މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ތަސްދީގުނުކޮށް އަނބުރާ ފޮނުވާލުމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް މުހައްމަދު މުއިއްޒު އަށް ގޮވާލައިފި އެވެ.
ސީޕީޖޭގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއަޅާ، ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ނޫސްވެރިން ގެނައުމަށް ބާރުދޭ ބިލު ފާސްކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިނިވަން ނޫސްވެރިކަން ހިމާޔަތްކުރަން ވީ ވައުދު ދަމަހައްޓާ މި ބިލު ތަސްދީގު ނުކޮށް، އަނބުރާ ފޮނުވާލުމަށް ރައީސް މުއިއްޒު އަށް ގޮވާލަން،" ސީޕީޖޭ އިން ބުނެފައިވެ އެވެ.
އިއްޔެ ނެގި ވޯޓުގައި މަޖިލީހުން މި ބިލު ފާސްކުރީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. ވޯޓަށް އެހީ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވުމުން އެ ޕާޓީގެ ޕީޖީ ގްރޫޕް މަޖިލީސް ދޫކޮށް ނުކުތް ފަހުންނެވެ.
ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ.
އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ.
އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
މީޑިއާ ބިލު ތަސްދީގު ނުކުރަން ސީޕީޖޭ އިން މުއިއްޒު އަށް ގޮވާލައިފި މީޑިއާ ބިލު ތަސްދީގު ނުކުރަން ސީޕީޖޭ އިން މުއިއްޒު އަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ