ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފަރުވާއަށް 25 މިލިޔަން ރުފިޔާ ޚަރަދުކޮށްފި

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފަރުވާއަށް ދައުލަތުން 25 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ހާމަކޮށްފިއެވެ.އެންސްޕާއިން މި މަޢުލޫމާތު ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުރައްވާފައިވާ ސުވާލުތަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. މެމްބަރު މުޙައްމަދު އިބްރާހީމް ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދީންގެ ތެރެއިން ތެރަޕީ ޚިދުމަތް ބޭނުންވާ ފަރާތްތަކުގެ އަދަދާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދު ސާފުކުރައްވާފައެވެ.އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއއަހަރުގެ މާޗު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން 675 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް 25.4 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ.މީގެ ތެރޭގައި 18 އަހަރުން ދަށުގެ 652 ކުއްޖަކަށް 24.8 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ޚިދުމަތް ހޯދުމަށް 30 ފަރާތަކަށް 1.2 މިލިޔަން ރުފިޔާ ފޯރުކޮށްދީފައިވާކަމަށް އެންސްޕާއިން ބުނެފައިވެއެވެ.މި ޚަރަދުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީ ފަރުވާ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެއްކަމަށް އެންސްޕާއިން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ