ރައީސް ޑރ.މުޢިއްޒު ޕްރިފަރެންޝަލް ވޯޓިން ނިޒާމަށް ތާޢީދުކުރައްވައިފި

އެއްބުރުން ރިޔާސީ އިންތިޚާބު ނިންމާލެވޭ ގޮތަށް ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގާއިމުކުރުމަށް ތާޢީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ޚިޔާލު ރައީސް ފާޅުކުރެއްވީ އިއްޔެ ރޭ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވުމަށް އެމަނިކުފާނު އުފެއްދެވި ވަޓްސްއެޕް ޗެނަލަށް ކުރެއްވި މެސެޖެއްގައެވެ.ރައީސް މުޢިއްޒުގެ މެސެޖުގައި ވިދާޅުވެފައިވަނީ، އެމަނިކުފާނު ވަކާލާތުކުރައްވާ ވޯޓިން ނިޒާމަކީ ޕްރިފަރެންޝަލް ވޯޓިން ނިޒާމު ކަމަށެވެ. މި ނިޒާމަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލައި، ރައްޔިތުން ބޭނުންވާ ކެންޑިޑޭޓުން ތަރުތީބުކޮށް ވޯޓު ދޭ ނިޒާމެކެވެ.މި ނިޒާމަށް ތާޢީދުކުރައްވާ އެހެން ފަރާތްތަކުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ. ނަޝީދު މިކަމަށް ތާޢީދުކުރައްވާކަން ހާމަކުރެއްވީ އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ޕޯސްޓެއް ކުރައްވައިގެންނެވެ.އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާފައިވާ ގޮތުގައި، ރިޔާސީ އިންތިޚާބުގައި ދެ ބުރު ބޭއްވުމަކީ ޚަރަދުތައް އިންތިހާއަށް ބޮޑުވާނެ ކަމެކެވެ. އެހެންކަމުން، މި އައު ނިޒާމަކީ ޚަރަދު ކުޑަކުރުމަށްވެސް މަގުފަހިވެދާނެ ކަމެއް ކަމަށް ބެލެވެއެވެ.މި ބަދަލު ގެނައުމަށް ރައީސް މުޢިއްޒު ތާޢީދުކުރެއްވުމާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައާ ގުޅޭގޮތުން އިތުރު މަޝްވަރާތަކެއް ކުރިއަށްދާނެ ކަމަށް ލަފާކުރެވެއެވެ. މި ނިޒާމަށް ބަދަލުވުމަށްޓަކައި ޤާނޫނީ އަދި އިދާރީ ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށްވެސް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ