މޯދީ މާދަމާ ސައުދީއަށް ވަޑައިގަންނަވަނީ

ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ސައުދީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ އިންޑިއާގެ ބޮޑުވަޒީރުގެ ދެ ދުވަހުގެ ދަތުރަކީ ބޮޑުވަޒީރުގެ ތިން ވަނަ ދައުރުގައި އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރު ކަމަށެވެ.
މީގެ ކުރިން މޯދީ ވަނީ 2016 ވަނަ އަހަރާއި 2019 ވަނަ އަހަރު ދެ ފަހަރެއްގެ މަތިން ސައުދީއަށް ވަޑައިގެންފަ އެވެ.
މޯދީގެ މި ދަތުރަކީ ސެޕްޓެމްބަރު 2023ގެ ތެރޭގައި ޖީ-20 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށާއި އިންޑިއާ-ސައޫދީ ސްޓްރެޓެޖިކް ޕާޓްނާޝިޕް ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގެ ކޯޗެއާގެ ހައިސިއްޔަތުން މުހައްމަދު ބިން ސަލްމާން ނިއު ދިއްލީއަށް ކުރެއްވި ދަތުރާ ގުޅިގެން ކުރައްވާ ދަތުރެކެވެ.
އިންޑިއާ އާއި ސައޫދީ އަކީ އިޖްތިމާއީ، ސަގާފީ އަދި ވިޔަފާރީގެ ގުޅުމުގެ ދިގު ތާރީހެއް އޮތް އަދި ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮތް ދެ ގައުމެވެ. ސްޓްރެޓެޖިކް ޕާޓްނަރުންގެ ހައިސިއްޔަތުން ސިޔާސީ، ދިފާއީ، ސަލާމަތީ، ވިޔަފާރި، އިންވެސްޓްމަންޓް، ހަކަތަ، ޓެކްނޮލޮޖީ، ސިއްހީ، ތައުލީމު އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ފަދަ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަ އެވެ. 
އިންޑިއާގެ ހާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި އިންޑިއާ އާއި ސައުދީގެ ގުޅުން ބަދަހިވެ، ދެމެހެއްޓެނިވި ޕާޓްނާޝިޕަކަށް ބަދަލުވެ، އިންވެސްޓްމަންޓްތައް އިތުރުވެ، ދިފާއީ އެއްބާރުލުން ފުޅާވެ އަދި އެކި ދާއިރާތަކުން މަތީ ފަންތީގެ މަޝްވަރާތައް ފުޅާވެފައިވާ ކަމަށެވެ.
މޯދީގެ މި ދަތުރުން ދައްކުވައިދެނީ ސައޫދީއާ އެކު އޮންނަ ގުޅުމަށް އިންޑިއާއިން ދޭ އަހަންމިއްޔަތެވެ.
އެ ދަތުރާ އެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަގްވާމީ އެކިއެކި ކަންކަމުގައި ހިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ