ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނީ ޕޭޕަލްއާއެކު ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ފިންޓެކް ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރުމަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށާ މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑި ހާސިލުވުން ކަމަށެވެ.
ދިވެހި ފަންނުވެރީން ކުރިއަރުވާ ޑިޖިޓަލް އަދި ކްރިއޭޓީވް އިކޮނޮމީގެ ޒަރިއްޔާއިން އިގްތިސާދުގެ އުފެއްދުންތެރިކަން އިތުރުކުރުމަކީ ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށާ ރާއްޖޭގެ ތާރީހުގައި އަލަށް ފަށާ މި މުހިންމު ހިދުމަތަކީ ފައިސާގެ މުއާމަލާތައް ކުރާ ޒަމާނީ އަދި ލުއިފަސޭހަ ވަސީލަތްތައް ތައާރަފުކުރުމާއި ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ވޮލެޓްގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް ދުނިޔޭގައި ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް މަންސަތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިދުމަތްތައް ރާއްޖެއިން ލިބޭނެ މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދު ފުދުން ކަމުގައި ވަނީ ބުނެފަ އެވެ.
މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި ކޮންޓެންޓް ކްރިއޭޓަރުންނަށް ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި ހަރަކާތްތެރިވުމަށް ފުރުސަތު ފަހިވާނެ ކަމެއް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނީ މިފަދަ ހިދުމަތްތައް ގައުމުތަކުގައި ފަށައިގަތުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ގިނަކަމާއި ފަންނީ އަދި މާލީ ޒަމާނީ މުއާމަލާތްތައް ކުރުމުގައި ރާއްޖޭފަދަ ގައުމުތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެ މިފަދަ ބައިނަލްއަގްވާމީ ހިދުމަތްތައް ރާއްޖޭގައި ފަށައިގަތުމަށް މި ސަރުކާރުން ވަރަށް އިސްކަމެއްދީ އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ އެ ހުރަސްތައް ކަަޑަތުކޮށްފައިވާ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ.
މި ހިދުމަތް ތައާރަފު ކުރުމަށްޓަކައި ޕޭޕަލް އަދި ކަމާގުޅޭ ފަރާތްތަކާއެކު ވަރަށް ގިނަ މަސައްކަތް ނިމިދިޔަ ދެ އަހަރުގެ ތެރޭގައި ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ މާލީ ނިޒާމު ހަރުދަނާ ކުރުމަށާއި އިޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާލީ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ފެށުމުގެ އިންތިޒާމު ހަމަޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ