އެސްޓީއޯއިން ބާޒާރަށް ކާށި ނެރެފި، ކިލޯއެއް 20ރ އަށް

ރަމަޟާން މަހަށް ހާއްސަކޮށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ހެޔޮ އަގުގައި ބާޒާރަށް ކާށި ނެރެފިއެވެ.
އެސްޓީއޯ އިން ބުނީ މިހާރު ކާށި އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށާއި ކާށި ކިލޯއެއްގެ އަގަކީ 20ރ ކަމަށެވެ. މި އަހަރުގެ ރަމަޟާން މަހަށް ބޭނުންވާ މުދާ ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް ކުރީ އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ތައްޔާރުވެފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
މީގެކުރިން ލިބިފައިވާ ތަޖުރިބާތަކުގެ އަލީގައި މި އަހަރު ހާއްސަ ސަމާލުކަމެއް ދީގެން އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފަހި ގޮތްތަކެއް ހޯދައިދިނުމަށް ރޭވިފައިވާ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. އެގޮތުން މާކެޓްގެ އަގުތަކަށް އަންނަ ބަދަލުތައް ގަވާއިދުން ބަލަމުންގެންގޮސް، އަގު މައްޗަށްދާ ތަކެތި ފާހަގަކޮށް، އެކަމަށް އަވަސް ހައްލެއް ގެނެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. އެއީ އަސާސީ ކާބޯތަކެތި(ފިޔާ، ބިސް އަލުވި، ކަދުރު)، ތާޒާ ތަރުކާރީ އަދި މޭވާ (ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ)، ޕްރޮސެސްޑް ކާނާ (ނެސްލޭ ކުރީމް، ކޮކޯ ޕައުޑާ، ބޭކެޓް ބީންސް، ގެރިކިރު ދަޅު)، ކެއްކުމަށް ބޭނުންކުރާތަކެތި (ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ