އަދަދު ސްޕޯޓްސް އެކްސްކްލޫސިވް: ޕާކިސްތާނަށް ކާމިޔާބު ލިބުނީ މަސައްކަތުން، ރާއްޖެ އަށް ވެސް އެ ފުރުސަތު އެބައޮތް

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ޕާކިސްތާނަށް ލިބިގެންދިޔައިރު، މި ފުރުސަތު ޕާކިސްތާންގެ ފުޓްބޯޅަ ޓީމަށް ފަހިކޮށްދިން ކަމަށްޓަކައި، ޕާކިސްތާން ޓީމުގެ ކޯޗު، ޕެރޫ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ނޮލްބާޓޯ ސޮލާނޯ، ރާއްޖެ އަށް ޝުކުރު އަދާކޮށްފި އެވެ. 
މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު އެންމެ ފުރަތަމަ ފޮނުވީ ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލަށެވެ. އެކަމަކު، ފަހުން އެކި ސަބަބުތަކާ ހުރެ އިތުރު ޓީމުތަކަށް ދިން ދައުވަތުގެ ތެރެެއިން، ޕާކިސްތާނަށް ފުރުސަތު ދިނުމާ އެކު، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ މުބާރާތް ކުޅޭ ގޮތަށް އައުމަށެެވެ. 
ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޖޫން މަހު ކުޅެން ރާވާފައި އޮތް ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގައި ވާދަކުރުމުގެ ދައުވަތެއް ޕާކިސްތާންގެ ގައުމީ ޓީމަށް ލިބިފައިވާ ކަމަށް ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަން (ޕީއެފްއެފް)އާ ހަވާލާދީ އެ ގައުމުގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފައި.
"އެންމެ ފުރަތަަމަ ކަމަކަށް ވަރަށް އުފާކުރަން، ރާއްޖޭން މި ވަރުގެ މުބާރާތެއް އިންތިޒާމްކޮށް އަހަރެމެންނަށް ފުރުސަތު ދިނީތީވެ، ވަރަށް ރަނގަޅު ލެވަލްގެ ފުޓްބޯޅައެއް ކުޅެލެވުނު މުބާރާތެއް މިއީ،" ރޭ އަފްގާނިސްތާން އަތުން 2-0 އިން މޮޅުވެ، ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތް، ކާމިޔާބުކުރި ފައިނަލް މެޗަށް ފަހު، އޮތް އިނާމް ދިނުމުގެ ރަސްމިއްޔާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި، ސޮލާނޯ ބުންޏެވެ. 
"މިއީ، އަހަރެމެން ވަރަށް މަސައްކަތުން ހޯދި ކާމިޔާބެއް. ވަރަށް ގިނަ ކަންކަން ކޮށްގެން ދެވޭ މިސްރާބެއް. އަހަރެން ބުނާނީ، ރާއްޖެ ވެސް ހިމެނޭ ގޮތަށް، މި ސަރަހައްދުގެ ކޮންމެ ގައުމަކުން ވެސް މަސައްކަތްކޮށްފިއްޔާ ކުރިއެރުމާއި ކާމިޔާބު ލިބޭނެއޭ. ޖެހޭނީ ޕްލޭނެއް އޮންނަން،"
ޑައިމަންޑް ޖުބިލީ މުބާރާތުގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން 0-0 އިން ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ އެއްވަރުވި އެވެ. އޭގެ ފަހުން، ދެ ވަނަ މެޗުގައި ރާއްޖެ އަތުން 3-0 އިން މޮޅުވިއިރު، މިއީ، 1991 ވަނަ އަހަރުގެ ސާފް ގޭމްސް ފައިނަލަށް ފަހު، ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި، ރާއްޖޭގައި ކުޅެގެން މުޅިން އަލަށް ޕާކިސްތާނަށް ރާއްޖެ ބަލިކުރެވުނުއިރު، މިއީ، 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ޕާކިސްތާން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. 
ރާއްޖެ މެޗަށް ފަހު، ޕާކިސްތާނުން ދެން ކުޅުނު ދެ މެޗުގައި ވެސް އަފްގާނިސްތާންގެ މައްޗަށް 2-0 އިން ކުރިހޯދި އެވެ. އެއީ ލީގު ބުރުގެ ފަހު މެޗާއި ފައިނަލުގަ އެވެ. 
މީގެ ވިއްސަކަށް އަހަރު ކުރިން، ނިއުކާސަލް ޔުނައިޓެޑާއި އެސްޓަން ވިލާ އަށް ކުރިން ކުޅުނު ސޮލާނޯ ބުނީ، މުބާރާތުގައި ކުޅުނު ޓީމުތަކުގެ ކުޅުންތެރިންގެ ލެވަލަށް ބަލާކަމަށްވާނަމަ، ރާއްޖޭގައި ވެސް ހުނަރުވެރި ކުޅުންތެރިން ތިބި ކަމަށެވެ. އެކަމަކު، ހުނަރުގެ ބޭނުންކުރަން ކުޅުމުގެ ފުރުސަތު އެންމެ ރަނގަޅަށް ލިބޭނެ މާހައުލެއް އޮންނަން ޖެހޭނެކަން ވެސް ސޮލާނޯ ފާހަގަކުރި އެވެ. 
"ދެކުނު އޭޝިއާގައި ފުޓްބޯޅައިގައި ކުރަން ޖެހިފައި އޮތީ ކުޅުންތެރިން ޑިވެލޮޕްވާނެ ގޮތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި އޮތުން، ރަނގަޅު ލީގެއް އޮވެ، ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ރަނގަޅަށް ފަހިވެފައި އޮތުން، ދެން، އޮތް ކަމަކީ، ފުރުސަތު ލިބިއްޖެނަމަ ރަނގަޅު ލީގުތަކުގައި ކުޅެން ދިއުން،" ސޮލާނޯ ބުންޏެވެ. 
އޭނާ ބުނީ، ޕާކިސްތާނުގައި ޔޫރަޕްގެ އެކި ގައުމުތަކުގެ ތަފާތު އެކިއެކި ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭއިރު، އެ ކުޅުންތެރިންގެ ޕްރޮފެޝަނަލް ވިސްނުމާ އެއްގޮތަށް ދެން ތިބި ކުޅުންތެރިންނާ ގުޅިގެން މުޅި ޓީމުގެ ކަންކަން ރަނގަޅުކުރާކަން މި މުބާރާތުން ފާހަގަވި ކަމަށެެވެ. 
"މިއީ ފެށުމެއް ކަމަށް ދެކެނީ. އަހަރެމެންގެ އަމާޒެއް އޮވެގެން މި މަސައްކަތްކުރަނީ، މި ކާމިޔާބީއާ އެކު ނޮވެމްބަރު މަހު އޮތް ސާފްގެ މުބާާރާތަށް އުންމީދު ވެސް ބޮޑުވާނެ. އެކަމަކު، ހަނދާނުގައި ބަހައްޓަން ޖެހޭ އަހަރެމެން މަަސައްކަތް މި ކުރާ ހަގީގީ މަންޒިލަކީ އޭޝިއަން ކަޕް. އަހަރެން ގަބޫލުކުރަން މަސައްކަތް ކޮށްފިއްޔާ، ޕާކިސްތާނަށް ވެސް އަދި ދެކުނު އޭޝިއާގެ ކޮންމެ ގައުމަކަށް ވެސް މި ކަން ކުރެވިދާނެ،" ސޮލާނޯ ބުންޏެވެ. 
ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ އަށް އިތުބާރު ކޮށްފައި ޓީމުގެ ޒިންމާ ހަވާލުކުރުމުން، ވީހާވެސް ބޮޑަށް ކުޅުންތެރިންނާ ގާތުން މަސައްކަތް ކުރަން ބޭނުންވި ކަމަށް ސޮލާނޯ ބުނެފައިވެ އެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި ފެޑެރޭޝަނާ ގުޅިގެން ޕާކިސްތާންގައި ތިބި އިތުރު ހުނަރުވެރި ކުޅުންތެރިންތަކެއް ހޯދައިގެން، އެ ގައުމުގެ ޑޮމެސްޓިކް ފުޓްބޯޅަ އިތުރަށް ރަނގަޅުކުރަން މަަސައްކަތްކުރާނެ ކަމަށް ސޮލާނޯ ވަނީ ބުނެފަ އެވެ. 
ކްރިކެޓްގެ ފޯރި އިންތިހާ އަށް ގަދަކޮށް އޮތް ޕާކިސްތާނަށް ފުޓްބޯޅައިން ތަށްޓެއް ގެންދެވުމަކީ، އެ ގައުމުގައި މިއީ ވެސް ވަރުގަދަ އަށް ކަންކަން ހިންގޭނެ ކުޅިވަރެއްގެ ގޮތުގައި ސާބިތުކޮށްދެވޭނެ ކަމެއްގެ ގޮތުގައި ސޮލާނޯ ވަނީ ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ