ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމާއި އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މަގާމުގައި ހުރި ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކޮށްފި އެވެ.
ވީއޭއެމް އިން މިއަަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އެސޯސިއޭޝަންގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ބެލުމަށް އެކުލަވާލެވުނު އެޑްހޮކް ކޮމިޝަނުގެ ރިޕޯޓަށް ބަލައި، ވީއޭއެމްގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ކަމަށެވެ.
އެ ގޮތުން މައިގަނޑު ހަތަރު ފިޔަވަޅެއް އަޅަން ވީއޭއެމް އިން ނިންމި އެވެ. އެއީ، އަންހެން ޓީމުގެ ކޯޗުގެ މަގާމުން ސޮފްވާން ވަަކިކުރުމަށާއި އެ ފަދަ މަގާމަކަށް ކުރިއަށް އޮތް ފަސް އަހަރު ނުނެގުމަށާއި ވީއޭއެމް އިން އިންތިޒާމްކުރާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް ކުރިއަށް އޮތް ފަސް އަހަރު ބައިވެރިނުވެވޭ ގޮތަށް ނިންމުމުގެ އިތުރުން، ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ކުރިއަށްދާ އެއްވެސް މުބާރާތެއްގައި ސޮފްވާނަށް މަސައްކަތް ނުކުރެވޭ ގޮތަށް ނިންމުމަށެވެ.
މީގެ އިތުރުން، ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރު ކަމުން ސޮފްވާން ވަކިކުރުމަށް ފަހު، ކުރިއަށް އޮތް ފަސް އަހަރު، ވީއޭއެމްގެ އިންތިހާބީ އެއްވެސް މަގާމަކަށް ސޮފްވާނަށް ނާދެވޭ ގޮތަށް އަދަބު ދޭން ވަނީ ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ މެއި މަހު ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ސޮފްވާންއާ ގުޅޭ މައްސަލައެއް ވީއޭއެމް އިން ބެލީ އޭނާ މަގާމުގެ ޒިންމާތަކުން އެކަހެރިކޮށްފަ އެވެ. އެ މުއްދަތުގައި، ގައުމީ އަންހެން ޓީމުގެ ޓްރެއިނިން ކުރިއަށްގެންދިޔައީ ކޯޗު، މުހައްމަދު ނަދީމް (ނަދީމްބެ)ގެ އިރުޝާދުގެ ދަށުންނެވެ.
މީގެ ކުރިން ވެސް ސޮފްވާންގެ މައްޗަށް އެކި ތުހުމަތުތަކެއްގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވިއިރު، ބައެއް ކުޅުންތެރިން ވެސް ސޮފްވާންގެ ޝަކުވާ އެސޯސިއޭޝަނާ ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފަ އެވެ. އެކަމަކު، އެސޯސިއޭޝަނުން އެ ފަހަރުތަކުގައި ސޮފްވާންގެ މައްސަލައިގައި ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސް، މި ފަހަރު މި ދިމާވި މައްސަލައިގައި މި ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
މި މައްސަލައިގައި، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް، ވީއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ، އެސޯސިއޭޝަނުގެ ފަރާތެއްގެ މަސްލަހަތު ރައްކާކުރަން ފޮރުވަންޖެހޭ ކަމެއް ނެތް ކަމަށެވެ.
"މީހެއްގެ ނަން ބޭނުންކޮށްގެން ޖަވާބެއް ދޭން ޖެހޭނީ ކަންކަން ބެލުމަށް ފަހު، އަންހެން ކުދިންނަށް އަދި ފިރިހެން ކުދިންނަށް ވެސް ބިރެއް ނެތި ނެޝަނަލް ޓީމު، އަދި އެސޯސިއޭޝަންގެ އެހެން ހަރަކާތްތަކުގައި އުޅެވޭނެ މާހައުލެއް އޮންނާނެ. ކަމެއް ދިމާވެއްޖިއްޔާ އެކަމެއް ބެލުމަށް ފަހު، އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެން،" ވީއޭއެމްގެ މީޑިއާ ވަޓްސަޕް ގްރޫޕުގައި، އެސޯސިއޭޝަންގެ ރައީސް، ލަތީފް ލިޔުއްވާފައިވެ އެވެ.
ވީއޭއެމް އިން ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކޮށްފި ވީއޭއެމް އިން ސޮފްވާން ފަސް އަހަރަށް ސަސްޕެންޑްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ