ގިނަ ދެމަފިރިންގެ މެދުގަ މައްސަލަތައް ޖެހެނީ އަނެކާ އެދޭ ކަންކަމުގެ ތެރެއިން ފުއްދައިދެވެން ހުންނަ ކަންކަން ފުއްދައިދިނުން ލަސްވެ އިތުރަށް ހަނދާންކޮށްދީ އާދޭސްކުރަން ޖެހޭތީ!

އަނބިމީހާ ނަމަވެސް ފިރިމީހާ ނަމަވެސް އަނެކާގެ ގާތުން އެދޭ ކަމެއް ފުއްދައިދެވެން އޮވެމެ ފުއްދައި ނުދެވި އެތައް ދުވަހެއް ފާއިތުވެގެންދާނަމަ އެކަމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. އެދޭ ކަންކަމުގެ ތެރެއިން ފުއްދައިދެވެން ހުންނަ ކަންކަން ފުއްދައިދިނުން ލަސްވެގެން އިތުރަށް ހަނދާންކޮށްދޭން ޖެހުމަކީ އަނެކާގެ އެންމެ ބޮޑު ފޭލިވުމެވެ.
ޚާއްޞަކޮށް އަނބިންނަށް މި މައްސަލަ ބޮޑުވެގެންދެއެވެ. އެއީ އެމީހުންނަށް ބޭނުންވާ ކަންކަމުގައި ބުނަން ހުރީ ފިރިމީހާ އެކަނި ކަމުގައިވުމުންނެވެ. އެހެން މީހެއްގެ ގާތު ކަމަކަށް އެދިއްޖެނަމަ އެކަމުގެ ނާޖާއިޒު ފައިދާ ނަގާނެތީއެވެ.
އަނބިންނަށް ކޮށްދޭންޖެހޭ ކަންކަން ފިރިމީހާ ކޮށްނުދޭނަމަ ޢާއިލާގެ އެހީތެރިކަން ހޯދަން މަސައްކަތްކުރެވިދާނެއެވެ. ނަމަވެސް ޢާއިލާއަށް އެކަން ކޮށްދެވޭނީ އެމީހުންގެ ކިބައިގައިވެސް ކުޅަދާނަކަން ހުރިނަމައެވެ. ހަމައެއާއިއެކު ކައިވެނިކުރުމަށްފަހު އަނބިމިހާގެ ބޭނުންތައް ފުއްދައިދިނުމަކީ ފިރިމީހާގެ މަސްއޫލިއްޔަތަކަށްވާތީ އެއީ ޢާއިލާގެ ޒިންމާއެއްވެސް ނޫނެވެ.
ދެން ބަލައިލަންވީ އެކުވެރިންނަށެވެ. އަންހެނަކު އެކުވެރިންގެ ގާތުގައި ކަމަކަށް އެދޭނަމަ އެކަމުގެ ނާޖާއިޒު ފައިދާ ނެގޭތަން އަބަދުހެން ފެނެއެވެ. ވީމާ އެއީއަކީވެސް އަނބިންނަށް ރައްކައުތެރި ގޮތެއް ނޫނެވެ.
އެހެންވެ ގިނަ ފިރިންނަކީ އަނބިން ބޭނުންވާ ކަންކަން އަމިއްލައަށް ކޮށްނުދެވޭއިރުވެސް އަދި އަނބިމީހާ އެދޭ ކަންކަމަށް ފަރުވާކުޑަކުރެވޭއިރު ވެސް އަނބިމީހާ އެހެން މީހެއްގެ ގާތު ކަމަކަށް އެދިއްޖެނަމަ ބައެކެވެ. އަންނަ ރުޅީގައި ވަރިފަށަށް ކަންކަން ގެންދާ މީހުންވެސް މަދެއް ނޫނެވެ.
އަނބިމީހާ ކަމަކު އެދުމުން އެއީ ކޮށްދެވެން އޮތް ކަމެއްނަމަ ވަގުތުން އެކަން ފުއްދައިދޭންވާނެއެވެ. އެއިރުން އެނގިގެން އެދަނީ ފިރިމީހާ އަނބިމީހާއަށް ދޭ ސަމާލުކަމެވެ. ހަމައެފަދައިން ކޮށްދެވެން ހުންނަ ކަންކަން ކޮށް ނުދީ ލަސްކުރާނަމަ އެކަމުން އަންގައިދެނީ އަނބިމީހާ އާއި ދެމެދު އެއްވެސް އަޅައިލުމެއް ނެތްކަމެވެ. ޝައުޤުވެރިކަމެއްވެސް ނެތްކަމެވެ.
ކޮންމެއަކަސް ބައިވެރިޔާ އެދޭ ކަންކަން ކޮށްދިނުމުގައި އަވަސްވެގަތުމަކީ ބައިވެރިޔާގެ ކިބައިން ތިމާ އެދޭ ކަންކަން ވެސް އަވަހަށް ޙާޞިލުވެގެންދާނެ ސަބަބެކެވެ. އެކަންވެގެންދާނީ ހަމަ އނެއްކޮޅަށް އެއްލޭ ބޯޅައަކަށެވެ!
ގިނަ ފިރިން އެމީހުންގެ ހަޤީޤީ މާލީ ޙާލަތު އަނބިންނަކަށް ނުއަންގައެވެ. ވީމާ އަނބިމީހާއަށް ކަމަކު އެދެވިދާނެއެވެ. އެއީ އެވަޤުތު ކޮށްދެވެން ނެތް ކަމެއްނަމަ އެކަން ރީތިކޮށް ބަޔާންކުރާށެވެ. އެއީ ކޮށްދެވޭނެ ކަމެއް ނަމަ ކޮށްދެވޭނެ ދުވަސްވެސް ބަޔާންކުރާށެވެ!
އެންމެ ރަނގަޅު ގޮތަކީ މާލީ ޙާލަތު އަނބިމީހާއަށް އެނގޭނެ ގޮތަށް ކަންކަން ކުރުމެވެ. އެއިރުން ކޮށްދެވޭނެ ކަންކަމާއި ކޮށްނުދެވޭނެ ކަންކަން އަނބިމީހާއަށް އެނގޭނެއެވެ. އަދި ހެޔޮލަފާ އަންތބަކުނަމަ ކޮށްނުދެވޭނެ ކަންކަމަކަށް ނުވެސް އެދޭނެއެވެ.
--އަލަފް / މިއަދުނޫހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ