ހުރިހާ ދެމަފިރިންވެސް ވީހާ ގިނައިން ކުރަންޖެހޭ ދުޢާ-: ޑރ. ނޫމާން ޢަލީޚާން

ﷲ ތަޢާލާ އަށް ގިނަގިނައިން ދުޢާކުރަން އޮތީ އަތްމަތިދަތިވުމަކުން ނޫނެވެ. ދިރިއުޅުން ބަނޣުރީޓުވުމަކުންވެސް ނޫނެވެ. އަހަރެމެން އެންމެ ގިނައިން ދުޢާކުރަންވީ ޢާއިލާގެ ތެރެއިން ހިތްހަމަޖެހުން ލިބުން ދެއްވެވުން އެދިގެންނެވެ. ޢާއިލީ އުފާވެރިކަމަށް އެދިގެންނެވެ. އެކަން ޙާޞިލްކުރެވިއްޖެނަމަ ކުރިމަތިވާ ގިނަ މައްސަލަތަކުން އަރައިގަތުން ފަސޭހަވެގެންދާނެތީއެވެ.  
ނަމަވެސް މިކަމަށް ސަމާލުކަން ދެވެނީ މަދުމީހަކަށްކަމަށްވުމުން އަހަރެންގެ ވާހަކަ މިރޭ ފަށާނީވެސް ހަމަ ހަރުކަށި ޢިބާރާތުންނެވެ. އެއީ ގޮންޖެހުމުގެ ވާހަކައެވެ. މިމަޖިލީހަށް ޙާޒިރުވެ މިތަނުގައި މިތިބަ އެންމެންގެ ތެރެއިން ހަމައެކަކުވެސް ތެދުވެ ނިކަން ބުނެބަލާށެވެ! ކޮންމެވެސް ސިފައެއްގައި އެކިވަރުގެ ޙަމަލާތައް ޙަޔާތުގެ ބައިވެރިޔާ އާއި ދަރިންގެ ކިބައިން ކުރިމަތިނުވާ ހަމައެކަކުވެސް އެބަހުރި ހެއްޔެވެ؟  
ޙަމަލާ އަންނަގޮތާއި ބާރުމިން ތަފާތުވިނަމަވެސް ފޮނުވައިލާ ބަޑީގެ ވަޒަން ހަށިގަނޑުގެ ބޭރުފުށަށް ނުއަރާތީ ލޭފައިބާތަން ލޮލަށް ނުފެނުނު ނަމަވެސް ދެމުން ގެންދާ ޙަމަލާތަކުގެ ސަބަބުން ހިތަށް އަރާ ވަޒަންތަކުގެ ސަބަބުން ހިތް ޒަޚަމްނުވާ، ހިތުން ރާސްލާފައިބާ ލޭބާލަން ނުޖެހި ހުރި ހަމައެކަކު މި ބައްދަލުވުމުގައި އެބައިންހެއްޔެވެ؟  
ދެން މިބަލައިލަނީ "ލޮލަށް ފިނިކަން ލިބުން" ގެ މާނައަށެވެ. ޢަރަބިބަހުގައި މިބަސް ބޭނުންކުރެވެނީ އެމީހަކު އެދޭ ގޮތަށް ކަންކަން ޙާޞިލުވުމަށެވެ. އެކަމަކުން ލިބެން ބޭނުންވާ ހިތްހަމަޖެހުން ލިބުމަށެވެ.  
މީސްތަކުންނޭވެ! މިދުޢާގިނަގިނައިން ކުރާށެވެ! އަނބިން ފިރިންނަށްޓަކައެވެ. ފިރިން އަނބިންނަށްޓަކައެވެ. އަދި ދެމަފިރިންވެސް ދަރިންނަށްޓަކައެވެ. ދެމަފިރިންނަކީ ވެސް ދަރިންގެ އެހީތެރިކަމާއި އުފާވެރިކަން ލިބުމަށް އެދިއެދި ތިބޭނެ ބައެކެވެ.    
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا  – الفرقان: ٧٤ 
މާނައީ: "އަޅަމެން ހައްދަވާ ގެންގުޅުއްވާ އިލާހް! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ﷲ އަށް ބިރުވެތިވާމީހުންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާދޭނވެ."
 
- އުސްތާޛް ނޫމާން ޢަލީ ޚާންގެ ދަރުސަކުން
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ