ސިނގިރޭޓު ވައްކަން: ކަސްޓަމްސްއިން ޒިވާރު ސަސްޕެންޑްކޮށްފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި، ކަސްޓަމްސްގެ ޑިޕާޓްމެންޓެއްގެ އިސް މަގާމެއްގައި ހުންނެވި ޒިވާރު އިސްމާއީލް ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެއް؟- ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށް، 12 މީހަކު ވަނީ ފުރުން މަނާކޮށްފަ އެވެ. 
ބުނީ ކީކޭ؟- ކަސްޓަމްސްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލައިގައި ހިމެނޭ، ސުޕްރިންޓެންޑެންޓް ޒިވާރު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި، އިތުރު ފިޔަވަޅުތައް ވެސް އަޅާނެ ކަމަށް އެތަނުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން، މިފްކޯއިން ވެސް މިއަދު ވަނީ، އެތަނުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި މުއާޒު އަލީ، 30 ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ.
މުއާޒާއި ޒިވާރުގެ އިތުރުން ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
އެޕޯލޯގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް
އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި ވަގަށް ނެގީ މިދިޔަ އޭޕްރީލް ފަހުކޮޅު ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސްއިން ހިފެހެއްޓި ސިނގިރޭޓު ދެ ކޮންޓެއިނާގައި ހިމެނޭ ސިނގިރޭޓެވެ.
އޭރު ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި:
40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ތެރެއިން 1،360 ކޭސް ސިނގިރޭޓް (13.6 މިލިއަން ސިނގިރޭޓް ސްޓިކް) ވަނީ ފެނިފައި
މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ