އެކެޑެމީ އެވޯޑްސް ނުވަތަ އާއްމު ނަމުން ނަމަ އޮސްކާސްގެ 97 ވަނަ އެވޯޑް ހަފްލާއަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ އެވޯޑް މޫސުމުގެ އެންމެ ބޮޑު ރެ އެވެ. މިދިޔަ އާދީއްތަ ދުވަހުގެ ރޭ ލޮސް އެންޖެލިސްގެ ޑޮލްބީ ތިއެޓަރުގައި ބޭއްވި ބޮޑު ހަފްލާގައި ދުނިޔޭގެ އެންމެ މަޝްހޫރު ތަރިން އެ މީހުންގެ އެންމެ ހިތްގައިމު ފެޝަން ރަތް ދޫލަ މަތީގައި ދައްކާލި އެވެ.
އެހެން އެވޯޑް ހަފްލާތަކާ ހިލާފަށް އޮސްކާ އެވޯޑްސް އަކީ ވަރަށް ރަސްމީ 'ބްލެކް ޓައި' މުނާސަބަތަކަށް ވުމުން އަންހެނުން ދިގު ހެދުންތަކުގައި އަދި ފިރިހެނުން ސޫޓާއި ޓައިގައި ފެނެ އެވެ. ވަކިން ހާއްސަކޮށް ގިނަ ތަރިން ލަނީ 'އޯލްޑް ހޮލީވުޑް' ސްޓައިލްތަކެވެ.
މި އަހަރު އޮސްކާ އެވޯޑް ލިބުނު ތަރިންގެ ތެރޭގައި އެންމެ މޮޅު އެކްޓްރެސްގެ އެވޯޑް ހޯދި މައިކީ މެޑިސަން، މޮޅު އެކްޓަރުގެ އެވޯޑު ލިބުނު އޭޑްރިއަން ބްރޯޑީ، އެންމެ މޮޅު ސަޕޯޓިން އެކްޓަރު ކީރަން ކަލްކިން އަދި ސަޕޯޓިން އެކްޓްރެސް ޒޯއީ ސަލްޑާނާ ހިމެނެ އެވެ. މައިކީ މެޑިސަން އަކީ އޮސްކާ އެވޯޑްގެ ތާރީހުގައި ބެސްޓް އެކްޓްރެސްގެ އެވޯޑު ހާސިލު ކުރި އެންމެ ހަގު އެކްޓްރެސް އެވެ.
އާއްމުކޮށް އޮސްކާ އެވޯޑްގެ ބެސްޓް އެކްޓްރެސް އިނާމު ލިބޭ ބަތަލާއިން ލައި ހެދުމަކީ ވަރަށް 'އައިކޮނިކް' ހެދުމަކަށް ވެ އެވެ. އެގޮތުން 1988ގައި ޝާގެ ކަޅު ބޮބް މެކީ ހެދުން، 1999ގައި ގްވެނިތު ޕަލްޓްރޯގެ ފިޔާތޮށި ރަލްފް ލޮރަން ހެދުން އަދި 2002ގައި ހެލީ ބެރީގެ ހިތްގައިމު އެލީ ސާބު ހެދުމަކީ އޮސްކާ އެވޯޑްސް ހަފްލާގެ ތާރީހުގެ ތެރެއިން ބައެއް 'އައިކޮނިކް' ހެދުމެވެ. މި އަހަރުގެ ތަރި މައިކީ މެޑިސަން އިނާމްއާ ހަވާލުވީ ކަސްޓަމް ކްރިސްޓިއަން ޑިއޯ އޯޓް ކުތުއާ ހެދުމެއްގަ އެވެ.
އޮސްކާ އެވޯޑްސް އަކީ ބޮޑުކޮށް ފާހަގަ ކުރާ ކުލަގަދަ ހަފްލާއެއްގެ އިތުރުން ތަރިންގެ ފެޝަން އާއްމުކޮށް ހުންނަނީ 'އޯލްޑް ހޮލީވުޑް' ސްޓައިލްއަށެވެ. ކުޅަދާނަ އަދި މަޝްހޫރު ތަރިން ވަނީ މި ސްޓައިލުގެ ހެދުން ލާފަ އެވެ. އޭގެ ތެރޭގައި ޑަވީން ޖޯއި ރެންޑޮލްފްގެ ނަލަ ކަޅު ގައުން، ސެލީނާ ގޮމޭޒްގެ ސަތޭކައެއްހާ ކުދި ފެންތިކިތަކެއް ފަދަ މިނާ ހަރުކޮށްފައިވާ ރަލްފް ލޮރެން ހެދުން އަދި އެލް ފެނިންގެ ޓައި ޖެހި ޖިވޯންޝީ ހެދުން ހިމެނެ އެވެ. މި އަހަރުގެ ރަތް ދޫލަ މަތިން ތަފާތު ކުލަތައް، ސިލުވެޓް އަދި ސްޓައިލްތައް ވެސް ފާހަގަ ވި އެވެ.
ބްލެކް ޓައި އިވެންޓުތަކުގައި އެންމެ ގިނައިން ލައި އުޅޭ ކުލަ އަކީ ކަޅެވެ. މިފަހަރު އޮސްކާ އެވޯޑްގެ ރަތް ދޫލަ މަތިން ގިނަ އަދަދެއްގެ ކަޅު ހެދުން ފެނިފައިވާއިރު ހުދު، މަޑު އަޅި، ބްލަޝް ޓޯންސް އަދި ކްރީމް ކުލަ ވެސް ގިނަ ބަޔަކު ހިޔާރުކޮށްފައިވާކަން ފާހަގަވި އެވެ.
ރިހި ވެލިފޮތި އަދި ރިހި ބިއްލޫރި ޖަހާފައި ހުރި ހެދުން މި އަހަރު ގިނަ އެވެ. ފެލިސިޓީ ޖޯންސްގެ ރިހި ހެދުމާއި 'ދަ ސަބްސްޓަންސް'ގެ ބަތަލާ ޑެމީ މޯގެ އަރްމާނީ ޕްރިވެ ރިހި ހެދުން އޭގެ ތެރޭގައި ހިމެނެ އެވެ. ރިހި ކުލައިގެ ކުދި ބިއްލޫރި ހެދުމުގައި ހަރުކޮށްފައި ހުރި ހިތްގައިމު ދެ ހެދުމެއް ވެ އެވެ. އެއީ ހެލީ ބެރީ އާއި ޔްވޮން އޯރްޖީގެ ނަލަ ދެ ހެދުމެވެ.
ހުދު ކުލަ އަކީ ވެސް އޮސްކާޒްގެ ރެޑް ކާޕެޓްއަށް ގިނަ އަދަދެއްގެ ސެލެބްރިޓީއިން ބޭނުންކުރާ ކުލައެކެވެ. ހުދު ރަމްޒުކޮށްދެނީ މަޑުމައިތިރި، ސާދާ ނުވަތަ އޯގާތެރި ފަދަ ސިފަތަކެވެ. ހުދު ކުލައިގެ ޝެނަލް ހެދުމެއްގައި މި އަހަރުގެ އޮސްކާޒް ރަތް ދޫލަ މަތިން ފެނުނީ މަގުބޫލު އެކްޓްރެސް ޕެނެލޮޕީ ކްރޫޒް އެވެ. ރިއަލިޓީ ޓީވީ ތަރި ކިމް ކާޑޭޝިއަންގެ އިތުރުން އެކްޓްރެސް ލުޕިޓާ ނޮޔޮންގޯ ވެސް ވަނީ ހިތްގައިމު ހުދު ގައުންއެއް މި ހަފްލާއަށް ލާފަ އެވެ.
ރަތް ކުލަ އާއި ބެރީގެ ކުލަތަކަކީ ވެސް މިޒާތުގެ ބޮޑެތި ހަފްލާތަކުން ފެންނަ ލަތީފީ ކުލަތަކެކެވެ. ހާއްސަކޮށް ރަތް ދޫލަ މަތީން ރަތް ކުލައިގެ ހެދުމެއް ލުމަކީ އާދައިގެ ކަމެއް ނޫން ކަމަށް އަޅުގަނޑަށް ފެނެ އެވެ. އެއީ ލާ ރަތް ޓޯންއެއްގެ ސަބަބުން އެ މީހެއްގެ ހަންގަނޑުގެ ސިފަ ހުތުރުވެ ނުވަތަ އިތުރަށް ރީތިވާނެ އެވެ.
މިފަހަރުގެ އޮސްކާ އެވޯޑް ހަފްލާއަށް ލަވަކިއުންތެރިއާ ރޭ ލައިގެން ހުރި ވިވިއަން ވެސްޓްވުޑް ހެދުން ވަރަށް ޗާލެވެ. މީގެ އިތުރުން އެކްޓްރެސް ގަލް ގެޑޮޓް އަދި ކުއީން ލަތީފާ ވެސް މި ހަފްލާއަށް ލައިގެން ތިބީ ރަތް ކުލައިގެ ހެދުމެވެ.
އިހުގެ ހެދުން ސިލުވެޓްގެ އިތުރުން ޒަމާނީ ވައްޓަފާޅިއެއްގެ ގައުން ވެސް މި އަހަރުގެ އޮސްކާ އެވޯޑް ހަފްލާގައި މަދެއް ނޫނެވެ. އެގޮތުން ފުރަތަމަ ފާހަގަކޮށްލަން ބޭނުންވަނީ ޔަސްމިން ފިންނޭގެ ކަޅު ކުލައިގެ ހެދުމެވެ. އެ ހެދުން ފަރުމާކޮށްފައި ވަނީ ހެރިސް ރީޑް އެވެ.
މި ލިސްޓުގައި ބްލެކްޕިންކްގެ ލަވަކިއުންތެރިއާ އަދި 'ދަ ވައިޓް ލޮޓަސް'ގެ ތަރި ލިސާ ހިމެނުން މުހިއްމެވެ. އޭނާ ރަތް ދޫލަ މަތިން ފެނުނީ ދިގު ހެދުމެއްގެ ސިފައަށް ފަރުމާކޮށްފައިވާ ސޫޓެއް ލައިގެނެވެ. މި ކެޓެގަރީގައި މަގުބޫލު ފިލްމް 'ވިކެޑް'ގެ ތަރިން އަރިއާނާ ގްރާންޑޭ އާއި ސިންތިއާ އެރިވޯ ވެސް ހިމެނެ އެވެ.
އަރިއާނާ ގްރާންޑޭގެ ހުވަފެނީ މަޑު ބްލަޝް ޓޯން ހެދުން ފަރުމާކޮށްފައިވަނީ މަގުބޫލު ޑިޒައިނާ ބްރޭންޑު ސްކިއަޕަރެއްލީންނެވެ. އަދި ސިންތިއާ އެރިވޯގެ ބޮޑު ކަޅު ހެދުން ފަރުމާކޮށްފައިވަނީ ލުއީ ވުތޮންއިންނެވެ.
އެވޯޑް ހަފްލާތަކަކީ އަބަދުވެސް ފިރިހެނުންނަށް ވުރެން އަންހެނުންގެ ފެޝަންއަށް ސަމާލުކަން ދީފައި އޮންނަ މުނާސަބަތެއް ކަމަށް ހީވުން އެކަށީގެންވެ އެވެ. އެކަމަކު ފިރިހެނުންގެ ސޫޓާއި ޓައި ވެސް ވަކި ވައްޓަފާޅިއަކަށް ބެހެއްޓިއަސް އެ އޮނިގަނޑުތެރެއިން ނަލަކޮށް ސްޓައިލްކޮށްލެވޭނެ އެވެ. މީގެ ފުރިހަމަ މިސާލެއް މި އަހަރުގެ އޮސްކާ އެވޯޑް ހަފްލާގެ ރަތް ދޫލަ މަތިން ފިރިހެން ތަރިން ދައްކާލި އެވެ.
ލަވަކިއުންތެރިއާ އޮމަރް އެޕޯލޯގެ ވެލެންޓީނޯ ސޫޓު ސްޓައިލްކޮށްފައި ހުރީ ވަރަށް ތަފާތު ކޮށެވެ. މަޝްހޫރު އެކްޓަރު ޖެފް ގޯލްޑްބްލަމްގެ ޕްރާޑާ ސޫޓު އަކީ އޭނާގެ މިޒާޖާ ގުޅޭ އަދި މިކަހަލަ ރަސްމީ މުނާސަބަތަކާ ވެސް ގުޅޭ ސޫޓެކެވެ.
މީގެ އިތުރުން އެންޑްރޫ ގާފީލްޑްގެ މުށި ކުލައިގެ ސޫޓު އަދި އޭޑްރިއަން ބްރޯޑީގެ ކްލެސިކް ކަޅު ސޫޓާ އެކު ބޭނުންކޮށްފައިވާ އެކްސެސަރީޒް ފާހަގަކުރެވެ އެވެ. އަދި ކޮލްމަން ޑޮމިންގޯގެ ރަތް ކުލައިގެ ސޫޓު ތަފާތުވިޔަސް އޭނާއަށް ހެޔޮވަރުވެފައި މުނާސަބަތާ ގުޅެ އެވެ.
އޮސްކާ އެވޯޑް ހަފްލާގެ ރަތް ދޫލަ މަތިން ވިދާލި ނަލަ ފެޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ