ވޯޓު ނިޒާމަށް ބަދަލުގެންނަ ވާހަކަދައްކަނީ ވޯޓު އޮޅުވައިލުމަށް: ޝާހިދު ވޯޓު ނިޒާމަށް ބަދަލުގެންނަ ވާހަކަދައްކަނީ ވޯޓު އޮޅުވައިލުމަށް: ޝާހިދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލާ ވާހަކައަކީ ވޯޓުލާ ދުވަހު ފޮށިތައް މާލެ ގެނެސް ވޯޓު އޮޅުވައިލުމަށް ކަމަށް ރާވާ ރޭވުމެއްގެ ދަށުން ދައްކާ ވާހަކަތަކެއް ކަމަށް އެމްޑީޕީގެ ރައީސް، އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ވޯޓުލާ ދުވަހު ވޯޓު ފޮށިތައް މާލެއަށް ގެނެސް ވޯޓުތައް އޮޅުވައިލުން ކަމަށެވެ.
ވޯޓު ގުނަން ޖެހޭނީ ވޯޓުލީ މީހުންގެ ކުރިމަތީގައި ކަމަށާއި އިންތިހާބު ކާމިޔާބު ކުރާ މީހަކަށް ވޯޓުލީ މީހުންގެ އަގުލަބިއްޔަތު ލިބެން ޖެހޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މި ސޮއްސާލަނީ ކުޑަ ކާފު ބޮޑު ކާފުގެ ޒަމާނަށް، ކިތަންމެ މޮޅު ނަމެއް ކިޔަސް އިހުލާސްތެރިކަމުގެ ޒައްރެއް ވެސް ނެތް، ދިވެހި ރައްޔިތުންނޭ، ބޮޑުކޮށް ނޫނެކޭ ވިދާޅުވޭ،" ޝާހިދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުން ރައީސަކު ހޮވޭ ގޮތަށް ނިޒާމު ބަދަލު ކުރުމުގެ ވާހަކަ ފެންމަތިވީ ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުން ވެރިއަކު ހޮވޭ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުހައްމަދު މުއިއްޒު އެންގެވުމުންނެވެ.
އެ ދުވަހު ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވައިލުމަށް ގާނޫނުއަސާސީއަށް ގެންނަ ބަދަލާއި މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް މި އަހަރު ނަގާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސްގެ އެ ނިންމެވުމާ ގުޅިގެން ޝާހިދުގެ އިތުރުން ވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެގޮތުން ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ ދެވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ހަދައި، ވޯޓުގެ 50 ޕަސެންޓު ނުލިބުނަސް އެންމެ ގިނަ ވޯޓު ލިބިގެން ވެރިކަމަށް އާދެވޭނެ ގޮތް ހަދަން މަސައްކަތް ކުރާ ނަމަ ރައީސް މުހައްމަދު މުއިއްޒު އަޒުލް ކުރަންޖެހޭ ކަމަށެވެ.
"އިންތިހާބުގެ ދެ ވަނަ ބުރެއް ނުބާއްވައި، ސިމްޕަލް މެޖޯރިޓީ ލިބިގެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވެން މަގު ފަހިކުރުމަކީ އަނެއްކާ ވެސް، ކަނޑައެޅިގެން ގާނޫނުއަސާސީގައި އިސްތިގުރާރުވެފައިވާ އަސާސީ މަބްދައެއް ކަމަށްވާ ދީމިގުރާތީ ނިޒާމާއި ހިލާފު ގައިރު ދުސްތޫރީ އަމަލެއްކަމާ މެދު އެއްވެސް ހިލާފެއް ނެތް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދީދީ ވިދާޅުވި އެވެ.
އޭނާގެ އިތުރުން ވެސް ފައްޔާޒް އިސްމާއިލް އާއި އެ ނޫން ވެސް ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ