ކަރަންޓު ބިލު ދެއްކުން ދަތިވާ ނަމަ މުއްދަތު އިތުރުކޮށްދޭން އެ ކުންފުނީގައި އަބަދުވެސް އެދެވޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރޯދަމަހު ކަރަންޓު ބިލަށް ޑިސްކައުންޓް ދޭނެކަން އިއުލާންކޮށްފައިވަނިކޮށް ކައިރިކައިރީގައި މިފަހަރު ދެ ބިލެއް ސްޓެލްކޯއިން ފޮނުވާފައިވާތީ އާންމުންގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މި ބިލުތައް ދެއްކުމަށް ދީފައިވާ މަސް ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަމުގެ ކަންބޮޑުވުން ބައެއް މީހުން ގެންދަނީ ފާޅުކުރަމުންނެވެ.
ތަފްސީލް - އެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ފަހުމީ 'އެކްސް' ޕޯސްޓެއްގައި ވިދާޅުވީ ބިލް ދެއްކުމަށް ދަތިވާ މީހުންނަށް ލުއި ގޮތްތައް އަބަދުވެސް އޮންނާނެ ކަމަށެވެ.
"އެގޮތުން ސްޓެލްކޯ ވެބްސައިޓް މެދުވެރިކޮށް ޕޭމަންޓް އެކްސްޓެންޝަނަށް އެދުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވާނީ ހުޅުވާލެވިފައި. މިކަމުގައި އަޅުގަނޑަށް ނުވަތަ ސްޓެލްކޯގެ އެއްވެސް ވެރިއަކަށް ގުޅާކަށް ނުޖެހޭނެ،" ފަހުމީ ލިޔުއްވި އެވެ.
ފަހުމީ ވިދާޅުވީ:
ސްޓެލްކޯއަކީ ކަސްޓަމަރުންނާ ގާތުން މަސައްކަތް ކުރާ، ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެއް ކަމަށް
ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާނުލާނެ ކަމަށް
އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ އިހުލާސްތެރިކަމާ އެކު ކަމަށް
ސްޓެލްކޯއިން އަބަދުވެސް މަސައްކަތްކުރަނީ ކަސްޓަމަރުންނަށް އެންމެ ލުއިފަސޭހަ ގޮތް ހޯދައިދޭން ކަމަށް
ފާހަގަކޮށްލެވޭ - ސްޓެލްކޯ އިން މާ ކައިރިކައިރީގައި ކަރަންޓު ބިލު ފޮނުވާތީ އާންމުން ކުރިމަތި ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފަހުމީ މީގެ ކުރިން ބުނެފައިވަނީ ދެ ބިލެއް ފޮނުވަނީ ސްޓެލްކޯގެ ހިދުމަތަށް ބިލު ކުރުމުގައި އޮތް ބެކްލޮގު ފިލުވައި ރޯދަ މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ފަސޭހައަކަށް ކަމަށެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ދިމާވި އެންމެ ބޮޑު އެއް ދައްޗަކީ ރޯދަ މަހުގެ ޑިސްކައުންޓް ދެ މަހެއްގެ ބިލުގައި ހިމަނަން ޖެހުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މި އަހަރު ނިންމާފައިވަނީ މުޅި ރޯދަ މަހަށް އެއް ބިލު ތައްޔާރު ކުރުމަށް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.
ބިލު ދައްކުން ދަތިވާ ނަމަ މުއްދަތު އިތުރުކޮށްދޭން އެދެވޭނެ: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ