ލިބޭ އާމްދަނީން ހިންގުމުގެ ހަރަދު ވެސް ހަމަނުޖެހޭ، މަޝްރޫއުތައް ހިންގަން ލޯނު ނެގުން ނޫން ގޮތެއް ނެތް: މުއްތަލިބު ލިބޭ އާމްދަނީން ހިންގުމުގެ ހަރަދު ވެސް ހަމަނުޖެހޭ، މަޝްރޫއުތައް ހިންގަން ލޯނު ނެގުން ނޫން ގޮތެއް ނެތް: މުއްތަލިބު

ދައުލަތަށް ލިބޭ އާމްދަނީ އެކީހެން ހޭދަވަނީ ރިކަރަންޓު ހަރަދުތަކަށް ކަމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން ލޯނު ނެގުން ނޫން ގޮތެއް މި ސަރުކާރަށް ނެތް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ގދ. ފިޔޯރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބު ވިދާޅުވީ ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"އާމްދަނީއަށްވުރެ އިތުރަށް އަޅުގަނޑުމެން ރިކަރަންޓު ހަރަދުކުރަންޖެހެއޭ. އެހެންވީމަ މިފަދަ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރުން މި ޖެހެނީ އަބަދުވެސް ކޮންމެވެސް ތާކުން ލޯނެއް ހޯދަން. އެއީ ރާއްޖެ އެތެރެއިން ބޮންޑު ވިއްކައިގެން ނެގި ކަމުގައިވިޔަސް ރާއްޖެއިން ބޭރުން ލޯނު ނެގިކަމުގައިވީ ނަމަވެސް،" މުއްތަލިބު ވިދާޅުވި އެވެ.
ޗައިނާ އާއި އެމެރިކާ ފަދަ ގައުމުތަކުގެ މެދުގައި ހިނގާ ހިޔާލު ތަފާތުވުންތަކުގެ އަސަރު ރާއްޖެއަށް ކުރާ ކަމަށާއި އެފަދަ ކޮންމެ ބަދަލަކާއެކު ރާއްޖެއަށް ލޯނު ލިބުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ވެސް، މުއްތަލިބު ފާހަގަކުރެއްވި އެވެ.
"އެކަންކަން ރައްޔިތުން ގަބޫލުކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް. ހަގީގަތުގަ އަޅުގަނޑުމެންނަށް މަޝްރޫއެއް ހިންގަން ބޭނުންވާއިރުގަ ގޮސްފަ ބޭނުންވާ ވަގުތަކު ލޯނު ނަގައިގެން ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ. އަޅުގަނޑުމެންގެ އެތެރެއިން އެވަރަކަށް ލޯނެއް ނުލިބޭ،" މުއްތަލިބު ވިދާޅުވި އެވެ.
މި އުނދަގޫތަކާއެކު ސަރުކާރުން މަޝްރޫއުތައް ހިންގަނީ ދުރާލާ ރާވައިގެން ވިސްނުންތެރިކަމާއެކު ގިނަ ބަޔަކާއެކު މަސައްކަތްކަތެއް ކޮންގެންކަން އޭނާ ފާހަގަކުރެއްވި އެވެ. އެއާ ވިދިގެން ވިދާޅުވީ އެ މަސައްކަތް ގިނަ ފަހަރު ރައްޔިތުންނަށް ނުފެންނަ ކަމަށެވެ.
"އަޅުގަނޑު އެދެނީ ސަރުކާރުން ކުރާ މިފަދަ މަސައްކަތްތަކުގެ ވީހާވެސް ބޮޑަކަށް އެއްބާރުލުންދީ ސަރުކާރަށްވެސް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް އަޅުގަނޑުމެންނަށް ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރަމުންދާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެގެން ކުރިއަށްދިޔުން،" އޭނާ ވިދާޅުވި އެވެ.
މުއްތަލިބު މިފަދައިން ވާހަކަ ދެއްކެވިއިރު، ޕީއެންސީގެ ރިޔާސީ ކެމްޕޭނުގައި އޭރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އެއް ސަބަބަކީ ލޯނު ނަގައިގެން މަޝްރޫއުތައް ހިންގުމެވެ. އަދި، އަހަރަކަށްވުރެ އަހަރެއް ދަރަނި އިތުރުވަމުން ދިޔުމެވެ. ސަރުކާރާ ހަވާލުވުމަށްފަހު ވެސް ޕީއެންސީގެ އިސްވެރިން އެކި ފަހަރު މަތިން އެ ވާހަކަތައް ދައްކަވާފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ދައުލަތަށް ލިބުނީ 34.7 ބިލިން ރުފިޔާގެ އާމްދަނީ އެކެވެ. ނަމަވެސް، ރިކަރަންޓު ހަރަދަށް 37 ބިލިއަން ރުފިޔާ ހަރަދުވި އެވެ.
މި އަދަދުތައް މަދުކޮށް ހަރަދު ކުޑަކުރުމަށް އިދިކޮޅުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދަނީ މެދުކެނޑުމެއްނެތި ގޮވާލަމުންނެވެ. އެކަން ކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް، އަމަލީ ގޮތުން ހަރަދުތައް ކުޑަވާތަނެއް ނުފެނެ އެވެ.
ދައުލަތުން މުސާރައަށް ކުރާ ހަރަދު އިތުރުވެފައިވާ މައިގަނޑު ސަބަބަކީ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމެވެ.
ނޮވެމްބަރު 17، 2023 ގައި މި ވެރިކަން ފެށުނީއްސުރެ ސަރުކާރުން އައްޔަންކޮށްފައިވާ ޖުމްލަ ސިޔާސީ މުވައްޒަފުންގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އިދިކޮޅު ސިޔާސީން ތުހުމަތުކުރާ ގޮތުން ސިޔާސީ މުވައްޒަފުންގެ އަދަދު 3،000 އަށް ވުރެ މައްޗެވެ.
ހަރަދުކުޑަކުރުމުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން 248 މީހަކު ވަކިކުރި ކަމަށް މިދިޔަ ނޮވެމްބަރު 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި އެވެ. ނަމަވެސް އެ މީހުންގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެކަމުގެ ސަބަބުން ހަރަދުކުޑަވި ތަނެއް މާލީ ހިސާބުތަކަކުން ނުދައްކަ އެވެ.
ބައެއް ދާއިރާތަކުން ހަރަދުތައް އިތުރުވެފައިވާއިރު, ސަރުކާރުން އަޅަން ނިންމާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް ވަރަށް އަވަސްކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ވަނީ ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ