އަލިފާނުގެ ހާދިސާތައް ހިނގާ ސަބަބު ހޯދާ ރައްކާތެރިކަމަށް އިދިކޮޅުން ގޮވާލައިފި

އަލިފާނުގެ ހާދީސާތައް ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
އިސްކަންދަރު މަގުގައި ހުންނަ މ. ނިރުފެހި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އިދިކޮޅުން ވަނީ އެ ހާދިސާގައި އެތައް ބަޔަކު ނިޔާވި ހަބަރު އެހީ ނުހަނު ކަންބޮޑުވުމާއި އަސަރާއިއެކު ކަމަށާއި އެ ބިރުވެރި އަދި ހިތާމަވެރި ހާދިސާގައި ނިޔާވި އެންމެހާ މުސްލިމް އަހުންނާއު އުހުތުންގެ ފުރާނައަށް ﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުމަށް އެދި ދުއާކޮށް އާއިލާތަކަށް ތައުޒިޔާ ކިޔާފައެވެ.
ހާދިސާ ހިނގުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުރާނައަށް ބެލުމެއް ނެތި ހަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުން ގެ އިތުރުން އެހީތެރިވި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތްތަކަށް އިދިކޮޅުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އިދިކޮޅުން ވަނީ މީގެ ކުރީގައިވެސް އެ ފަދަ ހިތާމަވެރި ހާދިސާތައް ހިނގުމުން އެވަގުތަށް ވާހަކަތަކެއް ދައްކާ އޮއްބާލާ އުސޫލު ދޫކޮށްލުމަށްފަހު އެފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ކުރެވޭނޭ ނިޒާމެއް ކަނޑައަޅައި ހަރުދަނާ ސިޔާސަތެއް އެކުލަވާލަން ސަރުކާރަށް ގޮވާލާފައެވެ.
އެހާދިސާގެ ސަބަބުން ގެއްލުން ލިބި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށް އެ ހާދިސާގެ ސަބަބުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށްވެސް އެ ކޯލިޝަނުން ގޮވާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ