ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 63 ހެކްޓަރުގެ ތެރެއިން ދެބައިކުޅަ އެއްބައި ހިއްކައި ނިމިއްޖެ
މަޑުޖެހިފައި އޮތް ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތުގެ ދުވެހި ކުރިއަށްވުރެ ހަލުވި ވެފައިވާ ކަމަށާއި، އެތަނުގައި 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ. ސޯޝަލް މީޑިއާގެ ޕޯސްޓެއްގައި އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނައި ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން 30 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ހިއްކައި ނިމިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. https://x.com/hdcmaldives/status/1997657246264701108 ހުޅުމާލެ ފަޅުން ބައެއް ހިއްކާ ގޮތަށް ނިމިދިޔަ ސަރުކާރުން ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިތަކެއް ދޫކޮށްފައެވެ. އެހެންވެ ހުޅުމާލެ ފަޅުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާއެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނިކޮށް މަސައްކަތް ވަގުތީ ގޮތުން ހުއްޓާލީ، ރާއްޖޭގެ ފަރުތަކުން ގާ ހުދުވަމުންދާކަމަށް ފާހަގަކުރެވިގެން ބިން ހިއްކުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އީޕީއޭގެ އާއްމު އިއުލާނަކުން މިދިޔަ އަހަރު އެންގުމާ ގުޅިގެންނެވެ. އެއިރު 23 ހެކްޓަރުގެ ބިން އޮތީ ހިއްކައިފައެވެ. އެއާއެކު މިދިޔަ އަހަރުގެ ޖޫން 25ގައި އީޕީއީގެ ހުއްދަ އަލުން ލިބުމާއެކު އެ މަސައްކަތް އަލުން ވަނީ ފަށައިފައެވެ. https://sun.mv/213726 އޭގެ މަދު ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް އެ މަސައްކަތް ހުއްޓި އޮތުމަށްފަހު ސަރުކާރުން ވަނީ ތާރީޚެއް ދީފައެވެ. މިއަހަރުގެ މާޗު މަހުގެ 10 ވަނަ ދުވަހު ބުނީ މިއަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ފަށައި، ޖުލައި މަހަށް ނިންމާނެ ކަމަށެވެ. އެފަހުން ވެސް އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން ފެށިކަން ސަރުކާރުން އިއުލާނުކުރީ މިދިޔަ މަހުގެ 10ގައެވެ. އަދި މިދިޔަ މަހުގެ 25 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން އިތުރު ޑްރެޖަރެއް ނެދަލޭންޑްސްއިން ގެނެސްފައިވެއެވެ. އެހެންކަމުން މި މަހުގެ ނިޔަލަށް އެ ތަން ހިއްކާ ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ