ކޮމެޓީން އެއްވަނަ ދިން ޒީނާގެ ބަދަލުގައި ރިލްވާން ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެއްވަނަ ދިން ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުގެ ބަދަލުގައި ޓީވީއެމްގެ ޕްރެޒެންޓަރު މޫސާ ރިޟުވާން އައްޔަނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ރިލްވާން، ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަނުކުރަން ފާސްކުރީ މަޖިލީހުގެ 70 މެންބަރުންގެ އިއްތިފާގުންނެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ. ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު އިއުލާނުކުރިއިރު، އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވައިފައެވެ. އިއްޔެ ރައީސް ފޮނުއްވި ނަން ތަކަކީ ދެވަނަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނު އިސްކަންދޭ ތަރުތީބުން ފޮނުއްވި ހަ ބޭފުޅުންގެ ލިސްޓެވެ. އެއީ އެ ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާގެ މެންބަރުކަމުގެ މުއްދަތު ޖޫން 14، 2025ގެ ނިޔަލަށް ހަމަވާތީއެވެ. މަޖިލީހުގެ ކޮމިޓީން ރޭ ވަނީ ފުރަތަމަ އިއުލާނާ ގުޅިގެން ރައީސް ފޮނުއްވި ނަންތައް ދިރާސާކޮށްފައެވެ. އެ ހަ ބޭފުޅުންގެ ތެރެއިން 75 އިންސައްތައަށްވުރެ މަތިން މާކްސް ލިބިފައިވަނީ ފަސް ބޭފުޅަކަށެވެ. އެއީ: ޒީނާ ޒާހިރު - 85 އިންސައްތަ އާއިޝަތު ޝިޔާނާ - 83 އިންސައްތަ ޝިމްލާ އަހުމަދު - 82 އިންސައްތަ މޫސާ ރިލްވާން - 81 އިންސައްތަ ޒަމްއަތު އަހުމަދު ވަހީދު - 77 އިންސައްތަ ނަމަވެސް މިއަދު ތަޅުމުގައި ނެގި ވޯޓުން ޒީނާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ބާކީ 52 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ. ދެކޮޅަށް ވޯޓް ދެއްވީ ޕީއެންސީގެ މެންބަރުންނެވެ. ލިސްޓުގެ ދެވަނައިގައި އިން ޝިޔާނާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ބާކީ 55 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ. https://sun.mv/205945 ލިސްޓުގެ ތިންވަނައިގައި އިން ޝިމްލާ އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 14 މެންބަރުންނެވެ. ބާކީ 54 މެންބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި ބްރޯޑްކޮމް މެންބަރުކަމަށް އައްޔަނުކުރަން ފާސްކުރި ރިލްވާނަކީ ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދޭ ޕްރެސެންޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސްމެއެވެ. އެކަމުގައި 16 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާއިރު، އޭނާގެ ކެރިއަރު ފެށީ ޓީވީއެމް އިންނެވެ. މިދިޔަ އަހަރު ރިލްވާން ވަނީ އަލަށް އުފެއްދި ޗެނަލެއް ކަމަށްވާ 'މެންދުރު ޓީވީ'ގެ ސީއޯއޯކަން ވެސް ތިން މަސް ދުވަހަށް ކުރައްވައިފައެވެ. އޭނާ ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްއިން ޑިގްރީ ހާސިލުކުރައްވައިފައެވެ. އަދި މީގެ ކުރިން ވަނީ ޑަބްލިއުއެޗްއޯ އަދި ވޯލްޑް ބޭންކުގެ ކޮންޓްރެކްޓްތަކުގައި ކޮމިއުނިކޭޝަން ކޮންސަލްޓަންޓުކަން ވެސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ