ސުއޫދުގެ އިސްތިއުފާ ޖޭއެސްސީއަށް ވެސް ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވި ކަމުގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް ހުށަހަޅައިފި އެވެ.ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް އެޑްރެސް ކުރައްވައި، ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަަމަށް ކަނޑައެޅުމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.އެގޮތުން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި އެކަމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެކެވެ.އެހެންވެ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން މިވަގުތުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވާ ކަމަށް މީގެ އިރުކޮޅެއް ކުރިން ޖޭއެސްސީއަށް ސުއޫދު ފޮނުއްވި ސިޓީގައިވެ އެވެ. ސުއޫދު ވަނީ މިއަދު ހެނދުނު މި ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ފޮނުއްވައިފަ އެވެ.ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތަށް އެއްވެސް ކޯޓެއްގެ ފަނޑިޔާރަކު އިސްތިއުފާ ދިން ކަން ޖޭއެސްސީއަށް އެންގުމުން އިސްތިއުފާ ދެވުނީ އެވެ. އިސްތިއުފާ ބަލައިނުގަތުމުގެ ހައްގެއް އެ ކޮމިޝަނަކަށް ނުލިބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ