މެލޭޝިއާއިން ގެއްލިގެން ހޯދަމުން އަންނަ އަހުމަދު އުސައިދު އިބްރާހިމް އަފީފް ގެއްލުނު ދުވަހު އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގިއްޖެ އެވެ.
އުސައިދު ގެއްލުނީ އާދިއްތަ ދުވަހު އެވެ. ފޮރިން މިނިސްޓަރު ބުނީ މެލޭޝިއާއިން ދިވެއްސަކު ގެއްލިފައިވާކަމުގެ ހަބަރު އެ މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށާއި އެ ގައުމުގައި ހުންނަ އެމްބަސީން އޭނަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
މިކަމުގެ އިތުރު ތަފުސީލު ހާމަކުރީ އުސައިދުގެ ބައްޕަ އިބްރާހިމް އަފީފް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަފީފުގެ ޕޯސްޓުގައި ވިދާޅުވީ އުސައިދު ގެއްލުނީ އޭނާ ދިރިއުޅޭ ސަންވޭ ޖިއޯ އިން އާދިއްތަ ދުވަހު މެންދުރުފަހު 3:15 ހާއިރު ނުކުތް ފަހުން ކަމަށެވެ.
އެކަން ފުލުހުންނަށް އެންގީ އެ ރޭ 10:00 ހާއިރު ކަމަށް އަފީފް ވިދާޅުވި އެވެ. އަދި، އެ ދުވަހު އެ ގައުމުގައި ހުންނަ އެމްބަސީއަށް އެކަން އެންގި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"ކުރެވުނު މަސައްކަތުން ސީސީ ކެމެރާ ފްޓޭޖް ތަކުން ލިބުނު މައުލޫމާތުންނާއި، ބައެއްމީހުންގެ ފަރާތުން ލިބުނު މައުލޫމާތުން، ހަމަ އެދުވަހު 4:00 އެހާކަށްހާއިރު، އުސައިދު ރާއްޖޭގެ އެމްބަސީއަށް ދިޔަކަން އެނގުނު،" އަފީފު ލިޔުއްވާފައިވެ އެވެ.
އެ ދުވަހަކީ އެމްބަސީ ބަންދު ދުވަހެއް ކަމުން ޖެހިގެން އައި ދުވަހު އެތަނަށް ދިޔުމުން އެތަނުގެ ސީސީޓީވީ ފުޓޭޖުތައް އުސައިދު ފެނުނު ކަމަށާއި އެމްބަސީ ތެރެއަށް އުސައިދު ދޫކޮށްލި އޭނާގެ ވޮލެޓާއި ސްޓޫޑަންޓު ކާޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް އަފީފު ލިޔުއްވާފައިވެ އެވެ.
ނަމަވެސް، މިހާތަނަށް އުސައިދު ފެނިފައެއް ނުވެ އެވެ. އޭނާ އެމްބަސީއަށް ދިޔަ ބޭނުމެއް ވެސް ސާފުވެފައެއް ނުވެ އެވެ. ކެމެރާތަކުން ފެންނަ ގޮތުގައި އުސައިދު އެންމެ ފަހުން ލައިގެން ހުރީ ރަތް ކުލައިގެ ޓީޝާޓެކެވެ.
އުސައިދު ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާއިރު އަފީފް ވަނީ އާންމުންނާއި މެލޭޝިއާގެ ފުލުހުން އަދި އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހި ކިޔެވުމަށް އަދި ވަޒީފާ އަދާކުރުމަށް ދިރިއުޅެމުންދާ ގައުމެކެވެ. ޗުއްޓީ ހޭދަކޮށްލުމަށް ވެސް އެ ގައުމަށް ގިނަ އަދަދަކަށް ދިވެހި ދަތުރުކުރެ އެވެ.
ގެއްލުނު ދުވަހު މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އުސައިދު ދިޔަކަން އެނގިއްޖެ ގެއްލުނު ދުވަހު މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އުސައިދު ދިޔަކަން އެނގިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ