ކެމޮމައިލް 14
"ރުޅިއާއި، ހިތާމަ، މާޔޫސްކަން ހަސަދަވެރިވުން ފަދަ ހުރިހާ ކަމަކުން ހިތް ސާފުކުރާށެވެ. ބޭކާރުކަންތައްތަކާއިގެން ހިތާމަކުރުމަށްވުރެ ހަޔާތަކީ ކުރު އެއްޗެކެވެ." *** ކޮރިޑޯގެ އެންމެ ކޮޅުގައި ހުރީ އަންހެންކުއްޖެކެވެ. ފުރަގަސްދީގެންނެވެ. އިސްތަށިގަނޑުއޮތީ ތެމިފައެވެ. އެކުއްޖާގެ އަތުގައި އޮތީ ރިހިކުލައިގެ ހާރެކެވެ. ކޮންމެވެސް ތަނަަކުން ދެކެފައިވާ އެއްޗެކެވެ. ވަކި ކަހަލަ އައްޔެއް އެޅުމުން ވިދައެވެ. އޭނަ ގޮވައިލުމުންވެސް އެކުއްޖާ ބަލާނުލިއެވެ. އޭގެ ބަދަލުގައި އޭނައަށް ފަރިތަ ނާނާއެއް ކިޔަންފެށިއެވެ. އޭނަގެ މަންމަ ކިޔާ ނާނައެކެވެ. ކުއްލިއަކަށް ނޭފަތުގައި ޖެހުނީ ލޮނާއި ކެމޮމައިލްގެ ވަހެވެ. އޭނަ ހިތްވަރުކޮށްލާފައި އެ އަންހެންކުއްޖާ ހުރިތަނަށް ގޮސް ބަލައިލިއިރު އެކުއްޖާ ފެންނާކަށް ނެތެވެ. އެއްވެސް މީހަކު އެހިސާބުގައި ނޫޅެއެވެ. ފެންނަން ހުރީ ހަމައެކަނި ބޮޑު ލޯގަނޑެކެވެ. ތެޅިފައިވާ ބިއްލޫރިގަނޑުން ފެންނަނީ ފުސްކޮށެވެ. އެއަށް ބަލައިލުމުން އޭނައަށް ފެނުނީ އުމުރުން ދުވަސްވެފައިވާ އަންހެނެކެވެ. އޭނަ އެސްފިޔަ އަވަހަށް ޖަހަން ފެށިގޮތުން ހީވީ މިތަނަށް އަައި ބޭނުން ދެނެގަންނަން މަސައްކަތްކުރާހެންނެވެ. އެއާއެކު އެ ދުވަސްވެފައިވާ އަންހެނާގެ އަތުގައި ހިފަހައްޓައިގެން ހުރި ކުއްޖާގެ ސޫރަ ފައުޅުވާންފެށިއެވެ. "މަރްވާ...."ވައި އަޑަކުން ކިޔައިލިއެވެ. އެ އަންހެންކުއްޖާގެ ސޫރަ ސައުފުވާން ފެށުމާއެކު އެ ނަން ސިކުނޑީގެ ތެރޭގައި ގުގުމަން ފެށުމާއެކު މިރިއަމްއަށް ހޭލެވުނެވެ. އޭރު އޭނައަށް މާބޮޑަށް ފިނިވެ ތުރުތުރުލަމުން ދިޔައެވެ. "މަރްވާ..."އޭނަގެ ހުވަފެނުން ފެނުނު ކުއްޖާގެ ނަން ސިކުނޑީގައި ހަރުލާފައިވިއެވެ. އެއީ ކާކުހެއްޔެވެ؟ އޭނަ ދަންނަ އެއްވެސް މީހަކަށް އެނަން ނުކިޔާކަން ޔަގީނެވެ. އޭނަގެ ނަޒަރު ދަތުރުކުރީ ކުޑަދޮރާއި ދިމާލަށެވެ. ބޭރުން އުދަރެސް ފެންނަމުން ދިޔައީ ފުން ނޫކުލައެއްގައެވެ. ފަތިސްވުމުގެ ކުރިން އެހުންނަ ރީތި ހިތްގައިމުކުލައެވެ. ތިމާގެ ވުޖޫދުވެސް ގަންބާލާފަދަ ހިމޭންކަމކެވެ. ވައިރޯޅިތައް ހިނދިފައިވާވަރުން އެންމެ ފަތެއްވެސް ހިރިނުލައެވެ. ކުޑަދޮރުން ފިރުކިގެން ވަދެފައިވާ ފަނޑު އަލިކަމުގެ ތެރޭގައި އެނދުމަތީގައި އިށީދެ އެސްފިޔަޖަހަންފެށިއެވެ. މިއީ އޭނަގެ އުފަންދުވަހެވެ. ސޯޅަވަނަ އުފަންދުވަހެވެ. އެކަމަކު އެހެން ދުވަހެކޭ ތަފާތެއް ނެތެވެ. އެދުވަހަކަށް ހޭލެވޭއިރަށް އޭނަ އުއްމީދުކުރީ އިތުރަށް ބުއްދިވެރިވާނެ ކަމަށް ހެއްޔެވެ؟ ނޫނީ ސިކުނޑީގެ ހަލަބޮލިކަން ކެނޑި އަމާންވާނެކަމަށް ހެއްޔެވެ؟ ނޫނީ ޔަގީންކަމެއް އޮންނާނެ ކަމަށް ހެއްޔެވެ އެކަމަކު އޭގެ ބަދަލުގައި އެތެރެހަށި ކަމުން ދިޔައީ އެހެން އިހުސާސަކުންނެވެ. މޭކަނޑިގަނޑުގެ ތެރެއަށް ވެފައި ހުންނަ ވާންކަމަކަށް އެއްވެސް ބަދަލެއް ނައެވެ. ފަތިސް ނަމާދަށް ފަހު އޭނަ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއިރު މޫދު ފެންނާން އޮތީ ކަޅުކުލައިގައެވެ. އެކަމަކު ވަރަށް އޮމާންކޮށެވެ. ފަތިހުގެ އެ އަލީގައިވެސް ދަތުރަށް ތައްޔާރުވަމުން ދިޔަ ބޯޓު އޭނަގެ ލޮލުގައި އަޅައިގަތެވެ. ހަމްޒާ ވަކިވެގެން ދަނީއެވެ. އެ ޚިޔާލުއައުމާއެކު އަތު ޖެހުނު އެއްޗެއް ލައިގެން އޭނަ ނިކުތެވެ. ކަޅު ހެދުމަކާއި ބާވެފައިވާ ޗައްޕަލެވެ. ކުޑަކޮށް ޖެހިލުންވެފައިވެސް މުށިކުލައިގެ ބުރުގަލެއް ބޮލަށް މަހާލައިފިއެވެ. އީދުދުވަސްފަހުން ބުރުގާ ނާޅާ ގެއިން ނިކުންނަން އޭނަގެ ޟަމީރު ތަނެއްނުދިނެވެ. އޭނައަށް ލިބުނު އީދު ހަދިޔާ ފޮށީގައި އޮތް ކެވެލިކޮޅު އަތުގައި އަޅައިލުމުން އެ ރަންކުލަ ވިދަންފެށީ އިހު ޒަމާނުގެ ޝާހީ ގަހަނާއެއްފަދައިންނެވެ. ހުދުކުލައިގެ މުތްތައް އޭގައި އެލުވިފައިވުމުން ވަކިން ނަލައެވެ. އޭނައަށް އެ ކެވެލިކޮޅު ކުޑަކޮށް ބޮޑަސް އަތުން ސޮއްސާލައިގެނެއް ނުދެއެވެ. އެއްވެސް މޭކަޕެއްނެތެވެ. ސެންޓެއްވެސް ނެތެވެ. އޭނައާއި ހަމައެކަނި ކަނޑުން އަންނަ ވައިރޯޅިތަކާއި ބަސްނުމޮށެވޭ އެތައް ވާހަކަތަކެއް އެކުލެވޭ ދެލޮލެވެ. އޭނަ އަވަހަށް ހިނގައިގަތެވެ. އޭރު އުދަރެހަށްވެސް އަޅި އޮރެންޖްކުލައެއްވެރިވެއްޖެއެވެ. ވިލާތަކުގެ ވަށައިގެން ރަންކުލައިގެ ވިދުމެއްވިއެވެ. ނަގިލި އަޅާފައިވާ ބޯޓު ކަނޑުގެ ރާޅުތަކުގެ ތެރޭގައި ކުޑަކޮށް ހެލެމުން ދާތަން ފެނުނެވެ. ފިރިހެންވެރިން ގޯނިތަކާއި މުދާތައް ބަރާކުރުމުގައި އުޅުނުއިރު ބައެއް ދިމާލުން ފެންނަނީ ވަދާއުގެ ހިތްދަތި މަންޒަރުތަކެވެ. ހަމްޒާވެސް އެދިމާލުގައި މީހަކާއި ވާހަކަދައްކައިލަން ހުއްޓެވެ. ހަގީގަތުގައި މިރިއަމް ފަހަރެއްގައިވެސް ހަމްޒާއާއި ބައްދަލުކުރަން ވިސްނާފައެއްނެެވެ. އިއްޔެ އަވަށްޓެރިންގެތެރޭގައި ދެކެވުނު ވާހަކަތަކެއް އޭނަގެ ކަންފަތަށް ވަނެވެ. މަޑުމަޑުން އެކަމަކު ޝައުގުވެރިކަމާއެކުގައެވެ. ހަމްޒާ ދަނީ ގާހިރާއަށެވެ. ފިގުހު ކިޔަވަން ފަސް އަހަރުގެ ދިިގު މުއްދަތަކަށެވެ. ނޫނީ އެއަށްވުރެވެސް ގިނަ އަހަރުތަކެއް ވެދާނެއެވެ. އޭނަގެ ސިކުނޑި ނުހުއްޓުވަނީސް ފިޔަވަޅުތައް ހަރަކާތްކުރިއެވެ. މިރިއަމް ޖެހޭނީ ހަމްޒާއަށްޓަކާ އުފާކުރުމަށެވެ. ފަޚުރުވެރިވުމަށެވެ. އެކަމަކުވެސް އަދި ނުފުރަނީސް ވަކިވުމުގެ ރިހުން ހިތުގައި އުފެދިގަތެވެ. އެއާއެކު އޭނަވެސް މިހިރީ އައިހެވެ. ހަމްޒާވެސް މިހިރީއެވެ. ބޯޓަށް އަރަން ފާލަންމަތީގައި ހުރެގެން ފަޅުވެރިއަކާއި ވާހަކަދައްކަމުން ދިޔައިރު އޭނަ ހުރިކަމެއް ނޭގުނެވެ. އެނބުރި ބަލައިލުމާއެކު ހިނދުކޮޅަކަށް އޭނައާއި ހަތަރުކަޅި ހަމަވިއެވެ. އެކަމަކު ހަމްޒާ ހީނުލި ތާގައި އަނގައިން ބުނާކަށްވެސް ބޭނުމެއްނުވިއެވެ. އެކަމަކު އެ ނަޒަރު އޭނަގެ އަތުކުރިއަށް ދަތުރުކުރިއެވެ. އެ ނަޒަރުގައިވި ހަރުކަން ކަފަކޮޅެއްހެން މަޑުވިކަން ޔަގީނެވެ. އެލޮލުން ފެނުނީ ހައިރާންކަމެއްނޫނެވެ. ފަހަރެއްގައި އުފާވެރިކަމެވެ. އަމާންކަމެވެ. ކޮންމެވެސް ކަމެއް ދެނެގަތްކަހަލައެވެ. ހިތުގެ އަޑިން ކުރި ދުޢާ އިޖާބަވުމުން ހިތަށް ލިބުނު ފިނިކަން އެލޮލުން ދައްކުވާދިންފަދައެވެ. މިރިއަމްވެސް ބޯ ޖަހައިލިއެވެ. ހަމްޒާވެސް މެއެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް އެދެމީހުންގެ ދޭތެރޭގައި އެކުރެވުނު އިޝާރާތުން އެތައް ވާހަކައެއް ބުނެވިއްޖެއެވެ. އޭނަ ނަޒަރު ތިރިކޮށްލިއިރު ހިތް މަޑުޖެހިލިއެވެ. ހަމްޒާވެސް އެނބުރުނުގޮތަށް ބޯޓަށް އެރުމާއެކު ކަނޑުގެ އެއްބައިކަމުގައި ވެގެން ހިނގައްޖެއެވެ. ބޯޓު އުދަރެހުގެ ކޮޅުންގޮސް ލޯމަތިން ގެއްލެންދެން އޭނަ އެތާގައި ހުރިއިރު ހިތް ހުސްވިކަމުގެ އިހުސާސެއްކުރެވުނެވެ. ލޮލަށް އާވި އެޅުމުންވާފަދަގޮތަކަށް ކަރުނައިން ތެމުނެވެ. އޭނަގެ އަތުގައި އޮތް ކެވެލިކޮޅުގައި ރަން އަވި ބޮސްދެމުން މުޅި ހިސާބަށް އޭގެ ވިދުވަރު އަޅުވަމުން ދާތަން ފެނި އޭނައަށް ހީލެވުނެވެ. އޭނަ އާއެކޭ ބުނެފިއެވެ. އެވެސް އަންނަނީ އިންތިޒާރަކާއިއެކުގައެވެ. އިންތިޒާރު ގެނެސްދޭނީ ތަދެވެ. އެކަމަކު އެތަދުތެރޭގައި ފޮރުވިފައިވީ ލޯތްބެވެ. އަދި އެ ލޯބީގައި ކެތްތެރިކަން ވިއެވެ. *** މިރިއަމް ގެއަށް އައިއިރު އޭނަގެ ހިތްވަނީ މަސްހުނި އިހުސާސްތަކެއްގެ ތެރޭގައި ތާށިވެފައެވެ. ދެންވާނެ ގޮތަކާއިމެދު ވިސްނައިލެވުނެވެ. އޭނައަށް މުސްތަގުބަލުގައި ފޮރުވިފައިވަނީ ކޮންފަދަ ކަންތަކެއްހެއްޔެވެ؟ ހަމްޒާ އޭނައަށްޓަކާ އެނބުރި އަންނާނެހެއްޔެވެ؟ އޭނަ އަންނާނީ ފަސްއަހަރު ފަހުންހެއްޔެވެ؟ ނޫނީ އެއަށްވުރެ ކުރިން އައިސްދާނެހެއްޔެވެ؟ ދެން އޭނަގެ ހަނދާނައަށް އައީ ޒުބޭރުގެ ވާހަކަކޮޅެކެވެ. ޒުބޭރު ބުނިގޮތުން ހަމްޒާގެ މައިންބަފައިންވަނީ ސާޔާގެ ގެއަށް ޒިޔާރަތްކޮށްފައެވެ. އެދުވަހު މިރިއަމްވެސް އެގޭގައިވިއެވެ. ސާޔާއާއި ބަލާއިރު މިރިއަމްއަކީ ކާކުހެއްޔެވެ؟ ހުރިހާގޮތަކުންވެސް ސާޔާ އުޅޭނީ ކުރީގައެވެ. ޚިޔާލުތަކުން މިންޖުނުވެ ހުވަފެނެއްގައި ހެން އޭނަގޮސް ގޭގެ ކުޑަ ގޭޓުން ވަންނަން އުޅުނެވެ. "މިރިއަމް...." ސިހިފައި އޭނަ އެނބުރުނެވެ. އޭނަ ސާޔާއާއިމެދު ވިސްނުމާއެކު ކުރިމަތިން ފެނުނީ ކިހިނެއްހެއްޔެވެ؟ އޭނަ އަޑުއަހަނީ އެގޮތަށް ޝައިތާނާގެ ނަން ކިޔައިލާއިރަށް ހާޟިރުވާނެކަމުގެ އަޑެވެ. "ސާޔާ..ކޮންކަމެއް އޮތީ؟"އޭނަ ހުރީ އެގަޑީގައި އެކަނިވެލަން ބޭނުންވެފައެވެ. ސާޔާއާއި ވާހަކަދެއްކުމުގެ އެއްވެސް ޝައުގެއް ނެތަސް އޭނަ ސުވާލުކޮށްލިއެވެ. އޭނަގެ ސިކުނޑި ތޫފާނެއްއަރާފައިވާފަދައެވެ. އަދި ހިތްވެސް ފުރޮޅެކޭ ތަފާތެއްނެތެވެ. ސިކުނޑި ހަލަބޮލިކަމުން ބަޔާންކޮށްދޭން ހަކަތައެއްވެސް ގަޔަކު ނެތެވެ. "އަހަރެން ދުށިން މިރިއަމް އަންނަނިކޮށް. ދެރަވެފައި ހުރިހެން ހީވާތީ..ކިހިނެއްވީ؟"ސާޔާ ޖެހިލުންވެފައިވެސް ކައިރިއަށް އައެވެ. "އަހަންނަކަށްވެސް ނޭގޭ ސާޔާ..އަހަރެން ޖެހޭ އިތުރު ކަންތައްތައް ކުރަން....ބޭކާރުކޮށްލެވުނު ކަންތަކާއިމެދު މިވިސްނަނީ. ގޯސްކޮށް ކުރެވުނު ކަންތައް ރަގަޅުކުރާނެ ގޮތެއްވެސް. އަހަންނަށް ފެނޭ ސާޔާ ކަހަލަ ކުދިން. އަދި ހަމްޒާވެސް. އޭނަގެ ޒަކާތުގެ އިވެންޓް..އަހަރެން އަބަދުވެސް މިހުންނަނީ އުއްމީދު ކެނޑި މާޔޫސްވެފައި.އަހަންނަށް ރަގަޅު މުސްތަގުބަލެއް ނުފެނޭ...."އޭނަ ފުން ނޭވާއެއް ދޫކޮށްލިއިރު ކޮނޑުވެސް ސޮހިއްޖެއެވެ. "އެހާ ފަސޭހައެއްނޫން ދޯ؟ އެހެން މީހުން އެވަރަށް ދޭއިރު ފަހަތުގައި އުޅެވުނީމަ..އެކަމަކު މިރިއަމް. ހަނދާންކުރަން ޖެހެނީ ﷲގެ މަގަށް ކުރާ ދަތުރަކީ ޒާތީ އެއްޗަކަށްވުން...އެހެން މީހުންނާއި އަޅާ ކިޔާނެކަމެއްނެތް.ތިމާއަށް ކުރެވޭނެ އެންމެ ރަގަޅަށް ކަންތައްކުރުން އޭގައި އޮންނާނީ.އަދި ހިތުގެ އިޚުލާސްތެރިކަމާއި ނިޔަތް....."ސާޔާއަށް އޭނަގެ ހިތުގެ ހަގުރާމަ އޮޅުން ފިލިއެވެ. "އަހަންނަށް އެނގޭ. ބައެއް ފަހަރު ހަމަ ބަދަލުވުން މާ ލަސްވެއްޖެހެން ހީވޭ. ލައިކް މާ ބޮޑަށް ގޯސް ހެދިއްޖެ.."އޭނައަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. "އެއްވެސް އިންސާނެއްގެ ޚިޔާލަށް ނުގެނެވޭވަރަށްވުރެ ﷲ ތައާލާގެ ރަހުމަތް ތަނަވަސްވެގެންވޭ. އެއްގޮތަކަށްވެސް ﷲ ތައާލާގެ ރަހުމަތާއިމެދު މާޔޫސްނުވައްޗޭ. އެހެން ގުރުއާންގައި ވަހީކުރައްވާފައިވަނީ. ކިތަންމެ ވަރަށް ގޯސްހެދުނަސް އަބަދުވެސް ފާފަތައް ފުއްސަވާދެއްވާ.ހަމަ އިޚުލާސްތެރިކަމާއިއެކު ﷲގެ ހަޟުރަތަށް ކުރިމަތިލާންވީ. ކޮންމެ ތަނެއްގައި އަހަރެމެން ތިއްބަސް. އަދި އަހަރެމެން ﷲގެ ހަޟުރަތަށް ދާން އަޅާ ކޮންމެ ފިޔަވަޅެއްދެކެ އެފަރާތުން ލޯބިވެވޮޑިގެންވޭ..."ސާޔާގެ ޖުމްލަތަކުގައި ވިސްނުންތެރިކަމާއި ހިކުމަތްވިއެވެ. އޭނައަށް އިސްޖަހައިލެވުނީ އެ ލަފުޒުތަކުގެ ބުރަދަން އުފުލަން ކުޅަދާނަނުވެގެންނެވެ. އޭނަ ކުރިން އެތައްފަހަރު އެވާހަކަތައް އަހައިފިއެވެ. މިއަދު ކުރެވުނީ ތަފާތު އިހުސާސްއެކެވެ. ހީވީ ހަމަ ހަޔާތުގެ ރޮގު ފެނުނުހެންނެވެ. "މި ހަދީސް ހަނދާން އެބަހުރިތަ؟ އިފް ޔޫ ކަމް ޓު ﷲ ހީ ކަމްސް ޓު ޔޫ ރަނިން" ސާޔާގެ އަޑު ލުއި ވައިރޯޅިއެއްފަދައެވެ. "އެ ލަފުޒުތައް އޭނަގެ ހިތުގެ އެންމެ ފުނުގައި ބީހިލިއެވެ."އާނ ހަނދާން އެބަހުރި..." "އެއީ އޭގެ އެންމެ ރީތި ހަގީގަތަކީ. އަހަރެމެން ކޮންމެހެން އެންމެ ފުރިހަމަވާކަށް ނުޖެހޭނެ. ކިތަންމެ ކުޑަ ފިޔަވަޅެއް ނެގިޔަސް އަޅަމުން ކުރިއަށް ދާން ޖެހެނީ. ކުއްލިއަކަށް އަދި އެންމެ މައްޗަށް ނޭރުނަސް ހަމަ ޓްރައި ކުރަން ޖެހެނީ. ﷲ ތައާލާ ވޯންޓްސް އަސް ޓު ކީޕް ޓްރައިން....." ސާޔާގެ ލޮލުގައި ވީ ޔަގީންކަމެކެވެ. އޭނަގެ ހިތަށްވެސް މަޑުމަޑު ހޫނުކަމެއް ފޯރިއެވެ. "ޖެންޓްލް ރިމައިންޑާއެއް އަސްލު ހުރިހާކަމަކާއި އެކުގައިވެސް ބަދަލުވުމުގެ ފުރުސަތު އެބައޮވޭ. ކުރިން އެހާވަރަށް ސަމާލުކަން ނުދެވުނީ ކީއްވެބާ..."ސާޔާ ހިތާހިތުން ކިޔައިލިއެވެ. އެ ހިތްފަސޭހަ ހެނދުނުގެ ހިމޭންކަމަށް ގެއްލިފައި ހުރިއިރު އޭނައަށް އެނގުނީ ﷲ ތައާލާގެ ރަހްމަތްފުޅުގެ ތަނަވަސްކަމެވެ. ކައިރިކަމެވެ. އޭނަގެ ފުރަތަމަ ފިޔަވަޅެ އަޅާހާ ގާތުގައެވެ. "އަހަންނަށް ސާޔާހާ އަޅުވެރި ކުއްޖަކަށް ވެވޭނެކަމެއް ނޭގޭ.."އޭނަ ޝައްކުން ފުރިފައިވާ ރާގަކަަށް ބުނެލިއެވެ. "މިރިއަމް. އަޅާ ނުކިޔާށޭ ބުނަމެއްނު...އަހަންނަކީވެސް ތިބުނާހާ ފުރިހަމަ މީހެއްނޫން. އަމިއްލަ އިމްތިހާނުތަކާއި ސްޓްރަގލްތައް ވޭ...މިރިއަމް އަޅާ ކިޔަންޖެހޭނީ ކުރީގެ މިރިއަމްއާއި..ކޮންމެ ދުވަހަކީ އާ ފުރުސަތެއް...ﷲގެ ރަހުމަތާއި ދިމާލަށް ދަތުރުފަށަން ލިބޭ ޗާންސެއް...ކުރިއަށްވުރެ ރަގަޅުވާން ލިބޭ ޗާންސެއް..." އޭނަ ހިންދިރުވައިލިއެވެ. އެތެރެހަށިން ކޮންމެވެސް އެއްޗެއް މަޑުމަޑުން ހިރިލިއެވެ. އާއެކެވެ. ސާޔާ ބުނާފަދައިން އެންމެ ފުރިހަމަވާކަށް ނުޖެހެއެވެ. ހުރިހާކަމެއް ވަގުތުން ކޮށް ނިންމަން ނުޖެހެއެވެ. ދުނިޔޭގެ އެ ހިމޭން ނާނާގެ ތެރެއިން އޭނަގެ ހަށިގަނޑުގެ ތެރެއިން ހިރިލީ އުއްމީދުގެ ކަންޏެކެވެ. "ތެންކިއު ސާޔާ...އަހަރެން ތިފަދަ ނަސޭހަތެއް އަޑުއަހަން ބޭނުންވެފައި މިހިރީ.." އޭނަ ހިނިތުންވެލިއެވެ. "އަބަދުވެސް މިރިއަމްއަށްޓަކާ މިހިރީ. ދެމީހުން އެކީގައި މި ދަތުރުދާނީ..." ސާޔާ ހިނިތުންވެލިއިރު އެލޮލުން ފެނުނީ އޯގާތެރިކަމެވެ. މިރިއަމް ގެއަށް ވަނެވެ. އޭނަގެ މެޔަށް ވެފައި ހުރި ބާރު ލުއިވެލިއެވެ. އެއްވެސް ކަމެއް މިވަގުތުން ވަގުތަށް ނިންމާކަށް ނުޖެހެއެވެ. އަވަސްވާކަށް ނުޖެހެއެވެ. އޭނަ ފުރަތަމަ ފިޔަވަޅު އަޅައިފިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ