ރަސްމާލޭގެ އިތުރުން ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުން ވެސް އެމްއޭސީއެލް އަށް ރަސްމާލޭގެ އިތުރުން ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުން ވެސް އެމްއޭސީއެލް އަށް

މާލެ ސަރަހައްދުގައި ހިއްކަން ފަށައި ނުނިމި ހުރި ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުގެ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާކަން ރައީސް މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފި އެވެ.
ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ, ބިން ހިއްކުމުގެ މަސައްކަތް ކުުރުމަށް އެމްއޭސީއެލް އިން ޑްރެޖަރު ގެންގުޅެ އޮޕަރޭޓުކުރާ ދެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
"އެކަންކަން ކުރުމަށް އެ ފަރާތުން [އެމްއޭސީއެލް އިން] އެވަނީ މިދިޔަ ދެތިން މަހެއް ތެރޭގަ ވަރަށް ތަފުސީލު ގިނަ މަސައްކަތްތަކެއް ކޮށް އެގްރީމެންޓު ކުރެވިފަ. ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާ،" މުއިއްޒު ވިދާޅުވި އެވެ.
އޭގެތެރެއިން މާލެ ސަރަހައްދުގެ ބިންތައް ހިއްކަނީ ދެވަނަ ކުންފުނިންނެވެ. އެ ކުންފުނިން ޑްރެޖަރުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.
"އަދި، އިތުރު ކުންފުންޏަކާއެކު ވެސް އެމްއޭސީއެލް އިން އެގްރީމެންޓު ހަދާފަ އެބަހުރި، މާލެ ސަރަަހައްދުގަ ހުރި. ހުޅުމާލެ ފޭސް ތިނެއް، ގިރާވަރު، އުތުރުތިލަފަޅު، މިތަންތަން ހިއްކަން ވެސް. އެގްރީމެންޓު ހަދާފަ އެހެން ކުންފުންޏަކާ އެބައޮތް. އެފަރާތުން އެބަގެނޭ ޑްރެޖަރުތައް،" މުއިއްޒު މިރޭ ވިދާޅުވި އެވެ.
މި ހުރިހާ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާތާ އެތައް މަހެއް ވަނީ ވެފަ އެވެ. އެ ތަންތަނަކީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައިވާ ތަންތަނެވެ. ނަމަވެސް، މާލެ ސަރަހައްދުގެ މަޝްރޫއުތައް އެމްއޭސީއެލް އާއި ހަވާލުކުރިކަން ސަރުކާރުން އިއުލާނެއް ނުކުރެ އެވެ.
އެމަނިކުފާނު މިރޭ ފާހަގަކުރި ފުރަތަމަ ކުންފުނިން ގެންނަނީ ތިން ޑްރެޖަރެކެވެ. މުއިއްޒުގެ ސަރުކާރުން ހިންގާ ގެދޮރުވެރިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ އޭގެތެރެއިން ދެވަނަ ޑްރެޖަރުންނެވެ. އެ ޑްރެޖަރު ރާއްޖެ އަންނާނީ ނޮވެމްބަރު މަހުގެ މެދަކާ ހިސާބުން ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.
ދެން ގެންނަ ދެ ޑްރެޖަރުގެ ތެރެއިން ފުރަތަމަ ޑްރެޖަރުން ތ. ވިލުފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނެ ކަމަށާއި ތިންވަނަ ޑްރެޖަރުން ހއ. ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމަށްފަހު ށ. އަތޮޅުގައި ހިއްކަން ހުރި ބިންތައް ހިއްކާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާ ތަފުސީލުކޮށް ވެސް އަޅުގަނޑު ބޭނުންވީ ދަންނަވަން. ކިހިނެއްތޯ އަޅުގަނޑުމެން މިކަންކަން ކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.
މި ތަފުސީލުތަށް ދެނީ، ސަރުކާރުން މި ހުރިހާ މަޝްރޫއެއް އެކީގައި ކުރިއަށް ގެންދާނެ ގޮތަކާމެދު "އެކި މީހުން" ސުވާލު އުފައްދަމުންދާތީ، ރައްޔިތުންނަށް ހަގީގަތް ހާމަކުރުމަށް ކަމަށް ވެސް އެމަނިކުފާނު މިރޭ ފާހަގަކުރެއްވި އެވެ.
މާލެ ސަރަހައްދުގައި ހުރި ބިން ހިއްކުމުގެ ހުރިހާ މަޝްރޫއެއް އެމްއޭސީއެލް އަށް ދޭން ނިންމާފައިވާއިރު، އެ ކުންފުނިން މިހާރު ވަނީ މިކަމަށް ހާއްސަކޮށް އައު ކުންފުންޏެއް އުފައްދާފަ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރެޖިސްޓްރީން ދައްކާ ގޮތުގައި ޕެނިންސޫލާ އިންފްރާސްޓްރަކްޗާ ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އުފައްދާފައި މި ކުންފުނީގެ 100 ޕަސެންޓު ހިއްސާދާރަކީ އެމްއޭސީއެލް އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އެމްއޭސީއެލްގެ ވެސް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝަރީފެވެ.
އެމްއޭސީއެލްގެ އައު ކުންފުންޏާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން އެކި މަސްދަރުތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އަލަށް އުފެއްދި ޕެނިންސޫލާ ކުންފުނީގެ ކެޕިޓަލްގެ ގޮތުގައި 70 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން އެމްއޭސީއެލްގެ އިސްވެރިން ދަނީ މަޝްވަރާ ކުރަމުންނެވެ. އެކަމާމެދު މިހާތަނަށް ވަކި ގޮތެއް ނިންމިކަން ކަށަވަރެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ