ބީއެމްއެލްގެ މުވައްޒަފުން އެސްއެމްޔޫގެ ލީޑަޝިޕް ޕްރޮގްރާމް ފުރިހަމަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީގެ (އެސްއެމްޔޫ) ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވުން ބޭންކުން ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލްގެ 20 މުވައްޒަފުން ވަނީ އެސްއެމްޔޫ އިން އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފަ އެވެ.
މީގެ އިތުރުން، އެ ބޭންކުގެ އިތުރު 20 މުވައްޒަފުން ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ސެޓްފިކެޓް އިން ލީޑަޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފަ އެވެ.
ތަފްސީލް - 18 މަސްދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާއަށް ބިނާކޮށް ކުރިއަށްގެންދެވޭ ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީސްތަކެއް ހިމަނައިގެންނެވެ. މިއީ މުވައްޒަފުންނަށް ބޭންކިން ދާއިރާގެ އަމަލީ މައިދާނުގައި ލީޑަރޝިޕްގެ މުހިންމު ކޮންސެޕްޓްތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
ބުނީ ކީކޭ؟ - "މި ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ އަޅުގަނޑުމެންގެ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް،" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.
"އެސްއެމްޔޫއާ އެކު ގާއިމްކުރި ޕާޓްނަޝިޕަކީ ބަދަލުވަމުންދާ މާކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑަޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނަޝިޕެއް. އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑަޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ."
ބީއެމްއެލް އެކަޑަމީއަކީ، އެ ބޭންކުން ބުނި ގޮތުގައި، މި ކުރިއެރުމުގެ މައިގަނޑު އިންޖީނެވެ. އެ އެކަޑަމީން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި ހާއްސަ ތަމްރީނުތަކާއި ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެ އެވެ.
ފާހަގަކޮށްލެވޭ - މުވައްޒަފުންގެ ކުރިއެރުމާއި ފުރުސަތުތަކަށް ބީއެމްއެލް އިން ކުރާ މުހިންމު މަސައްކަތްތައް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްގެ ފަރާތުން ދޭ 'އޭޝިއާގެ ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް ބީއެމްއެލްއަށް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ