ކާޖޮލްގެ ފުރަތަމަ ބިރުވެރި ފިލްމު 'މާ'ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑް ބަތަލާ ފުރަތަމަ ފަހަރަށް ކުޅޭ ބިރުވެރި ފިލްމު "މާ"ގެ ޓްރެއިލާ ދައްކާލައިފިއެވެ. މި ފެށޭ ޖޫން މަހުގެ 27ގައި ރިލީޒްކުރާ ފިލްމު "މާ"އަކީ ވިޝާލް ފޫރިއާ ޑައިރެކްޓްކޮށް ކާޖޮލްގެ ފިރިމީހާ އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ވިޝާލްއަކީ ބަތަލާ ނުޝްރަތު ބަރޫޗާ ލީޑް ރޯލް ކުޅުނު ބިރުވެރި ފިލްމު "ޗޯރީ"ގެ ދެ ބައި ވެސް ގެނެސްދިން ޑައިރެކްޓަރެވެ. މި ފިލްމުގައި ކާޖޮލް ފެންނާނީ ޝައިތާނީ ވަސްވާސްތަކުގައިޖެހި ޝައިޠާނުންގެ ބާރުގެ ދަށަށް ގޮސްފައިވާ އަންހެން ދަރިފުޅު ސަލާމަތް ކުރުމަށް މަސައްކަތްކުރާ ބިރުކުޑަ މަންމައެއްގެ ރޯލުންނެވެ. ޝައިޠާނުންނާ އެކު ބޮޑު ކުރިމަތިލުމަކަށް ދަރިފުޅު ސަލާމަތް ކުރުމުގައި ދިމާވާ ބިރުވެރި ގިނަ ހާދިސާތަކެއް މި ފިލްމުން ބެލުންތެރިން ތަޖުރިބާކުރާނެއެވެ. ފިލްމު "މާ"ގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި އަޖޭ އަދި ކާޖޮލް--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމުގެ ޓްރެއިލާއަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނައިރު މިފަހަކަށް އައިސް ވަރަށް ގިނަ ޕްރޮޑަކްޝަން ކުންފުނިތަކުން އެކްޝަން ޑްރާމާ އެކަނި ގެނެސްދިނުމުގެ ބަދަލުގައި ބިރުވެރި ޖޯންރާގެ ފިލްމުތައް ގެނެސްދެމުން އަންނަތީ އެކަން ބަލައިގަންނަ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ކާޖޮލްގެ އިތުރުން މި ފިލްމުގެ މުހިންމު ތަރިންގެ ގޮތުގައި އިންދްރަނޭލީ ސެންގުޕްތާ، ޖިތިން ގުލާޓީ އަދި ހެރިން ޝަރުމާ ފެންނާނެއެވެ. މުޅިން އަލަށް ބިރުވެރި ޖޯންރާގެ ފިލްމެއްގައި މަސައްކަތްކުރާ ކާމިޔާބު ބަތަލާ ކާޖޮލް އެންމެފަހުން ކުޅެފައި ވަނީ ނެޓްފްލިކްސްއިން ގެނެސްދިން އެކްޝަން ތުރިލާ މިސްޓްރީ ފިލްމު "ދޯ ޕައްތީ"އެވެ. މި ފިލްމުގައި ކާޖޮލް ކުޅެފައި ވަނީ އަންހެން ފުލުސް އޮފިސަރެއްގެ ރޯލެވެ. މިއީ އެފަދަ ރޯލަކުން ކާޖޮލް ފެނުނު ފުރަތަމަ ފިލްމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ