ލިޔެކިޔުން ނެތަސް އަނބިމީހާގެ ފައިސާ ބޭނުންކޮށްގެން ފަށާ ވިޔަފާރިން ޙައްޤު ޙިއްޞާ ނުދޭނަމަ ﷲ ތަޢާލާ ނަންގަވައި ދެއްވަވާނެ! އިން ޝާ ﷲ

އަނބިމީހާކަމަށްވުމުން ފިރިމީހާއަށް އިތުބާރުކޮށް ވިޔަފާރިކުރުން ފަދަ ކަންކަން ކުރަން ލިޔެކިޔުމާއި ނުލައި ފައިސާދެއެވެ. އެގޮތަށް ދިނުމުން ފަހުން މައްސަލަޖެހި ދެމަފިރިން ވަކިވިޔަސް އަނބިމީހާ ދިން ފައިސާގެ ބަދަލު އޮންނަނީ ނުލިބިފައެވެ. އެންމެ ކުޑަމިނުން ދިން ފައިސާވެސް އޮންނަނީ އަނބުރައި ނުލިބިފައެވެ.  
މިފަދަ މައްސަލަތަކުގައި ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. މިފަދަ ޒަމާނެއްގައި ދެމަފިރިން ކަމުގައިވީނަމަވެސް ލިޔެކިޔުން ފުރިހަމަކުރާށެވެ. ކޯޓުގައި އެއްބަސްވުން ރަޖިސްޓްރީވެސް ކުރާށެވެ. އެހެން ގޮތެއް މިހާރަކު ނެތެވެ.  
އަނބިމީހާގެ އަތުގައި ދައްކާނެ ލިޔެކިޔުން ނެތަސް ތިމާގެ ފަތުގައި އެވާހަކަ ލިޔެވިފައިވާކަން ޤަބޫލުކުރާ މީހަކު އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. ދެމަފިރިން ވަކިވާނަމަ އަނބިމީހާގެ ޙައްޤު އަނބިމީހާއަށް އަދާކުރާނެއެވެ. އެކަން ނުކުރަނީ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތުމުންނެވެ.  
ތިރީގައި އެވަނީވެސް ކިޔުންތެރިއަކު މިފަދަ މައްސަލައެއްގައި އޭނާއަށް ކުރިމަތިވި ޙާލަތު ބަޔާންކޮށް ކުރި ސުވާލާއި ސުވާލަށް ދިން ޖަވާބެވެ.  
އަޅުގަނޑުވެސް ކައިވެނިކުރީ ލޯބިވެގެން 3 އަހަރު އެކުގައި އުޅެފައެވެ. އެއިރު އޭނާގެ ކިބައިން ފެނުނު ރަނގަޅު ސިފަތަކަށް އިތުބާރުކޮށްފައެވެ. ކައިވެނިކުރުމަށްފަހު އޭނާގެ އެދުމަށް ވިޔަފާރިއެއް ފަށަން އަޅުގަނޑުގެ އަތުގައި ހުރިހާ ސޭވިންގސް އެއް އެއްވެސް ޝަރުޠަކާއި ނުލައި ދިނީމެވެ.  
ވިޔަފާރި ފަށައި ތަނަވަސްކަން ލިބުމުން އަޅުގަނޑު ވަރިކޮށް އެއްލައިލީއެވެ. ކުޑަކުޑަ ދެ ދަރިންގެ ޚަރަދުވެސް ނުދެއެވެ. އަޅުގަނޑަށް މިޖެހުނީ އަނެއްކާވެސް ވަޒީފާއަދާކޮށްގެން ލިބޭ މުސާރައިން ދަރިންވެސް ބަލާށެވެ!  
އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑުގެ ފިރިމީހާގެ ތަނަވަސްކަމަކީ އޭނާގެ އެކަނި ތަނަވަސްކަމަށްވާނެތޯއެވެ؟ އޭނާއަށް ހަމަ ޙަލާލުވާނެތޯއެވެ؟"  
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިބާއަށް ލިބެންޖެހޭ ޙައްޤު މިދުނިޔޭގައި ނުލިބިގެން ކަންބޮޑުނުވާށެވެ! ލިޔެކިޔުމާއި ނުލައި އަދި އެއްވެސް ޝަރުޠެއް ނުކޮށް ތިބާ ދިން އެއްޗެއް ބޭނުންކުރުމަށްފަހު އެކަމަށް އިޚްލާޞްތެރި ނުވިނަމަ އެކަމަށް ޙައްޤު ބަދަލު މާތް ﷲ ތިބާއަށް ދެއްވަވާނެތެވެ.
އަނިޔާވެރިން ޙަރާމް ޙަލާލަކަށް ނުބަލައެވެ. އެއްބަސްވުމެއް އޮތަސް އިޙްތިރާމެއްވެސް ނުކުރެއެވެ. ވީމާ އަލުން ހިތްވަރުކޮށްލާށެވެ. މާ ބޮޑު އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ