އެމްޑީޕީގެ އެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން، އުމައިރު މުހައްމަދު މުއިއްޒުގެ ވާހަކަ ދައްކައި އޭނާގެ ކަރާމާތް ނަގާލި ކަމަށް ނިންމައި އެ މައްސަލައިގައި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ޒިންމާވާންޖެހޭނެ ކަމަށް ފެމިލީ ކޯޓުން ކަނޑައަޅައިފި އެވެ.
މި މައްސަލައިގައި ސާޖިދާ ދައުވާ ކުރީ އިދިކޮޅު އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން އެ ޕާޓީގެ އެކްޓިވިސްޓު، މަރިޔަމް ޒުބައިރު (މަންދީ) އަށެވެ. ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ހުށަހެޅި މައްސަލަ އެއް މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދިޔައިރު މަންދީގެ މައްސަލަ ބެލީ ވަކިންނެވެ. އުމެއިރުގެ ވާހަކަ ދެއްކީ މަންދީ އެވެ.
އޭގެ ތެރެއިން މަންދީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ކޯޓުން ނިންމީ އުމެއިރުގެ ކަރާމާތަށް މަންދީ އަރައިގަތް ކަމަށް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ހުށަހެޅޭނެ ކަމަށް ވެސް ނިންމި އެވެ.
މަންދީގެ މައްސަލަ ބަލަން ފުލުހުންނާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ސާޖިދާގެ ދައުވާގައި އެދިފައިވެ އެވެ. އެކަމަކު ކޯޓުން ނިންމީ އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.
ފައްޔާޒާއި އެމްޑީޕީއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ކަނޑައަޅާފައި ވަނީ ޕާޓީގެ އިސް ފަރާތެއްގެ ގޮތުން މަންދީ ދެއްކި ވާހަކަތަކަށް ފައްޔާޒު ޒިންމާވާން ޖެހޭ ކަމަށެވެ. އަދި، މަންދީ އާއި އަހްމަދު ސަލީމް (މާޒް ސަލީމް) ދެއްކި ވާހަކައަށް އެމްޑީޕީން ޒިންމާވާން ޖެހޭނެ ކަމަށް ވެސް ކޯޓުން ނިންމި އެވެ.
ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީ އަދި ފައްޔާޒާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ނިންމާފަ އެވެ.
މި މައްސަލަ ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް ވެސް ހުށަހެޅި އެވެ. އެ ވާހަކަތަކުގެ ސަބަބުން އުމެއިރުގެ އަބުރު ރައްކާތެރިވުމުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ސާޖިދާއަށް ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި އެވެ.
ނަމަވެސް، އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށާއި އާންމުކޮށް މައާފަށް އެދެން އަމަރުކޮށްދެވެން ނެތް ކަމަށް އެ ކޯޓުން އޮތީ ނިންމައިފަ އެވެ.
މަންދީ އާއި ފައްޔާޒްގެ އިތުރުން އެމްޑީޕީގެ މައްޗަށް ސާޖިދާ ދައުވާ ކުރީ އޭނާގެ ދަރިކަލުންނަށް ނިސްބަތްކޮށް އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ކަމަށް ބުނާ ވާހަކަތަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން މީގެ ކުރިން ސާޖިދާ ނެރުއްވި ނޫސްބަޔާނެއްގައި ބުނީ އުމެއިރު އަކީ ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު އެއްވެސް އިރެއްގައި ކުރި ކުއްޖެއް ނޫން ކަމަށެވެ.
ސާޖިދާގެ ދަރިކަލުންގެ ކަރާމާތް ގެއްލުނު ކަމަށް ނިންމައި އެކަމުގައި ފައްޔާޒް ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައިފި ސާޖިދާގެ ދަރިކަލުންގެ ކަރާމާތް ގެއްލުނު ކަމަށް ނިންމައި އެކަމުގައި ފައްޔާޒް ޒިންމާވާންޖެހޭނެ ކަމަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ