ވީއައިއޭގެ އާ ޓާމިނަލުން ސިޗުއާން އެއާލައިނަށްވެސް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާގެ ސިޗުއާން އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފިއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ސިޗުއާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާކަމަށާއި، ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ޝަރީފު ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގައި ސިޗުއާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާފައިވާކަމަށާއި، އަދި އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާކަމަށެވެ. މީގެއިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, 3U3923 އިން ރާއްޖެ އައި 163 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވާކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ސިޗުއާން އެއާލައިންސް އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 19 އަށް އިތުރުވެފައެވެ. އެމްއޭސީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ރަސްމީކޮށް ހުޅުވި ނަމަވެސް ހިދުމަތް ދޭން ފުރަތަމަ ފަށާފައިވަނީ ހަމައެކަނި މޯލްޑިވިއަންގެ ފްލައިޓުތަކަށް އެކަންޏެވެ.
އައު ޓާމިނަލްގައި އިމިގްރޭޝަން ކައުންޓަރުތައް ދެގުނަ އިތުރުކޮށްފައިވާއިރު، ފުރާ ފަސިންޖަރުންނަށް 20 އަށްވުރެ ގިނަ ކައުންޓަރާއި 6 އީގޭޓް، އަދި އަންނަ ފަސިންޖަރުންނަށް 28 ކައުންޓަރާއި 7 އީގޭޓް ގާއިމްކޮށްފައިވެއެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް މި ޓާމިނަލުގައި ހަރުކޮށްފައިވާއިރު، މި ބްރިޖްތަކަކީ އޭސީ ކުރެވިފައިވާ ޒަމާނީ ވަސީލަތްތަކެވެ.
އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ މި ޓާމިނަލްގައި އެންމެ ޒަމާނީ ބެގޭޖް ސްކޭން ކުރުމުގެ ނިޒާމާއި ހައި ސްޕީޑް ބެގޭޖް ބެލްޓުތައް ބޭނުންކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ