ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާގައި އެމްޕީއެލްގެ ބޮޑެތި އިހުމާލުތަކެއް! ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާގައި އެމްޕީއެލްގެ ބޮޑެތި އިހުމާލުތަކެއް!

ވެރި ރަށް މާލޭގެ ވިޔަފާރި ބަނދަރަށް އެކްސްކެވޭޓަރެއް ބާލަން އުޅުމުގެ ތެރޭގައި، އެ އެކްސްކެވޭޓަރު އެރުވި ކޮޅުވެއްޓި ބަންޑުން ޖަހާލައި ދެ މީހަކު ނިޔާވި ހާދިސާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ބޮޑެތި އިހުމާލުތަކެއް ފާހަގަވެއްޖެ އެވެ.
އެ ހާދިސާ ހިނގި އިރު ކޮޅުވެއްޓީގައި 14 މީހަކު ތިއްބެވެ. ހާދިސާގައި ނިޔާވީ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ، 25، އާއި ބަންގްލަދޭޝަށް ނިސްބަތްވާ މަސްއޫދު ހުސެއިން، 32، އެވެ. ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު މަދުވެގެން އެމްޕީއެލްގެ އަށް މުވައްޒަފުން ތިއްބެވެ.
އެކްސްކެވޭޓަރު ނުވަތަ ހައިމާކު ބާލަން އުޅުނީ ބަނދަރާ ކައިރި ކޮށްފައި އޮތް ބޯޓަކުން، ކޮޅުވެއްޓިއަކަށް އަރުވައިގެންނެވެ. އަދަދު އަށް ޔަގީންވެފައިވާ ގޮތުގައި ކޮޅުވެއްޓި ބަންޑުން ޖަހާލަން ދިމާވި މައިގަނޑު ސަބަބަކީ އޭގެ ތެރޭގައި އެކްސްކެވޭޓަރު ދުއްވުމެވެ.
އައި އެންޑް ސީ ހަލީމާ ނަމަކަށް ކިޔާ އެ ކޮޅުވެއްޓިއަށް ދެ އެކްސްކެވޭޓަރު އެރުވި އެވެ. ދެ އެކްސްކެވޭޓަރު އެރުވުމުން މުޅި ކޮޅުވެއްޓި އޮތީ ފުރިފަ އެވެ. ކޮޅުވެއްޓި ބަންދުން ޖަހާލީ އެމްޕީއެލް އިން އަންގައިގެން އެ ތަނުގެ މުވައްޒަފަކު އެތަނުން އެކްސްކެވޭޓަރެއް ކޮޅުވެއްޓި ތެރޭގައި ދުއްވުމުން، ކޮޅުވެއްޓި އަރިއަޅާލައިގެންނެވެ.
އެ ބާވަތުގެ އޮޕަރޭޝަންތަކަށް އާންމުކޮށް ކިޔަނީ "ލިފްޓިން އޮޕަރޭޝަން" އެވެ. މަސައްކަތެއް ކުރާ ނަމަ ސޭފްޓީ ޗެކެއް ހެދުން ލާޒިމެވެ. ނަމަވެސް މި އޮޕަރޭޝަން ކުރިއަށްގެންދިޔައިރު އެފަދަ ޗެކެއް ހަދާފައިނުވާކަން މި ނޫހަށް ޔަގީންވެ އެވެ. އަދި އޮޕަރޭޝަނުގައި ހަރަކާތްތެރިވި ގިނަ މީހުންނަކީ ސޭފްޓީ ތަމްރީނު ހަދާފައިނުވާ މީހުންކަން ވެސް އެނގިފައިވެ އެވެ.
"މިއީ ވަރަށް ބޮޑެތި އިހުމާލު. ސޭފްޓީގެ އެއްވެސް ކަމެއް އެމްޕީއެލްގައެއް ނެތް. މި މައްސަލަ ވަރަށް ރަނގަޅަށް ތަހުގީގު ކުރަންޖެހޭ. ކޮންމެ ފަހަރަކު ވެސް ހަމަ އެއްކަމެއް ގޯސްކޮށް ކޮށްގެން އެތައް ބަޔަކަށް ނިޔާވެގެން މި ދަނީ،" އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ ތަޖުރިބާކާރު އިބްރާހިމް ޒާހިރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
އޭގެ އިތުރުން، އެމްޕީއެލްގެ ސޭފްޓީ ކަންކަމާ ހަވާލުވެ މިވަގުތު ހުރި އެންމެ އިސް ފަރާތަކީ އެކަމުގެ އެއްވެސް ތަޖުރިބާއެއް ނެތް، ކުރިން ހިއުމަން ރިސޯސާސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި ޖޫނިއާ މުވައްޒަފެއް ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
މަސައްކަތުގެ މާހައުލުގެ ސަލާމަތާ ގުޅޭ ގާނޫނުގައިވާ ގޮތުން، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ. މަސައްކަތް ކުރާ ތަނުގައި ވަޒީފާ ދޭ ފަރާތުގެ މުވައްޒަފުން ނޫން ބަޔަކު ތިބި ނަމަ އެމީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރުމަށް ބޭނުންވާނެ އެކަށީގެންވާ އިރުޝާދާއި މައުލޫމާތާއި ތަމްރީނު އަދި ސުޕަރވިޒަން ގަވާއިދުން ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަކީ ވެސް ގާނޫނުގައިވާ ގޮތުން ވަޒީދާ ދޭ ފަރާތުގެ ޒިންމާއެކެވެ.
މި ހާދިސާގައި ތަހުގީގު ކުރިއަށްދާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވި އެވެ. ނަމަވެސް، އެ މައްސަލައިގައި އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އަދި ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ