ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ގދ. މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށާއި ސަރުކާރަށް ސަނާކިޔާ އަތް ޖެހެން ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ މި ބަޖެޓު ތެރެއިން މަޑަވެއްޔަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ބިން ހިއްކި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގެދޮރު ދެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓުގައި ވެސް، އަބަދު ވެސް ބަޖެޓުގެ ބަހުސްގައި އަޅުގަނޑުގެ ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށްދެން. އެހެން ނަމަވެސް އެއްވެސް ވަރަކަށް. އަދި މި ސަރުކާރުން ވެސް މަޑަވެއްޔަށް ކަމެއް ކުރެވިފަ ނެތް ވާހަކަ ވެސް ފާހަގަކުރަން،" ޝަމީޒް ވިދާޅުވި އެވެ.
ބަޖެޓުގައި އަކުރުތަކެއް ޖަހާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭނަމަ ބަޖެޓު ވެގެންދަނީ ހަމައެކަނި ޖަހާލާ އަދަދުތަކަށް ކަމަށާއި މަޑަވެލީގެ ރައްޔިތުންގެ ގެދޮރުގެ ދަތިކަމުގެ ވާހަކަ އޭނާ ތަކުރާރުކޮށް ދައްކަމުންދާ ކަމަށެވެ. އެކަމަށް ހައްލު ނުލިބޭ ކަމަށާއި އަސާސީ އެހެން ހިދުމަތްތައް ވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.
"3،000 މީހުންގެ އާބާދީއެއް މިއަދު އެއޮތީ ނަރުދަމާގެ އެއްވެސް ކަހަލަ ހިދުމަތެއް ނުލިބި. ދެން އަޅުގަނޑުމެން އަތްޖަހާފަ ހަމަ ގޮވަން ވީތޯ. އަޅުގަނޑުމެންނަކަށް ނެތް އަތް ޖެހޭކަށެއް،" ޝަމީޒް ވިދާޅުވި އެވެ.
މި ވާހަކަތަކަށް ފަހު ޝަމީޒް ވަނީ މި ފަހުން ސަރުކާރުން އެއް ދުވަސް ތެރޭ ދިން 206 މަޝްރޫއުގެ ތެރޭގައި އޭނާގެ ދާއިރާގެ ބައެއް ކަންކަން ހިމެނޭތީ އުފާކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިން ވެސް ޝަމީޒް ވަނީ މަޑަވެލި ދާއިރާގައި ހިމެނޭ ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބު އޮޅުން ނުފިލާ ކަމަށާއި އެކަންކަމާ ގުޅޭގޮތުން މަޖިލިސް މެންބަރުންނަށް އެކަށީގެންވާ ޖަވާބެއް ވެސް ނުލިބޭ ކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
ޖުލައި 22، ގައި އޮތް މަޖިލިސް ޖަލްސާގައި ފެނާއި ނަރުދަމާގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވި ނަމަވެސް އަދިވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
އެ ދުވަހު އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވެސް ޝަމީޒް ވިދާޅުވި އެވެ.
މި ސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ، އަތް ޖެހޭކަށް ނެތް: ޕީއެންސީ މެންބަރު ޝަމީޒް މި ސަރުކާރުން މަޑަވެއްޔަށް އެއްވެސް ކަމެއް ނުކޮށްދޭ، އަތް ޖެހޭކަށް ނެތް: ޕީއެންސީ މެންބަރު ޝަމީޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ