އެޕަލްގެ އާ މެކްއޯއެސް ޓާހޯއަށް ވެސް "ލިކުއިޑް ގްލާސް"
އެޕަލްގެ އާ މެކްއޯއެސް ޓާހޯއަށް ވެސް "ލިކުއިޑް ގްލާސް"ގެ ހިތްގައިމު ޑިޒައިން ތައާރަފްކޮށްފިއެވެ. އެޕަލް ކުންފުނީގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް، މެކްއޯއެސް ޓާހޯ، ސެޕްޓެމްބަރ 15 ގައި އާއްމުކޮށް ދޫކޮށްފައިވާއިރު، މި އާ ސިސްޓަމަކީ އެޕަލްގެ މެކް ކޮމްޕިއުޓަރުތަކަށް ގިނަ އަދަދެއްގެ އައު ފީޗާތަކާއި، ޑިޒައިން ބަދަލުތަކެއް ގެނެސްދޭނެ އެއްޗެކެވެ. މެކްއޯއެސް ޓާހޯގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ވެސް "ލިކުއިޑް ގްލާސް" ޑިޒައިނެވެ. މިއީ އައިއޯއެސް 26 ގައި ތައާރަފްކުރެވުނު ޑިޒައިނާ އެއްގޮތަށް، އިންޓަފޭސްގެ ބަޓަންތަކާއި، ނެވިގޭޝަން ބާތަކާއި، ވިޖެޓްތަކާއި، ޑޮކް އަދި މެނޫތައް ފަދަ ތަންތަނަށް ފަހަތް ފެންނަފަދަ، ޓްރާންސްޕޭރެންސީ ފަދަ ދިއްލޭ ގޮތެއް ގެނެސްފައިވާ ޑިޒައިނެކެވެ. މީގެ އިތުރުން އައިކޮންތަކަށް އައު އޮޕްޝަންތައް ވެސް ވަނީ އިތުރުކުރެވިފައެވެ. ކޮންޓްރޯލް ސެންޓަރާއި މެނޫ ބާ ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ވެސް ޓާހޯ ގައި ވަނީ ފުޅާކުރެވިފައެވެ. ޔޫޒަރުންނަށް މިހާރު ކޮންޓްރޯލް ސެންޓަރުގެ އެއްޗެހި ތަރުތީބުކޮށް، ގިނައިން ބޭނުންކުރާ އެއްޗެހި ފަސޭހައިން ފެންނާނެ ގޮތަށް ހެދިދާނެއެވެ. މެނޫ ބާއަށް ވެސް ކޮންޓްރޯލް ސެންޓަރުގެ ކޮންޓްރޯލްތައް އިތުރުކުރެވޭއިރު، އައިފޯންގެ ލައިވް އެކްޓިވިޓީޒް މިހާރު މެނޫ ބާގައި ފެންނާނެއެވެ. ސްޕޮޓްލައިޓްއަށް މުޅިން އައު ބަދަލެއް ގެނެސްފައިވާއިރު، ލޯންޗްޕޭޑްގެ ބަދަލުގައި މިހާރު ވަނީ ސްޕޮޓްލައިޓްގެ އައު ފަންކްޝަނަލިޓީ ތައާރަފްކުރެވިފައެވެ. މިހާރު ސްޕޮޓްލައިޓް ބޭނުންކޮށްގެން އެޕްތަކަށް ވަނުމާއި، ފައިލްތައް ހޯދުމާއި، އެކި ކަންތައްތައް ނިންމުމާއި، ކްލިޕްބޯޑް ހިސްޓްރީ ބެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ސްޕޮޓްލައިޓްގައި އާ ކްލިޕްބޯޑް ހިސްޓަރީއެއް ހިމެނޭއިރު، ޔޫޒަރުން ކޮޕީކޮށް ޕޭސްޓް ކުރާ ހުރިހާ އެއްޗެއް 24 ގަޑިއިރަށް ރައްކާކުރެވޭނެއެވެ. މީގެ އިތުރުން ސްޕޮޓްލައިޓް އެކްޝަންސް މެދުވެރިކޮށް އެޕްސް ނުހުޅުވައިވެސް މެސެޖް ފޮނުވުން، ޓައިމަރު ހެދުން، ކަލަންޑަރު އިވެންޓްތައް ހެދުން ފަދަ ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ. ފޯލްޑާތައް ކަސްޓަމައިޒް ކުރުމަށް ވެސް މެކްއޯއެސް ޓާހޯ ގައި އައު ފީޗާސްތަކެއް ހިމެނެއެވެ. ޔޫޒަރުންނަށް ފޯލްޑަރުތަކަށް ކުލަ ދިނުމާއި، އިމޯޖީ ނުވަތަ ކެރެކްޓަރެއް އިތުރުކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. ވިޖެޓްތައް ނޮޓިފިކޭޝަން ސެންޓަރުން ޑެސްކްޓޮޕަށް ގެނެސް، ފަސޭހައިން ބޭނުންކުރެވޭނެ ގޮތް ވެސް ވަނީ ހަދާފައެވެ. މީގެ އިތުރުން ޝޯޓްކަޓްސް އެޕް ވެސް ވަނީ ވަރަށް ބޮޑަށް ތަރައްގީ ކުރެވިފައެވެ. އައިއޯއެސް 26 ގައި ހުންނަ ފަދަ އެޑްވާންސްޑް އޮޓޮމޭޝަންސްތައް މިހާރު މެކްއޯއެސް ޓާހޯ ގައި ވެސް ހެދިދާނެއެވެ. ވަކި ގަޑިއަކަށް، ނުވަތަ ވަކި ކަމެއް ހިނގުމުން މަސައްކަތްކުރާ ޝޯޓްކަޓްތައް ހެދުމުގެ ފުރުސަތު މިހާރު ލިބިގެންދެއެވެ. މެކްގައި ފޯނު އެޕްއެއް ވެސް މެކްއޯއެސް ޓާހޯ އިން ތައާރަފްކުރެވުނެވެ. މި އެޕް މެދުވެރިކޮށް މެކްއިން ފޯނު ކޯލްތައް ކޮށް، ބަލައިގަނެ، ހޯލްޑް އެސިސްޓް އަދި ކޯލް ސްކްރީނިން ފަދަ ފީޗާސްތައް ބޭނުންކުރެވޭނެއެވެ. މިކަންކަން ކުރުމަށް ވައިފައި އެސިސްޓް އޮންކުރެވިފައިވާ އައިފޯނެއް މެކްއާ ކަނެކްޓްކޮށްފައި ހުންނަން ޖެހޭނެއެވެ. އައިއޯއެސްގައި މަޝްހޫރު ޖާނަލް އެޕްއާއި ގޭމްސް އެޕް ވެސް މެކްއޯއެސް ޓާހޯ ގައި ހިމެނިފައިވެއެވެ. ޖާނަލް އެޕް މެކްގައި ބޭނުންކުރާއިރު ފުލް ކީބޯޑެއްގެ ސަބަބުން އިތުރަށް ފަސޭހަވެއެވެ. ގޭމްސް އެޕްއިން މެކް އެޕް ސްޓޯރުގެ ގޭމްތަކާއި، އެޕަލް އާކޭޑްގެ ގޭމްތައް އެއްތަނަކުން ފެނި، ރައްޓެހިންނާ އެކު ކުޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. ގޭމްތަކަށް ޚާއްސަ އައު އޯވާލޭއެއް ވެސް ހިމެނޭއިރު، ބެޓެރީ ސޭވް ކުރުމަށް ލޯ ޕަވާ މޯޑެއް ވެސް ހިމެނެއެވެ. މިހުރިހާ ބަދަލުތަކާއެކު އަލަށް ނެރުނު މެކްއޯއެސް މިހާރު މިވަނީ ޢާއްމުކޮށް ހުރިހާ ޔޫޒަރުންނަށް އާއްމުކޮށް ދޫކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ