އާސެނަލްގެ މޮޅާ އެކު ލިވަޕޫލަށް އިތުރު އިންތިޒާރެއް
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން އިޕްސްވިޗް ޓައުން ބަލިކޮށް، ލިވަޕޫލަށް ލީގު ކާމިޔާބުކުރުން ހަފުތާއަކަށް ލަސް ކުރުވައިފިއެވެ. އިޕްސްވިޗްގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކޮށްފައިވަނީ 4-0 އިންނެވެ. މެޗުގެ 14 ވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑެވެ. އާސެނަލްގެ ދެވަނަ ލަނޑު، 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިލެއްލީއެވެ. މެޗުގައި އިޕްސްވިޗަށް އިތުރު މައްސަލަތަކާ ކުރިމަތިވީ 32 ވަނަ މިނެޓުގައި ބުކާޔޯ ސާކާއަށް ލީފް ޑޭވިސް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދެެއްކުމުންނެވެ. މެޗުގެ ބޮޑު ބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގައި އާސެނަލްގެ ތިންވަނަ ލަނޑު 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޓްރޮސާާޑެވެ. ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އީތަން އެންވަނޭރީއެވެ. މި ކާމިޔާބީއާ އެކު އާސެނަލް މިހާރު އޮތީ އެއްވަނައިގައި އޮތް ލިވަޕޫލާ 13 ޕޮއިންޓް ފަހަތުން 66 ޕޮއިންޓްގައެވެ. މެޗުން ބަލިވި ނަމަ ލިވަޕޫލަށް ލީގު ކަށަވަރުވީހެވެ. ނަމަވެސް، މި ކާމިޔާބީއާ އެކު ލިވަޕޫލަށް މިވަނީ އިތުރު ހަފުތާއަކަށް ލީގު ކާމިޔާބުކުރުމުގެ އިންތިޒާރުކުރަން ޖެހިފައެވެ. މެޗުން ބަލިވުމުން އިޕްސްވިޗް މިހާރު މިވަނީ ޕްރިމިއާ ލީގުން ރެލިގޭޓްވުމާ ވަރަށް ގާތަށް ޖެހިލާފައެވެ. އަންނަ ހަފުތާގައި އެ ޓީމު ކުޅޭ މެޗު ކާމިޔާބުނުކުރެވިއްޖެ ނަމަ ރެލިގޭޝަން ކަށަވަރުވާނެއެވެ. އިޕްސްވިޗް މިހާރު އޮތީ 21 ޕޮއިންޓާ އެކު 18 ވަނައިގައެވެ. އަދި، 17 ވަނައިގައި އޮތް ވެސްޓް ހާމް ޔުނައިޓެޑާއި އިޕްސްވިޗާ ދެމެދު 15 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ