ކަނޑުގެ މައްސަލައިގެ ހޯދުންތައް މި މަހު ކެބިނެޓަށް ހުށަހެޅޭނެ: ބަންޑާރަނައިބު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނާ މައްސަލައިގެ ހޯދުންތައް މި މަހު ވަޒީރުންގެ މަޖިލީސް (ކެބިނެޓަށް) ހުށަހެޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި ކަމަށް ދިވެހީން ގަބޫލުކުރާ ކަމަށާއި އެކަން ގޮސްފައި އޮތީ ކިހާ ހިސާބަކަށްތޯ ސުވާލު ކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އުޝާމް މިއަދު ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް: އޭނާ ވަނީ ކަނޑުގެ މައްސަލައިގައި ބަންޑާރަ ނައިބާ ސުވާލުކުރައްވާފައި -- ފޮޓޯ: މަޖިލިސް އެ މައްސަލަ، ރާއްޖޭއާއި ރާއްޖޭން ބޭރުގެ ކަމާ ގުޅުންހުރި ތަކުރިބާކާރުން ކުއްޔަށް ނަގައިގެން ކުރިއަށް ގެންދެވޭ ގޮތްތައް ބަލަމުން އަންނަ ކަމަށް އުޝާމް ވިދާޅުވިއެވެ. އެކަމަކު، އެ މަސައްކަތް އެއްކޮށް ނުނިމޭކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަޅުގަނޑަށް ލަފާކުރެވެނީ، ވަރަށް ބޮޑަށް އުންމީދުކުރެވޭ މި މަސްތެރޭ އަޅުގަނޑުމެންނަށް ކެބިނެޓަށް އަޅުގަނޑުމެންގެ ފައިންޑިންސް ހުށަހެޅޭނެ ކަމަށް،ބަންޑާރަނައިބު އަހުމަދު އުޝާމް މީގެ އިތުރުން، ކެބިނެޓުން މައްސަލައިގައި ގޮތެއް ނިންމުމުން ކަނޑުގެ މައްސަލައިގައި ކުރިއަށްދާނެ ގޮތްތައް އިއުލާނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، މެންބަރުގެ ސުވާލުތަކަށް ޖަވާބުދެވޭނީ މައްސަލަ އެއްކޮށް ބަލައި ނިމުމުން ކަމަށް ވިދާޅުވެ، އުޝާމް ވާހަކަ ކުރުކޮށްލެއްވިއެވެ. https://sun.mv/209889 ބަންޑާރަނައިބު އެހެން ވިދާޅުވިއިރު، ކުރީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޔުގްނައުތަށް ފޮނުއްވި ސިޓީ ނުފޮނުއްވި ނަމަ، ގެއްލުނު ކަނޑުގެ މައްސަލައިގައި ސާފުކޮށް ރާއްޖެއަށް ކުރިއަށް ދެވެން އޮތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް މިދިޔަ އޮގަސްޓު 13ގައި ވަނީ ވިދާޅުވެފައެވެ. އޭގެ ކުރިން، މިދިޔަ މެއި މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މިދިޔަ 2023 އަހަރު އިޓްލޮސްއިން ނިންމީ ރާއްޖޭން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމްކުރުމާ އެކު އޭރު އިދިކޮޅުގައި ތިބި ޕީޕީއެމް/ޕީއެންސީން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ކަނޑުން ބައެއް "ވިއްކައިލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ގޮވައިލިއެވެ. މި ސަރުކާރުން ދެކެނީ އެ މައްސަލައިގައި ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތަކީ ގާނޫނުއަސާސީއާއި ގާނޫނުތަކާ ފުށުއަރާ، އަދި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. https://sun.mv/205536 އިިނގިރޭސިން ޗާގޯސްގެ ރަށްތަކަށް ވެރިވެގަތީ 1965ވަނަ އަހަރު މޮރިޝަސް އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައި އޮތްއިރެވެ. އަދި، ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ގާއިމުކޮށް ހިންގުމަށް ކުއްޔަށް ދީފައިވަނީ 2036ގެ ނިޔަލަށެވެ. ނަމަވެސް، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި، އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ. އެ ރަށްތަށް އަނބުރާ މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުގެ ކިބައިން އދ. އިން ވެސް ވަނީ ތަކުރާރުކޮށް އެދިފައިވެއެވެ. އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. އެ ކޮމިޓީގައި އިސްކޮށް ހުންނަވަނީ ކުރީގެ ބަންޑާރަނައިބު މުހައްމަދު އަނިލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ