ވަގަށް ސިނގިރޭޓު ވިއްކާކަމަށް ބުނެ ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ބިދޭސީއެއް ފުލުހުންގެ ބެލުމުގެ ދަށަށް
ވަގަށް ސިނގިރޭޓު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބަންދުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 32 އަހަރުގެ ފިިރިހެނެއް ކަމަށްވާ، އެމްޑީ ސައްދާމު ހުސައިނެވެ. ފުލުހުން ބުނީ މިއަދު ހުޅުމާލެ ފޭސް އެކެއްގެ ކަންނެލި ޖެޓީ ކައިރީ އިން މީހަކަށް ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން، އަމަލުތައް ބެހެއްޓި ގޮތުން، ޝައްކުވެގެން ބަލައި ފާސްކުރި ކަމަށެވެ. އޭނާއާއި، އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު އޭނާ އަތުން ޖުމްލަ 53،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނުނު ކަމަށެވެ. އަދި ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓަރާއި، ރިޒްލާ ފެނުނު ކަމަށެވެ. އަދި ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ. 12 ސެޕްޓެމްބަރު 2025: ވަގަށް ސިނގިރޭޓު ވިއްކާކަމަށް ބުނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަންގްލަދޭޝް މީހާ -- ފޮޓޯ: ފުލުހުން އެހެންވެ، ގަވައިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ސިނގިރޭޓު ވިއްކުމުގައި ހަރުކަށި އުސޫލުތަކެއް ތައާރަފްކުރި ފަހުން ސިނގިރޭޓުގެ ވަގު ވިޔަފާރީ ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ