ހައްޖުން ލިބިދޭ ވަރުގަދަ ފިލާވަޅެއް!
އިސްލާމްކަމުގެ ފަސްވަނަ ރުކުން ކަމުގައިވާ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ޓަކައި، ކޮންމެ އަހަރަކު ވެސް އެތައް ލައްކަ މީހުންނެއް މައްކާ އަށް ޖަމާވެއެވެ. މި ފަހަކަށް އައިސް ކޮންމެ އަހަރަކު ހައްޖަށް ދާ މީހުންގެ ޖުމުލަ އަދަދު މިލިއަނަކަށް ވުރެ ގިނަ ވެއެވެ. އާއްމު އެތައް ކަމަކުން މަހުރޫމުވެ ވަރުބަލިވުމާއި ބުރަކަން ތަޙަންމަލު ކުރަން ޖެހޭ، ހައްޖުގެ އަޅުކަމަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އިބުރާހީމު ޢަލައިހިއްސަލާމުގެ ސުންނަތް ދިރުވައި ފާފަތަކުން ޠާހިރު ވެ އީމާންކަން ވަރުގަދަ ކޮށްލުމަށް މުސްލިމުންނަށް ލިބޭ ފުރުސަތެކެވެ. ޢަރަފާތް ދުވަހަކީ އެތައް ގޮތަކުން މާތް ކުރައްވާފައިވާ ދުވަހެކެވެ. އެ ދުވަހުގައި އިސްލާމް ދީން ފުރިހަމަ ކުރައްވާފައި ވުމެވެ (ބުޚާރީ، 4606). އަދި އެ ދުވަހުގައި ރޯދަ ހިފުމުން ދެއަހަރު ދުވަހުގެ ފާފަތައް ފުހެވިގެން ދިއުމެވެ (މުސްލިމް، 1162). މީގެ އިތުރުން، އެއީ އެންމެ ގިނައިން އަޅުތަކުން ނަރަކައިން ސަލާމަތް ކުރައްވާ ދުވަސް ކަމަށް ވުމެވެ (މުސްލިމް، 1348). ޢަރަފާތް ދުވަހުގައި ޙައްޖުވެރީންނާއި އެ ނޫން މީހުން ވެސް ދެއަތް މައްޗަށް އުފުލައި ﷲ ގެ ޙަޟުރަތުން ރުއްސެވުމާއި ފުއްސެވުމަށް އެދި ދަންނަވައި އަޅުކަމުގައި ގިނަ ވަގުތު ހޭދަ ކުރެއެވެ. ހަމަ އެއާ އެކުގައި، ދުނިޔެއާއި އާޚިރަތުގެ އެކި ބޭނުންތަކަށް އެދި ނިކަމެތި ކަމާ އެކު އެ އިލާހުގެ ޙަޟުރަތުގައި ދަންނަވައެވެ. އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހުގައި ކުރެވޭ ދުޢާ ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ (ތިރުމިޛީ، 3585). އެ މާތް ދުވަހުގައި، ﷲ އަށް ޓަކައި ޢަރަފާތު ބިމަށް ޖަމާވެ ތިބޭ މީސްތަކުންނާ މެދު އެކަލާނގެ ފަޚުރުވެރިވެވޮޑިގަންނަވާނެއެވެ (އަޙްމަދު، 8047). ޢަރަފާތް ދުވަހުގައި އެކުލެވިގެން ވާ މި ޚާއްސަ ކަންތައްތަކުގެ އިތުރުން، އިޖުތިމާއީ އެތައް މަންފާއެއް ޙައްޖުގައި އެކުލެވިގެންވެއެވެ. އެއީ ހަމަހަމަ ކަމާއި، އިންސާފާއި، އަދި އިންސާނުން އަމިއްލައަށް އުފައްދައިގެން އުޅޭ ނަސްލީ ތަފާތު ކުރުމުގެ ވިސްނުމާ ދުރުކޮށް ދޭ އަޅުކަމެކެވެ. އިންސާނުންގެ މެދުގައި ވާ ހަމަހަމަކަން، ޙައްޖުގެ ތެރޭގައި އެންމެ ބޮޑަށް ދައްކުވައި ދޭ އެއްޗަކީ އިހުރާމު ހެދުމެވެ. ކުލައާއި ދަރިފަސްކޮޅާއި ނަސަބާއި ތަނަވަސް ކަމާއި މަގާމާއި އިޖުތިމާއީ ހައިސިއްޔަތަށް ބެލުމެއް ނެތި، އެންމެން ވެސް ތިބެނީ އެއްބާވަތެއްގެ ހެދުމެއްގައެވެ. މިއީ ﷲ ގެ ޙަޟުރަތުގައި ހުރިހައި މުއުމިނުންގެ ހަމަހަމަ ކަން ދައްކުވައި ދޭ ރަމްޒެކެވެ. ﷲ އަންގަވާފައި ވާ ގޮތުގައި، ތަޤުވާވެރި ކަމުން މެނުވީ އެންމެންނަކީ ވެސް އެކަލާނގެ ޙަޟުރަތުގައި ހަމަހަމަ ވެގެން ވާ ބައެކެވެ (އަލްޙުޖުރާތު، 13). ޙައްޖުގެ އަޅުކަމުން ދައްކުވައިދޭ ހަމަހަމަކަން ތަޖުރިބާކޮށް އެކަން ބަޔާން ކޮށްދީފައިވާ އެންމެ އަސަރު ގަދަ އެއް ވާހަކައަކީ، މި ޒަމާނުގައި އިސްލާމީ އުއްމަތް ދުށް ވަރުގަދަ ޝަޚުޞިއްޔަތެއް ކަމަށްވާ، މެލްކަމް އެކްސްގެ ތަޖުރިބާއެވެ. 1964 ވަނަ އަހަރު އޭނާ މައްކާއަށް ކުރެއްވި ދަތުރުފުޅުގައި، ޙައްޖުވެރީންގެ ފަރާތުން ފެނިވަޑައިގެންނެވި ކަންތައްތަކާ ބެހޭ ގޮތުން ވިދާޅު ވެފައިވެއެވެ. "... މި ޙައްޖުގައި އަހަންނަށް ފެނި ތަޖުރިބާ ކުރެވުނު ކަންތައްތަކުގެ ސަބަބުން، އޭގެ ކުރީން އަހުރެން ގެންގުޅުނު ގިނަ ފިކުރުތަކެއް ބަދަލު ކޮށްލާން މަޖުބޫރު ވިއެވެ. އަހުރެން (އެމީހުންނާ) އެއްތަށީން ކޭމުއެވެ. އެއްތަށީން ބުއީމުއެވެ. އެއްތަނެއްގައި - ނުވަތަ އެއްދޫލައެއްގެ މަތީގައި - ނިދީމުއެވެ. އެއީ އެއްއިލާހަކަށް އަޅުކަން ކުރަމުންނެވެ. އޭގެ ތެރޭގައި، ލޮލުގެ ކަޅި ގަދަ ނޫކުލައިގައި ވާ މީހުންނާއި، އިސްތަށިގަނޑުގެ ކުލަ ފަނޑު މީހުންނާއި، އަދި ހަމުގެ ކުލަ ދޮން މީހުން ވެއެވެ. ... މި ގަދީމީ މާތް ބިމުގައި، ހުރިހާ ކުލައެއްގެ ހުރިހާ ނަސްލެއްގެ މީހުން ޢަމަލު ކުރާ މި ފަދަ އިޚުލާސްތެރި މެހެމާންދާރީ އާއި ހަގީގީ އަޚުވަންތަކަމުގެ ފުރިހަމަ ރޫޙެއް، މީގެ ކުރީން ދުވަހަކުވެސް އަހުރެން ނުދެކެމުއެވެ. ވޭތުވެ ދިޔަ ހަފުތާއެއްހާ ދުވަހު އަހުރެންގެ ވަށައިގެން ހުރިހާ ކުލައެއްގެ މީހުން ދައްކާފައި ވާ އޯގާތެރިކަމުގެ ސަބަބުން އަހުރެން ހުރީ މުޅީން ބަސްހުއްޓި، ސިހުރެއް ޖެހިފައި ވާ މީހެއް ފަދައިންނެވެ" (އެލެކްސް ހެއިލީ، 1964). މިއީ - ކުރީން - ނަސްލީ ތަފާތު ކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވި މެލްކަމް އެކްސްގެ އެ ވިސްނުންފުޅު ހައްޖުގެ އަޅުކަމުގެ ތެރެއިން ބަދަލު ވީ ގޮތުގެ ބައެއް ވާހަކައެވެ. ދުނިޔޭގެ އެތައް މިތަނުން، ތަފާތު ނަސްލުގެ ތަފާތު ކުލައިގެ ތަފާތު މަގާމުތަކުގެ އެތައް ލައްކަ ބަޔަކު މައްކާގެ ބިމަށް ޖަމާވެ، ކަޢުބަތުﷲ ގެފުޅަށް ކުރިމަތި ލައިގެން ތިބެ އެއްކައުވަންތަ އިލާހަށް އަޅުކަން ކުރުމުގައި އެތައް ވަގުތެއް ހޭދަ ކުރެއެވެ. މި އަޅުކަމުގައި އެންމެން އެއްބާވަތެއްގެ ހެދުމުގައި ތިބެ އެއްކަހަލަ ހަރަކާތްތަކެއް ކުރުމުން، މުސްލިމުންގެ މެދުގައި އޮންނާން ޖެހޭ އެއްބައިވަންތަކަން ވަރަށް ރީތިކޮށް ފެނިގެން ދެއެވެ. އެއީ މުސްލިމުންގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދޭ އަދި ބަލާ ހިތްވާ ޝައުގުވެރި މަންޒަރެކެވެ. އިސްލާމީ އަޚުވަންތަކަން ދޫކޮށް، "ބައިބައި ވުން" އާއްމު ވެފައި ވާ މި ފަދަ ޒަމާނެއްގައި، ހައްޖުގެ އަޅުކަން ދަސްކޮށް ދެނީ މީގެ އިދި ކޮޅު ކަމަށް ވާ އެއްބައިވަންތަ ކަމާއި އެއްބައެއްވަންތަ ކަމުގެ މަތިވެރި ފިލާވަޅެވެ. ވީމާ، ހައްޖުގެ އަޅުކަމުން ލިބިދޭ މި އަގު ހުރި ފިލާވަޅުން އިބުރަތް ހާސިލު ކޮށްގެން، އަހުރެމެންގެ ތެރޭގައި ވާ ބައިބައި ވުމާއި ދެކޮޅުވެރި ވުމުގެ ސުންޕާކަން ފިލުވައިލައި އެއްބައިވަންތަ ބަޔަކަށް ވަމާ ހިނގާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ