މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް، ސަމާލުވޭ

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ. ވައިޓް އެލަރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިން ގއ. އަތޮޅަށެވެ.
ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 08:00 ން 14:00 އާ ހަމައަށެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ބަދަލުވާ ދުވަސްވަރުކަމަށްވުމާ ގުޅިގެން ރާއްޖޭގެ ގިނަ ހިސާބުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާގޮތުގައި މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި އުތުރުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކޮށްފާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކަށް ގަދަވާނެކަމަށާ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރާކަމަށެވެ.
މި ދުވަސްވަރަކީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމުން އެއްރަށުން އަނެއްރަށަށް ކަނޑު ދަތުރުފަތުރު ކުރުން މިވަނީ ގިނަވެފައެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ