ސިނގިރޭޓު ވައްކަން: މިފްކޯގެ މަގާމުން މުއާޒު ސަސްޕެންޑްކޮށްފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި، މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ އެ ކުންފުނިން މިއަދު ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެއް؟- ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މުއާޒުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ މުވައްޒަފަކު ވަނީ ހައްޔަރުކޮށް، ބަންދު ޖަހައިފަ އެވެ.
މިފްކޯއިން ބުނީ ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓްގެ މަގާމު ވެސް ފުރުއްވި މުއާޒް ސަސްޕެންޑްކުރީ އެއް މަސް ދުވަހަށް ކަމަށެވެ.
އެކަމާ ގުޅިގެން އެތަނުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި:
މުއާޒް ސަސްޕެންޑްކުރީ، އޭނާއާ ގުޅުން ހުރި މައްސަލަތަކެއް، ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީ ގޮތުން މިފްކޯއިން ތަހުގީގުކުރަމުން ދާތީ ކަމަށް
މުއާޒުގެ ސަސްޕެންޝަނާ ގުޅިގެން، މަސައްކަތަށް ބުރޫއެރިޔަ ނުދިނުމަށް އޭނާގެ ޒިންމާތައް، އިންޖިނިއަރިން ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރު މުހައްމަދު ޝަމީމާއި ކޮންސަލްޓެންޓް އިންޖިނިއަރު އުބައިދުﷲ ހުސައިންއާ ހަވާލުކޮށްފައިވާ ކަމަށް
މިފްކޯއިން ބުނީ މިއީ އެ ކުންފުންޏާ ގުޅުމެއް ނެތް މައްސަލައެއް ނަމަވެސް އެތަނުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހާތްތެރިކަމާ ގުޅޭ މައްސަލަތައް އެތަނުން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ. ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
އެނގުން މުހިއްމު: މުއާޒާ ގުޅޭ މައްސަލައެއް އޭސީސީން ވަނީ ދައުވާކުރަން ޕީޖީއަށް ވެސް ފޮނުވައިފަ އެވެ. އެއީ 430 ސިނގިރޭޓް ކޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭ މައްސަލައެއްގައި ރިޝްވަތު ހޯދަން މަސައްކަތްކުރިކަމުގެ ތުހުމަތުގަ އެވެ.
އެމްޕީއެލް ބަނދަރުން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މުއާޒުގެ އިތުރުން ދެން ހައްޔަރުކުރީ:
އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް
ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސް ވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް؛ އޭނާ މަސައްކަތް ކުރަނީ އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަހީދުގެ ބަންދަށް 10 ދުވަސް، މުއާޒުގެ ބަންދަށް ފަސް ދުވަސް އަދި އާރިފް އާއި ޒިވާރުގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ