ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި އުޅެނީ ވައްކަން ކުރަން

ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި އުޅެނީ އިންތިހާބުތަކުން ވައްކަން ކުރަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ 2.0 ގެ ނަމުގައި ރާއްޖެ ޑިޖިޓަލައިޒް ކުރުމަށްޓަކައި ބާއްވާ ހާއްސަ ސަމިޓް ރޭ ފަށާފައިވާއިރު، ޝާހިދު ވިދާޅުވީ ވެރިކަމަށް ދެ އަހަރަށް ދާއިރު ތަރައްޤީގެ މާރެހެއް ނުފެނި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ޤައުމު އޮތީ ވާނުވާގައި ކަމަށެވެ. އަދި "ދިވެހީންގެ ރާއްޖެ" ސްކޭމުން "ރާއްޖެ 2.0" އަށް ދޮގު ފަތި އަމުނަމުންދިއުން މިހާރުން މިހާރަށް ހުއްޓާލަން ޝާހިދު ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.
"ދިވެހިން ތިޔަ ދޮގުތަކެއް ބޭނުމެއް ނުވޭ. ދިވެހި ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ޙައްޤުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް. ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްޤީ ވާނުވާގައި، އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ތައްޔާރުވަނީ އިންތިޚާބުތައް އޮޅުވާލައި، ރައްޔިތުންގެ ކަރަށް އަތްބާނައިގެން ވައްކަންކުރަން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ފުރުސަތު ރައްޔިތުން ހަމަ ހިލާ ނުދޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ބާއްވާ ސަމިޓް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒް ކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށެވެ. އަދި އެންމެން ގުޅިގެން ކޮރަޕްޝަން ނައްތާލައި، މި ޤައުމަކީ އެންމެން ބަލައިގަންނަ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުންދީ އެންމެން މި ބަދަލު ބަލައިގަތުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ރާއްޖެ 2.0 އަކީ ރައީސްގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. މިއީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ