ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ: ނަޝީދު

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން 14 ބިލިއަން ރުފިޔާ ޗާޕު ކުރަން ނިންމައިފައިވާ ކަމުގެ ވާހަކަތަކެއް އާންމުވުމާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 'އަދަދު' ނޫހުން މިއަދުވަނީ، 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕު ކުރުމަށް އެމްއެމްއޭގެ ބޯޑުން ނިންމައިފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. އަދި އިދިކޮޅު އެމްޑީޕީން ވެސް ވަނީ، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އަދަދަކުން ފައިސާ ޗާޕު ކުރުމަށް މި ސަރުކާރުން ސިއްރިއްޔާތުގައި ނިންމައިފައިވާ ކަމަށް ބުނެފައެވެ. އެ ވާހަކަތަކާ ގުޅޭ ގޮތުން އެމްއެމްއޭއިން މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައިނުވެއެވެ. ފައިސާ ޗާޕު ކުރުމަށް އިޝާރާތް ކުރައްވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ، އެމްއެމްއޭއިން އުޅެނީ އެ ފައިސާއިން ބިން ގަނެ، އެ ތަނުގައި ފައިނޭންޝަލް ސެންޓަރެއް ބިނާކުރަން ކަމަށެވެ. ނަމަވެސް މަރުކަޒީ ބޭންކުން އެފަދަ ކަމެއް ކުރުމަކީ އާންމު އުސޫލާ ޚިލާފު ކަމަކަށްވުމުގެ އިތުރަށް، ބަޖެޓް ޑެފިސިޓާއި ދަރަނި ކުޑަކުރުމަށް ސަރުކާރުން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ވައުދުތަކާ ޚިލާފު ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. https://x.com/MohamedNasheed/status/1898792249057825122 އެ މަނިކުފާނު ވިދާޅުވީ ސަރުކާރުން 14 ބިލިއަން ރުފިޔާ ޗާޕު ކުރަން އުޅޭއިރު، އޭގެ ހަގީގީ މަގުސަދަކީ ފައިސާ ހޯދުން ކަމަށެވެ. "ސާދަ ބިލިއަން ރުފިޔާއިން ފައިސާ އިތުރުކުރުމުން، ޑޮލަރުގެ އަގު 24 ރުފިޔާއަށް ވުރެ ބޮޑުވުމުގެ ފުރުސަތު ބޮޑު، އެއާއެކު އިންފްލޭޝަން ވެސް މަތިވާނެ،" ނަޝީދު ލިޔުއްވާފައިވެއެވެ. އެހެންވެ، ސަރުކާރުން އެ ނިންމުން ބަދަލުކޮށް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ލަފާދީފައިވާ ގޮތަށް ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ. ޑޮލަރެއްގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމަށްވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޑޮލަރުގެ އަގު ދަށް ވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެހެންނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އިންފްލޭޝަން އަންނަނީ މަތިވަމުންނެވެ. މީގެ އިތުރުން ރައީސްގެ އެންމެ މުހިންމު އެއް ވައުދަކީ ފައިސާ ޗާޕު ނުކުރުމެވެ. އަދި ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރިކަން ފާހަގަކުރައްވައި އެކަމަށް ފާޑު ވިދާޅުވެ، ޗާޕު ކުރަމުން ދިޔަ ނަމަ ޑޮލަރު ރޭޓު 20 ރުފިޔާއިން މައްޗަށް ދާނެ ކަން ވެސް ރައީސް މީގެ ކުރިން ފާޅުކުރައްވައިފައިވެއެވެ. މި އަހަރާއި އަންނަ އަހަރު ވެސް ބޮޑު އަދަދުތަކުން ދައުލަތުން ދަރަނި ދައްކަން ޖެހޭއިރު، އިގުތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން މިދިޔަ އަހަރާއި މި އަހަރު ވެސް ފާހަގަކުރިއެވެ. އޭގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ދަށްކޮށް، އިންވެސްޓަރުންގެ އިތުބާރު ދަށްވަމުން އަންނަ ކަމަށް ވެސް ކަނޑައަޅައިފައިވެއެވެ. މާލީ އިދާރާތަކުން ތަކުރާރުކޮށް ދޭ ލަފައަކީ ޚަރަދުތައް ކުޑަކުރުން އަވަސް ކުރުމެވެ. މި ސަރުކާރުން ވަނީ މާލީ އިސްލާހީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ