ރީތި ވުމަށް ބޮޓޮކްސް ފަދަ ކޮސްމެޓިކް ސާޖަރީ ހަދާ ތަރިންނަށް ދިވްޔާ ފާޑުކިޔައިފި

ފިލްމު އިންޑަސްޓްރީގެ ގިނަ ތަރިން ރީތި ވުމަށާއި އުމުރުން ދުވަސްވާތީ އެކަން ފޮރުވުމަށް އެކި ކަހަލަ ކޮސްމެޓިކް ސާޖަރީތައް ހަދާތީ ބަތަލާ ދިވްޔާ ކޯސްލާ ވަރަށް ބޮޑަށް އެކަމަށް ފާޑުކިޔައިފިއެވެ. މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "އޭކް ޗަތުރު ނާރު"ގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި އެ ފިލްމުގެ ލީޑް ބަތަލާ ބުނީ، ކޮސްމެޓިކް ސާޖަރީ ހެދުމަކީ އަމިއްލަ ނިންމުމެއް ކަމަށް ގިނަ ފިލްމީ ތަރިން ބުނި ނަމަވެސް ހަގީގަތުގައި އެކަން ކުރަނީ އަމިއްލައަށް ބޭނުންވެގެންތޯ ސުވާލުއުފެދޭ ކަމަށެވެ. އިންޑިއާގެ ފިލްމު އިންޑަސްޓްރީތަކަށް ބަލާލި ކަމަށް ވިޔަސް ގިނަ ފިލްމީ ތަރިން ކޮސްމެޓިކް ސާޖަރީއަށް ފަހު ފެންނައިރު އެކަކު އަނެކަނާ ވަރަށް ވައްތަރު ފީޗަތައް ފެންނަން ހުންނަ ކަމަށް ދިވްޔާ ވަނީ ބުނެފައެވެ. ބޮލީވުޑް ބަތަލާ ދިވްޔާ ކޯސްލާ ފިރިމީހާ ބުޝަން ކުމާރުއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ގިނަ ފަހަރަށް ފިލްމީ ތަރިން ފެނުމުން އެ މީހުން ދިޔައީ ކޮން ޤައުމެއްގެ ކޮން ޕްލާސްޓިކް ސާޖަންއެއްގެ ގާތަށްކަން ވެސް އެނގޭހާ މިންވަރަށް އެކަކު އަނެކަކު ވައްތަރު ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އެގޮތުން މުމްބާއީގައި ކޮސްމެޓިކް ސާޖަރީގެ ފަރުވާ ހޯދާ ތަރިން ވަކިކުރަން އެނގޭ ކަމަށާއި ދުބާއީ ނުވަތަ ޔޫރަޕްގެ ޤައުމަކުން ސާޖަރީ ހަދާފައިވާ ތަރިއެއް ނަމަ އެކަންވެސް އެނގޭހާ އެކަކު އަނެކަކު ފެންނަ ފެނުމަށް އެއްގޮތަށް ކަމަށް ދިވްޔާ ވަނީ ބުނެފައެވެ. އެކްޓު ކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ދިވްޔާ ބުނީ އޭނާ އަކީ ބޮޓޮކްސް ފަދަ ކޮސްމެޓިކް ސާޖަރީ އަދި ބަތަލާގެ ފޮޓޯތައް އެޑިޓް ކުރުމާ ވެސް ދެކޮޅު ހަދާ މީހެއް ކަމަށެވެ. ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިވްޔާގެ ފޮޓޯތައް ސިފަ ގެއްލޭ މިންވަރަށް ބަދަލުކުރުމަކީ އެއްގޮތަކަށް ބޭނުންވާކަމެއް ނޫން ކަމަށް ދިވްޔާ ވަނީ ބުނެފައެވެ. ދިވްޔާގެ މޫނުގެ ސިފަތަކަށް ވެސް ބަދަލު ގެންނަން އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ލަފާ ދިން ކަމަށާއި ނަމަވެސް އޭނާއަށް ލިބިފައިވާ ބުރުސޫރަ ކަމުނުދާނަމަ ފިލްމުތަކުން ފުރުސަތު ނުދިނަސް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ދެކޭ ކަމުގައި ބަތަލާ ވަނީ ބުނެފައެވެ. ދިވްޔާގެ އިތުރުން ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު ވެސް ދާދިފަހުން ބައިވެރިވި ހަފްލާއެއްގައި ބުނެފައި ވަނީ ގުދުރަތީ ގޮތުން އަމިއްލަ މީހާއަށް އަންނަ ބަދަލުތަކާ މެދު ފަޚުރުވެރިވާ ކަމަށެވެ. ބޮޓޮކްސް ފަދަ ކޮސްމެޓިކް ސާޖަރީ ހެދުމަށް ވަގުތު ހުސްކުރުމަށްވުރެ ބޮޑަށް ދިރިއުޅުމުގެ ކަންކަން އުފަލާ އެކު ބަލައިގަނެ ސިއްހަތަށް ފައިދާހުރި ކާނާ އާއި ކަސްރަތުކޮށް ދިރިއުޅުން ދަސްކުރުމަކީ އަމިއްނަ ނަފުސަށް ވެސް ކޮށްދެވޭ ވަރަށް އަގުހުރި ގުރުބާނީއެއް ކަމަށް ކަރީނާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ