ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ކަމުގައިވާ ޓީއެފްޖީގެ ސީއީއޯކަން ކޮށްފައިވާ ހުސެން ޒިނާން މިހާރު ނުކުމެ ހުރީ ރާއްޖެއަށް އާ ކޮންސެޕްޓަކާ އެކު އެވެ. ފިޓްނަސް ދާއިރާގައި ތިރީހަކަށް އަހަރުގެ ތަޖުރިބާ ހުރި ޒިނާން ބުނިގޮތުގައި އޭނާ މި ފަށަނީ މޫވްމަންޓެކެވެ.
ޒިނާން ފާހަގަކުރިގޮތުގައި ފިޓްނަސް އިންޑަސްޓްރީއަށް ވަރަށް ބޮޑު ބަދަލެއް އައިސް މީހުން ކަސްރަތު ކުރާ ގޮތާއި ކަސްރަތަށް ހޭދަ ކުރާ ވަގުތު ބަދަލުވެއްޖެ އެވެ. ބައެއް މީހުން ކަސްރަތު ކުރުމުގެ ނިޔަތުގައި ކޮންމެހެން ކޮމާޝަލް ބޮޑު ޖިމަކަށް ދާކަށް ބޭނުމެއް ނުވެ އެވެ. އެކަމަކު ދުޅަހެޔޮ ލައިފްސްޓައިލެއްގައި އުޅުމަކީ އެ މީހުން އިސްކަމެއް ދޭ ކަމެކެވެ. ހާއްސަކޮށް މިކަން ފެންނަނީ ޒުވާނުންގެ ތެރެއިންނެވެ.
އަބަދުވެސް ދާއިރާއަށް އަންނަ ބަދަލުތައް ދެނެގަނެ، މީހުންގެ ބޭނުންތަކާ އެކަށީގެންވާ ހިދުމަތެއް ދިނުމުގެ ތަފާތު ހިޔާލުތައް ގެންގުޅޭ ޒިނާންގެ ކޮންސެޕްޓް އަމާޒުކޮށްފައިވަނީ މިފަދަ މީހުންނަށެވެ.
ގަރާޖް ޖިމަކީ ކުޑަ ތަންކޮޅެއްގައި ވަރަށް ކާމިޔާބުކޮށް ކަސްރަތު ކުރެވޭނެ ގޮތެކެވެ. ޒިނާން އާއި އޭނާގެ އަނބިމީހާ މަރިޔަމް ނަބީލާގެ ބްރޭންޑް ޓެމްޕޯ އިން މިއަދު ލޯންޗުކުރަނީ މާލެ އާއި ހުޅުމާލޭގައި ދެ ތަނެއްގައި ވަކި ޕްރޮގްރާމެއް ހެދުމަށް ކަސްރަތު ކުރަން ދޭ ފުރުސަތުތަކެވެ.
ޒިނާން ޓީއެފްޖީ މީގެ އަހަރެއްހާ ދުވަސް ކުރިން ދޫކުރި ފަހުން، ޓެމްޕޯ މިހާ ހިސާބަށް ގެނައުމަށް، ފުރަތަމަ މަސައްކަތް ފެށީ ކާރެއްގެ ތެރޭގައި ކަސްރަތު ކުރަން ބޭނުންވާ މީހުން ގާތަށް ގޮސް ވޯކްއައުޓް ހަދައިދީގެންނެވެ.
އޭގެ ފަހުން މިހާރު މި ކޮންސެޕްޓް އިތުރަށް ތަރައްގީކޮށް، އެޕެއް އުފައްދައި އަދި މާލެ އާއި ހުޅުމާލޭގައި ދެ ތަނެއްގައި މި ގޮތަށް ވޯކްއައުޓް ހެދުމުގެ ފުރުސަތު އޭނާ މިއަދު އެ ހުޅުވާލަނީ އެވެ. ޓެމްޕޯގެ ކަސްރަތުތަކަށް ބޭނުންކުރަނީ އެމެރިކާގެ ޒެބެކްސް އަދި ގެޓްރެކްސްޑް ބްރޭންޑްގެ އިކުއިޕްމެންޓެވެ.
"މިހާރު މި ހުޅުވެން މި އުޅެނީ ރާއްޖޭގެ ފުރަތަމަ ގަރާޖް ޖިމް. ވަރަށް ކުދި ތަންތަން މިއީ. އެކަމަކު ވަރަށް ޕާސަނަލައިޒްޑް ތަންތަން މިއީ،" ޒިނާން ބުންޏެވެ.
ޒިނާން ބުނިގޮތުގައި ކަސްރަތު ކުރަން ފަށައިގަންނަ މީހާގެ އިތުރުން އެންމެ ވަރުގަދަ އެތުލީޓުންނަށް ވެސް ޓެމްޕޯ އިން ޕްރޮގްރާމްތައް ކަސްޓަމައިޒްކޮށްދީ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
ގަރާޖް ކޮންސެޕްޓާ ގުޅޭގޮތުން ޒިނާން ބުނީ އެތަނުގައި ގުރޫޕް ކްލާސްތަކެއް ނުވަތަ މީހުން އެއްކޮށްގެން ކަސްރަތު ކުރުމެއް އެއްގޮތަކަށް ވެސް ނޯންނާނެ ކަމަށެވެ. ކުރިއަށް ގެންދާނީ ވަރަށް ޕާސަނަލައިޒްޑް ޓްރެއިނިންތަކެކެވެ. ޓެމްޕޯގެ ޓީމުގައި ތަމްރީންވެފައިވާ ހަތް އިންސްޓްރަކްޓަރަކު އެބަ ތިއްބެވެ.
"މިއީ އޯލްޑް ސްކޫލް ރޯ ޓްރެއިނިންތަކެއް. މިނިމަމް އިކުއިޕްމަންޓް، އެކަމަކު މެކްސިމަމް އެޓެންޝަން،" ޒިނާން ބުންޏެވެ.
މާލެ އާއި ހުޅުމާލޭގައި ހުންނަ އެ މީހުންގެ ފެސިލިޓީއަށް ގޮސް ކަސްރަތު ކުރުމަށް ޖެހެނީ ޕްރީ ބުކިންތަކެއް ހަދާށެވެ. ޒިނާން ބުނި ގޮތުގައި މިގޮތަށް ރޭވުމުގެ އެއް ބޭނުމަކީ ޖިމަށް ކަސްރަތު ކުރަންދާ މީހާއަށް އިކުއިޕްމަންޓް ބޭނުން ކުރަން ނޭނގި ވާނުވާގައި ނުތިބުމެވެ.
"ރެޖިސްޓްރީ ކުރީމަ، އެ މީހުންނަށް ފެންނާނެ އެ މީހުންނަށް ލިބެންހުރި އެޕޮއިންޓްމަންޓާއި ޓްރެއިނާސް. ޝެޑިއުލް ބަލާލައި ބުކްކޮށްލެވޭނެ. ކޮންމެ މީހަކަށް ވެސް އެ މީހެއް ހެދި ޓްރެއިނިން ވަކިން އެޕް މެދުވެރިކޮށް ބަލާލެވޭނެ. ގާތްގަނޑަކަށް އޯލް އިންކްލޫސިވް ހޮޓެލްއެއް ގޮތަަށް ދޭ ސާވިސްއެއް މިއީ،" ޒިނާން ބުންޏެވެ.
ޒިނާން ބުނިގޮތުގައި އެ މީހުންގެ ޓާގެޓަކީ ޖެންޒީގެ މާކެޓެވެ. އެކަމަކު މެދު އުމުރާއި ދުވަސްވީ މީހުން އެއްކައިރި ކޮށްލީއެއް ނޫނެވެ. މި ހިދުމަތުގައި ޖެންޒީ ހާއްސަވަނީ އެ މީހުންނަކީ އާއްމުކޮށް ކޮންމެހެން މީހުންގެ ތެރެއަށް ނިކުމެގެން ކަސްރަތު ކުރަން ބޭނުންވާ ބަޔަކަށް ނުވާތީ އެވެ.
ކަސްރަތު ކުރާ ގޮތާއި ވައްޓަފާޅިއަށް މި އޮތީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އިންގިލާބީ ބޮޑު ބަދަލެއް އައިސްފަ އެވެ. ރާއްޖެއިން ބޭރުގައި ވެސް ކަސްރަތު އެޕްލިކޭޝަންތަކަށް މީހުން ބަރޯސާވެ ވަކި ތަނަކަށް ކޮންމެހެން ނުގޮސް ގޭގައި ކަސްރަތުކޮށް ހެދުމުގެ އާދަ އަންނަނީ އަށަގަންނަމުންނެވެ.
ކަސްރަތު ކުރަން ބޭނުންވާ މީހުންނަށް ޓެމްޕޯ އެޕް މެދުވެރިކޮށް ނަގާ ސަބްސްކްރިޕްޝަނަކާ އެކު އެ މީހަކު ބޭނުންވާ ކަހަލަ ކަސްރަތުތަކެއް ކުރުމުގެ އިހްތިޔާރު ލިބިގެންވެ އެވެ. މިއީ މިފަދަ ގޮތަކަށް ދިވެހިން އުފައްދައިގެން ޑިޒައިންކޮށް ރާއްޖެއަށް ތައާރަފު ކުރާ ފުރަތަމަ އެޕް ވެސް މެ އެވެ.
އަދި ހަމަ އެޕް މެދުވެރިކޮށް، މާލެ އާއި ހުޅުމާލޭގައި ގަރާޖް ޖިމަަށް ގޮސް ޓްރެއިނަރަކާ އެކު ކަސްރަތު ކުރުމަށް ވަގުތު ބުކް ކުރެވޭނެ އެވެ.
އެޕް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް ފަސޭހައިން އެ މީހެއްގެ ކުރިއެރުން ބަލާލެވޭނެ އެވެ. އަދި އެ ދުވަހަކު ކުރި ކަސްރަތާއި އެ މީހެއްގެ މައުލޫމާތު ފަސޭހައިން އަޕްލޯޑްކޮށްލެވޭނެ އެވެ.
މީގެ އިތުރުން މާލޭގައި އަދި ރަށްރަށުގައި މި ކޮންސެޕްޓަށް ގަރާޖް ޖިމް ހެދުމަށް ބޭނުންވާ މީހުންނަށް ޒިނާން އެ ފުރުސަތު ފަހިކޮށްދޭނެ އެވެ. އޭނާ ބުނި ގޮތުގައި ހަތަރު މީހުންނަށް ކަސްރަތު ކުރެވޭ ގޮތަށް ހުރިހާ އިކުއިޕްމަންޓަކާ އެކު މި ފަދަ ގަރާޖް ޖިމެއްް ހުޅުވުމަށް 2 ލައްްކަ ރުފިޔާ ހޭދަ ވާނެ އެވެ.
ޓެމްޕޯ އިން މިހާރު ބޭންކްތަކާ ވާހަކަދައްކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ފެސިލިޓީތައް ހުޅުވަން ބޭނުންވާ މީހުންނަށް ލޯން ހަމަޖެއްސުމަށް މަޝްވަރާ ކުރަމުން އަންނަ ކަމުގައި ޒިނާން ބުންޏެވެ.
މި ފަދަ ޖިމެއް ހެދުމަށް ޝައުގުވެރިވާ ނަމަ، އެކަން ކުރަން ކޮންމެ މީހަކަށް ވެސް ފުރުސަތު އެެބަ އޮތެވެ. ޒިނާން ބުނި ގޮތުގައި އޭނާއާ އެކު މަސައްކަތް ކުރާ ޓްެރެއިނަރުންނަށް ވެސް މި ގޮތަށް ޖިމް ހުޅުވިދާނެ އެވެ.
ޓްރެއިނަރުންނަށް އެންމެ އެކަށީގެންވަނީ ފިޓްނަސް ސެޓްފިކެޓެއް ހޯދާފައިވާ މީހުންނެވެ. އެ މީހުންނަށް ޓެމްޕޯ އިން ޓެމްޕޯގެ ޕްރޮގްރާމް ހިންގުމަށް ވަކި ހާއްސަ ޓްރެއިނިންތަކެއް ދޭނެ އެވެ. އޭނާ ބުނިގޮތުގައި ރިސޯޓްތަކުގައި ވެސް ހަމަ މި ކޮންސެޕްޓަށް ޖިމްތައް ހުޅުވަންވީ އެވެ. ހުރިހާ ސެޓްއަޕެއް ޓެމްޕޯއިން ހަދައިދޭނެ އެވެ.
"ފޯކަސް އަކީ މޮޑެލް. ކޮންމެ މީހަކަށް ވެސް ޓެމްޕޯ މޮޑެލްއެއް އޯން ކުރެވިދާނެ. ދެ ލައްކަ ރުފިޔާ އިންވެސްޓް ކުރާ ކޮންމެ މީހަކަށް ގަރާޖް މޮޑެލްއަށް ޖިމެއްގެ ސެޓްއަޕް ހަދައިދޭނެ. މިއާ ގުޅޭ ޕްރޮގްރާމާއި އަދި އަހަރުމެންގެ އެޕްލިކޭޝަނަށް އެކްސެސް ލިބޭނެ،" ޒިނާން ބުންޏެވެ.
"ޓެމްޕޯ ގަރާޖް ޖިމްގެ ފްރެންޗައިސް އަސްލު މި ދެނީ."
މި ހިޔާލު ތަފާތެވެ. ސަބަބަކީ މީގައި ޒުވާނުން ކަސްރަތު ކުރުމަށް ބާރުއެޅުމުގެ އިތުރުން އެ މީހުންނަށް މި ވިޔަފާރި ތެރެއަށް ވަނުމަށް ފުރުސަތު އެބަ ލިބެ އެވެ.
ކަސްރަތު ކުރުމަށް މިއީ ލުއިފަސޭހަ ގޮތެއްކަން ޒިނާން ފާހަގަކުރި އެވެ. ވަކި ގަޑިއަކަށް ނުވަތަ ވަކި ތާވަލަކަށް ކޮންމެހެން އަމަލު ކުރާކަށް ނުޖެހެ އެވެ. ޓެމްޕޯ އިން ދެނީ ހައްލެކެވެ. ޖިމެއް ކޮންމެހެން ނުހުޅުވާ ވެސް ހަމައެކަނި އެޕުން ސަބްސްކްރިޕްޝަން ގަނެގެން އޭގައި ހުންނަ ކަސްރަތުތައް ހެދުމުގެ ފުރުސަތެވެ. ގޭގައި ހެދޭނެ ކަސްރަތުތަކެއް ހުންނާނެ އެވެ. އޭއައި އިލަސްޓްރޭޝަންތަކެއް ބޭނުންކޮށްގެން، އެޕްގައި ހުރި ހުރިހާ ޕްރޮގްރާމެއް ޑިޒައިން ކުރީ ޒިނާން އެވެ.
ޒިނާންގެ އުއްމީދަކީ މާލޭގައި ގަރާޖް މޮޑެލަށް ގިނަ ޖިމްތަކެއް ހުރުމެވެ.
"މިހާރު މާކެޓަށް ހީވަނީ އަހަރެން ބޮޑު ޖިމެއް ހުޅުވަން އުޅެނީހެން. އެކަމަކު މިއީ އެއެއް ނޫން. އަހަރެން މި ފަށަނީ މޫވްމަންޓެއް. އަހަރެން މީހުން މި ޓްރެއިން ކުރަނީ. ޓީއެފްޖީ އަކީ އަހަރެންގެ ހިސްޓްރީ. އެއީ އަހަރެން ދެން ޖިމެއް ހުޅުވާނެ ކޮންސެޕްޓެއް ނޫން. ގަރާޖް ޖިމް ކޮންސެޕްޓް އެހެންވެ މި ތައާރަފު ކުރަނީ،" ޒިނާން ބުންޏެވެ.
ކިތަންމެ ކުޑަ ތަނެއް ވިޔަސް އަދި ކިތަންމެ އާދައިގެ ކަސްރަތުތަކެއް ކަމުގައި ހީވިޔަސް ޒިނާން ދޭ ޔަގީންކަމެއް އެބަ އޮތެވެ. ޓެމްޕޯގެ މި ކަސްރަތުތަކުގެ ނަތީޖާ ރަނގަޅުވާނެ އެވެ. ހަށިގަނޑާއި ސިކުނޑިއަށް އެއިން ކުރަންޖެހޭ ފައިދާ ކުރާނެ އެވެ. އަދި އޭނާ އެހެރީ އެތަކެއް ބައިވަރު މީހުންނަށް މި އިންޑަސްޓްރީން އާމްދަނީއެއް ހޯދައިދިނުމަށް ވެސް އަތުކުރި އޮޅައިލައިގެންނެވެ.
ޒިނާން ހުޅުވަނީ ޖިމެއް ނޫން، ފަށަނީ ފިޓްނަސް މޫވްމަންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ