އަސާސީ ކާބޯތަކެތީގެ 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި
މޭވާއާއި ތަރުކާރީ ހިމެނޭ އަސާސީ ކާބޯތަކެތީގެ 23 ބާވަތެއް ރާއްޖެ އެތެރެކޮށް، އެސްޓީއޯއިން މިއަދު ވިއްކަން ފަށައިފިއެވެ. ރާއްޖޭގެ ބާޒަރުގައި މޭވާއާއި ތަރުކާރީގެ އަގު އުފުލެމުން އަންނަނިކޮށް، ޖުމުލަ 23 ބާވަތެއް އެތެރެކުރަން ނިންމައި، އެ މަސައްކަތް އެސްޓީއޯއާ ހަވާލުކުރީ މިދިޔަ ސެޕްޓެންބަރު 10 ގައެވެ. އޭގެ ފަހުން، މިއަދު އެސްޓީއޯއިން ވަނީ އެ ތަކެތި ބާޒާރަށް ނެރެ، ވިއްކަން ފަށާފައެވެ. އެ ކުންފުނިން ވިއްކާ ތަރުކާރީގެ ތެރޭގައި، ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދު ހިމެނެއެވެ. އަދި، އެސްޓީއޯއިން އެތެރެކޮށް ވިއްކާ މޭވާގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީ މޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ. އެސްޓީއޯއިން ބާޒާރަށް މޭވާ އެތެރެކޮށް، ވިއްކަން ފެށުން --- ފޮޓޯ/ އެސްޓީއޯ އެ ބާވަތްތަކުގެ އިތުރަށް އެސްޓީއޯއިން ވަނީ، މުގާއި ކުކުޅު ބިހާއި ކާށީގެ އިތުރަށް ރީނދޫ ވިއްކަން ފަށާފައެވެ. އެސްޓީއޯއިން ބުނީ، އެ ބާވަތްތަކުގެ އަގު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ. އެ އަގުތަކަށް އަންނަ ބަދަލުތަކާ އެކު، އެސްޓީއޯއިން ވިއްކާ އަގުތަކަށް ވެސް ބަދަލު ގެންނާނެ ކަމަށާއި އެ ތަކެތީގެ އަގުތައް "އަގު މަގު" ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެއާއެކު، ބާޒާރުގައި އަސާސީ ކާބޯތަކެތީގެ ޑިމާންޑު އޮންނަ ވަރަށް މި ތަކެތި ފަސޭހައިން ލިބޭނެ މަގުފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި، އަމާޒަކީ ސިއްޙަތަށް ފައިދާ ހުރި ކާބޯތަކެތި އެކަށޭނަ އަގެއްގައި އަބަދު ވެސް ރައްޔިތުންނަށް ލިބެން ހުރުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. https://sun.mv/211180 މޭވާއާއި ތަރުކާރީ ހިމެނޭ ގޮތަށް ގަނޑުކޮށް އެތެރެކުރަން ހަވާލުކުރި 23 ބާވަތުގެ ކާބޯތަކެތި މެދުނުކެނޑި އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން އެސްޓީއޯއިން ކުރިން ވަނީ ދީފައެވެ. އެކަމަކު، ސަރުކާރު ވިޔަފާރި ކުންފުނިން އެކަން ކުރުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންވިޔަސް ސަރުކާރުން ވަނީ އެކަން ކުރާނީ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ