ރިސޯޓު ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސް އާއި ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން ބައްދަލުކުރަން ޖެހިއްޖެ އެވެ. 
ސުޕަ ލީގުގެ ފޯމެޓް ރޭވިފައި އޮތްގޮތުން ފުރަތަމަ ކުޅޭ ތިން މެޗުގެ ތެރެއިން އެންމެ ގިނަ ގޯލު ޖަހައިގެން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބެ އެވެ. ދެން އޮތް ބާކީ ދެ މެޗުން، މޮޅުވާ ދެ ޓީމެއް ކުޅޭނީ ސެމީ ފައިނަލުގަ އެވެ. ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭނެ އެވެ. 
ފުރަތަމަ ތިން މެޗުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެގެން ފައިނަލަށް ދަތުުރުކުރީ ޖޯލި އެވެ.  ބ ޒޯންގެ ޗެމްޕިއަން، އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އަތުން ރ. ޒޯންގެ ޗެމްޕިއަން، ޖޯލި މޮޅުވީ، ދެ ލެގަށް ބަލާއިރު، 8-3 އެވެ. ފުރަތަމަ ލެގުގައި، 3-2 އިން އަނަންތަރާ މޮޅުވި ނަމަވެސް ދެ ވަނަ ލެގުގައި، ޖޯލިން ވަނީ 6-0 އިން އަނަންތަރާ ބަލިކޮށްފަ އެވެ. 
އަނެއް ދެ މެޗުގެ ނަތީޖާ އަށް ބަލާއިރު، ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށިން ވަނީ، ނޯތު މާލެ ޒޯންގެ ޗެމްޕިއަން، ޖުމެއިރާ އޮޅަހާލި އައިލެންޑް މޯލްޑިވްސްއާ ދެ ލެގު ކުޅެގެން، 5-3 ގެ އެގްރިގޭޓުން ކުރިހޯދައިފަ އެވެ. އަދި، ދ. ޒޯނުގެ ޗެމްޕިއަން އަންގްސަނާ ވެލާވަރު އަތުން އެގްރިގޭޓަށް ބަލާއިރު، އަރި ޒޯނުގެ ޗެމްޕިއަން، ކޮންރެޑް މޯލްޑިވްސް ރަންގެލިން ވަނީ 5-4 އިން ކުރިހޯދައިފަ އެވެ.
ސެމީ ފައިނަލުގައި މިއަދު ކުޅުނީ، ވަލްޑޯފް އާއި ކޮންރެޑް އެވެ. މި މެޗުން، 5-4 އިން ޕެނަލްޓީ ޖަހައިގެން މޮޅުވީ، ކޮންރެޑް މޯލްޑިވްސް ރަންގެލި އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 0-0 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ކޮންރެޑްގެ ޕެނަލްޓީތައް ކާމިޔާބުކުރީ އާދަމް އާޒިމް، ހުސެއިން ޝިފާހު، ލައިޒާން މައުސޫމް، މުހައްމަދު ފުރުގާން އަދި ޔާމީން މުހައްމަދު އެވެ. ވަލްޑޯފްގެ ޕެނަލްޓީތައް ކާމިޔާބުކުރީ އިބްރާހިމް ރަފާހު، އަރުސަމް އިސްމާއިލް، މުހައްމަދު ފަޒީލް އަދި ހަސަން ޔާސިރު އަދްނާން އެވެ. 
ސުޕަ ލީގުގެ ފައިނަލުގައި ޖޯލި މޯލްޑިވްސް އާއި ކޮންރެޑް މޯލްޑިވްސް ރަންގެލި އައިލެންޑުން ބައްދަލުކުރާ  ސުޕަ ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ ބުދަ ދުވަހު ހަވީރު އެވެ.
    
    ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ކޮންރެޑް އާއި ޖޯލިގެ ކުރިމަތިލުމެއް ރިސޯޓް ސުޕަ ލީގުގެ ފައިނަލުގައި ކޮންރެޑް އާއި ޖޯލިގެ ކުރިމަތިލުމެއް
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ