން ސޮއިކުރި
2016: ކުލި ނުދެއްކުމާއި މަޝްރޫއު ކުރިއަށް ނުގެންދާތީ ނުވަ އަހަރު ފަހުން އެއްބަސްވުން ބާތިލްކުރި؛ އޭރު ރިސޯޓްގެ %37 މަސައްކަތް ނިންމާފައިވޭ
2017: އެމްޓީޑީސީގެ އަތުން އެރަށް އަނބުރާ ޓޫރިޒަމް މިނިސްޓްރީއަށް ނެގި
2021: އާ ލީޒެއްގެ ދަށުން އެ ރަށް އަނބުރާ އެމްޓީޑީސީއާ ހަވާލުކުރި އަދި ދުބާއީގެ ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއާ ރިސޯޓް ހަދަން ރަށް ހަވާލުކުރި
2023: މަސައްކަތް ކުރިއަށް ނުދާތީ ތިން އަހަރު ފަހުން ގަލަދާރީއާ އެކު ހެދި އެއްބަސްވުން ބާތިލްކުރި
އެމްޓީޑީސީން މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އެ ކުންފުނީގެ 2023 ވަނަ އަހަރުގެ ބޭއްވި ހިއްސާދާރުންގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ވިދާޅުވެފައި ވަނީ ނާގޯށީ ނިންމުމުގެ މަސައްކަތް އެ ކުންފުނިން އަމިއްލައަށް ކުރަން ނިންމާފައިވާ ކަމަށާއި އެކަމަށް ވާން ޖެހޭ ގިނަ ތައްޔާރީތައް ވެސް ވެފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވެފައި ވަނީ:
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ރަށް އަލުން ހަދަން ފަށާނޭ ކަމަށް
ވީ ކިހިނެއް؟ - 'ދައުރު'އަށް އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި، ނާގޯށި އަލުން ހެދުމުގެ މަސައްކަތް ނުފެށި ވަނީ ފައިސާގެ ދަތިކަން އެމްޓީޑީސީއަށް ކުރިމަތިވެފައި ވާތީ އެވެ. އަދި ކުންފުނީގެ ބޯޑުން މިދިޔަ މަހު ނިންމާފައި ވަނީ އެ މަޝްރޫއު ނިންމުމަށް ބޭނުންވާ ވަރުގެ ލޯނެއް ހޯދުމަށެވެ.
ތަފްސީލް - އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި:
އެމްޓީޑީސީން މިހާރު ވަނީ ނާގޯށި ނިންމުމަށް ބޭނުންވާ 30 މިލިއަނެއްހާ ޑޮލަރު (462 މިލިއަން ރުފިޔާ)ގެ ލޯނެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ހުށަހަޅާފައި
އެކަމަކު، އެ ލޯން ދިނުމާ މެދު ގޮތެއް ނިންމިކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނޫން
އެކަމާ ގުޅޭ ގޮތުން އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ނިޔާޒުއާ ސުވާލުކުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން އޭނާ ޖަވާބެއް ނުދެއްވަ އެވެ. އަދި ބީއެމްއެލްގެ ބަހެއް ލިބޭ ގޮތެއް ވެސް ނުވި އެވެ.
ފާހަގަކޮށްލެވޭ - ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީޑީސީން ހިންގަން މަސައްކަތް ކުރި އެއްވެސް ރިސޯޓް މަޝްރޫއެއް ކާމިޔާބުވެފައެއް ނުވެ އެވެ. އެ ކުންފުންޏަށް ސަރުކާރުން ރިސޯޓް ހަދަން ދިން ގިނަ ރަށްތައް ވަނީ އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފަ އެވެ. އޭގެ ބައެއް ރަށްތަކުގައ ރިސޯޓް ހަދައިގެން ހިންގަ އެވެ. އެމްޓީޑީސީއަށް އާމްދަނީ ލިބެނީ އެ އެއްބަސްވުންތަކުން އެކަންޏެވެ.
ނާގޯށި ނިންމަން އެމްޓީޑީސީން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ