ރައީސުލްޖުމްހޫރިއްޔާ، މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މަރޮށި މަދުރަސަތުލް މުނައްވަރާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ.
އެގޮތުން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިރުމަތީ ފަރާތުން ގިރާ ސަރަހައްދުވެސް ހިމާޔަތްކޮށްދެއްވުމަށާއި، މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާއިރު މަގާއި ގުޅިފައިވާ މަގުތައް ހައްދަވައިދެއްވުމަށް ކައުންސިލުން ހުށައެޅުއްވިއެވެ. އަދި، ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ނެތުމުން ދިމާވާ ދަތިތައްވެސް މެންބަރުން ހިއްސާކުރެއްވިއެވެ. މީގެއިތުރުން، އޮޑިއެހެލާނެ ސަރަހައްދެއް ހައްދަވައިދެއްވުމަށާއި، ރަށުގެ ނެރު ހުރިގޮތުން މިހާރު އެކި މޫސުމުގައި ބޭނުންނުކުރެވޭތީ އެކަން ހައްލުކޮށްދެއްވުމަށާއި، ރައްޔިތުން ދަތުރުދާނެ ރަށެއް ހައްދަވައިދެއްވުމުގެ އިތުރުން ހެލްތު ސެންޓަރަށް މުވައްޒަފުން އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ